ހދ ނޭކުރެންދޫގައި އަޅަން ހަމަޖެހިފައިވާ ޖަލު އެޅުމަށް މިހާތަނަށް އަމަލީ ގޮތުން ކުރެވިފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ އާ ސުވާލުކުރުމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ހުށަހަޅުއްވައިފިއެވެ.
ހޯމް މިނިސްޓަރާއި ކުރުމަށް ރާއީ ހުށަހަޅުއްވާފައިވާ ސުވާލުގައި ވަނީ 2019 ވަނަ އަހަރުން ފެށިގެން ސަރުކާރުން ހދ. ނޭކުރެންދޫގައި ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ގާއިމުކުރުމަށް ނިންމާފައިވާ ކަރެކްޝަނަލް ސެންޓަރު އެޅުމަށް މިހާތަނަށް ކުރެވިފައިވާ އަމަލީ މަސައްކަތަކީ ކޮބައިތޯއެވެ. އަދި ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން އެކަމަށް ބަޖެޓްކުރާ ފައިސާއިން ކޮށްފައިވާ ޚަރަދުތަކުގެ ތަފްސީލަކީ ކޮބައިތޯއެވެ.
ނޭކުރެންދޫ ޖަލުގެ އަމަލީ މަސައްކަތް ގޮސްފައިވާ ހިސާބު ސާފުކުރުމަށް މިދިޔަ އަހަރުވެސް ރާއީ ވަނީ ހޯމް މިނިސްޓަރާއި އެކި ފަހަރު މަތިން ސުވާލުކުރައްވާފައެވެ. މިދިޔަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރު ކުރެއްވި ސުވާލަކީ ބަޖެޓުން 17.4 މިލިއަން ރުފިޔާ ކަނޑައަޅައި، ހދ. ނޭކުރަންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖަލުގެ މަސައްކަތް ގޮސްފައިވާ ހިސާބަކީ ކޮބައިތޯއާ މިކަމުގެ ޢަމަލީ މަސައްކަތް ފެށޭވަރު ވާނީ ކިހާ ހިސާބެއްގައިތޯއެވެ.
މިސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ އެދުވަހު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ޖަލުގެ މަސައްކަތް މަޑުޖެހިފައިވާ ކަމަށެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ހ.ދ ނޭކުރެންދޫގައި ޖަލު އެޅުމުގެ މަޝްރޫއު އަލުން މުރާޖާ ކުރަންޖެހިފައިވާކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ ކުރިން ރާވާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭ ހިސާބަށް ގެންދިއުމަށް ކަމަށެވެ. އެހެންނަމަވެސް ކޮވިޑް-19 ގެ ސަބަބުން މިހާރު މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހިފައިވާ ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މުރާޖައާ ކުރުމަށްފަހު ދައުލަތުގެ ބަޖެޓުގެ ކެރި ފޯރިންތެރިކަން ހުރި މިންވަރަކުން 2020 ވަނަ އަހަރުވެސް އަމަލީ މަސައްކަތް ފެށުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މިނިސްޓަރ އެދުވަހުގެ ޖަލްސާގައި އިތުރަށް ވިދާޅުވީ އެތަނަށް ބަދަލުކުރެވޭ މީހުން ރިހިބިލިޓޭޓް ކުރުމަށް ވޮކޭޝަނަލް ޓްރެއިނިން ދިނުމުގެ އިންތިޒާމް ހަމަޖެހޭ ފަދަ ގޮތަކަށް ޖަލު ބިނާ ކުރުމަށްޓަކައި ޔުނައިޓެޑް ނޭޝަން އޮފީސް އޮން ޑްރަގް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގެ އެހީތެރިކަމާއެކު އެ ޖަލުގެ ކޮންސެޕްޓު އެއްކޮށް ފައިނަލް ކުރެވިފައިވާ ކަމަށެވެ. އަދި އުންމީދު ކުރައްވަނީ ކޮވިޑް-19 އިން އަރައިގަނެ، ދައުލަތުގެ ބަޖެޓުގެ ފޯރުންތެރިކަން ހުރި މިންވަރަކުން 2020 ވަނަ އަހަރުގެ ތެރޭގައި މަސައްކަތް ފެށިގެން ދިއުން ކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 22 ވަނަ ދުވަހު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވެސް ރާއީ ވަނީ ނޭކުރަންދޫ ޖަލުގެ ފުރަތަމަ ފޭސް ކުރިޔަށް ގެންދިޔުމަށް ބަޖެޓްކުރެވިފައިވާއިރު އެމަސައްކަތް އަމަލީ ގޮތުން ފެށޭނެ ތާރީޚަކާއި ގުޅޭގޮތުން މިނިސްޓަރަށް ސުވާލު ދަންނަވާފައެވެ. އެދުވަހުވެސް މިނިސްޓަރ ވިދާޅުވެފައިވަނީ ޖަލުގެ މަސައްކަތް 2020 ވަނަ އަހަރު ކޮންމެސް ގޮތަކުން ފެށޭނެކަމަށް އުންމީދުކުރައްވާކަމަށެވެ.
ނޭކުރަންދޫގައި އެޅުމަށް ސަރުކާރުން ނިންމާފައިވާ ޖަލަކީ ޕްރިޒަން ރިފޯމް އެޖެންޑާގެ ތެރެއިން ސަރުކާރުން އިސްކަމެއްދީގެން ކުރުމަށް ގަސްތުކޮށްފައިވާ ބޮޑު މަޝްރޫއެކެވެ. އެހެންކަމުން 2020 ވަނަ އަހަރުގެ ބަޖެޓްގައި އެކަމަށް ސަތާރަމިލިއަން ހަަތަރު ލައްކަ ރުފިޔާ ހަމަޖެހި އެމަސައްކަތް ފެށުމަށް ރައީސް އޮފީހުން ހޯމް މިނިސްްޓްރީ އާ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ހަވާލުކޮށްފައިވެއެވެ.
ރައީސް އޮފީހުގެ ނިންމެވުމާއި ގުޅިގެން ވަކި ޝެޑިއުލެއްގެ ތެރެއިން 2020 ވަނަ އަހަރަށް ކަނޑައެޅިފައިވާ މަސައްކަތް ކުރުމަށް ރާވާއި ކުރިޔަށް ގެންދަން ފަށާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މަރޗް މަހުގެ 17 ވަނަ ދުވަހު އީއައިއޭ އަދި އެސްއައިއޭ ހެދުމަށް އިއުލާންކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް އެމަސައްކަތް ހަވާލުކުރުމާއި ހަމައަށް ނުދަނީސް ކޮވިޑް-19 އާއި ގުޅިގެން ލޮކްޑައުންއަށް ދާންޖެހި މުޅި މަސައްކަތް ހުއްޓުމަކަށް އައީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ނޭކުރެންދޫގައި އަޅަން ނިންމާފައިވާ ޖަލާއި ގުޅޭ ގޮތުން ހޯމް މިނިސްޓްރީން ޖަލުގެ ކޮންސެޕްޓްއެއް ތައްޔާރުކޮށްދޭނޭ ފަރާތެއް ހޯދުމަށް އެދި މީގެ ހަތަރު ދުވަސް ކުރިން ވަނީ އިއުލާންކޮށްފައެވެ. އޭގެ އިތުރުންވެސް އެޖަލާއި ގުޅޭ ގޮތުން މިނިސްޓްރީން ވަނީ މީގެ ކުރިން އިއުލާންތަކެއްކޮށް އެކި ސަބަބުތަކާހުރެ އެ އިއުލާންތައް ބާތިލުކޮށްފައެވެ.
އެގޮތުން މީގެ ދިހަ ދުވަސް ކުރިންވެސް ޖަލާއި ގުޅޭ ކޮންސެޕްޓް ޕްލޭންއެއް ހަދަން ކުރި އިއުލާނެއް ބާތިލުކޮށް އަލުން ވަނީ އެކަމަށް އިއުލާންކޮށްފައެވެ. އަދި ހިނގަމުންމިދާ އޮގަސްޓް މަހުގެ ކުރީކޮޅު އެ ޖަލާއި އިންވެގެން އޮންނަ ދިގުމަގާއި، ހުރަސްމަގު ކަޑަޖަހައި އިންޖަހައި ފާހަގަކޮށްދިނުމާއި، ގަސްނަގައި މަގުސާފުކޮށްދޭނެ ފަރާތެއް ހޯދަންވެސް ހޯމް މިނިސްޓްރީން އިއުލާންކޮށްފައިވެއެވެ.