ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނުވަތަ ރައްޔިތުންގެ މަންދޫބުންގެ ހާޒިރީގެ ވާހަކައަކީ އަބަދުވެސް ދައްކަމުން އަންނަ ވާހަކައެކެވެ. އެވާހަކަ ދައްކާ ސަބަބުތައްވެސް ބައިވަރެވެ. އެއީ ރައްޔިތުންގެ މަންދޫބުންނެވެ. ބޮޑު މުސާރަ ނަންގަވައިގެން ބޭނުންވާ ގާނޫނުތައް ހެދުމަށް ފަސް އަހަރުގެ މުއްދަތަށް އެމެމްބަރުން ގޮނޑިއަށް ވަޑައިގަންނަވަނީ ރައްޔިތުންނަށް އެތައް ވައުދުތަކެއް ވުމަށްފަހުއެވެ. ނަމަވެސް ފަސް އަހަރުގެ ދައުރެއް ނިމިގެންދާއިރު ދާއިރާގެ ރައްޔިތެއް ލޮލަށް ނުފެންނައިރު މަޖިލީހުގައި ތަމްސީލުކުރާ ގޮނޑިވެސް ބައެއް މެންބަރުންނަށް ފެނިވަޑައިގަންނަވަނީ ހާލަކުން ފަހަރުއެވެ. މިއީ ހަގީގަތުގައިވެސް ސީރިއަސް މައްސަލައެކެވެ. މައްސަލައިގެ ސީރިއަސްކަން ބޮޑުވަނީ އާންމު ގޮތެއްގައި ހާޒިރީގެ ފުލުން އެއް މެންބަރުންތަކެއް ޖާގަހޯއްދަވާތީއެވެ.
މަޖިލީހުގެ ގޮނޑި ފައިސާ ހުރިއްޔާ ކާމިޔާބުކުރުމަކީ ދާދި ފަސޭހަކަމެއްކަން އެއީ އެންމެންނަށްވެސް އެނގޭ ކަމެކެވެ. މަޖިލީހުގައި ތިއްބެވި މެންބަރުންގެ ތެރޭގައި ރާއްޖޭގައި ފާހަގަކޮށްލެވޭ މަހުޖަނުން ތިބުމަކީ އޭގެ ހެއްކެކެވެ. ނަމަވެސް މި މަހުޖަނުންގެ ފަރާތުން އެދެވޭ މަސައްކަތްތަކެއް މަޖިލީހުގެ ތެރެއިން ފެނިގެންނުދާކަމަކީ މިމައްސަލަ ސީރިއަސްވާ ސަބަބެވެ. ހާޒިރީގެ ފުލުން ޖާގަ ހޯދާ މެމްބަރުންގެ ތެރޭގައި ތަކުރާރުކޮށް ފާހަގަކުރެވެނީ މި މެންބަރުންނެވެ.
މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިދިޔަ އަހަރު ބޭއްވި 104 ޖަލްސާގެ ހާޒިރީއަށް ބަލާލިނަމަވެސް ފެންނަނީ މިފަދަ މަންޒަރެކެވެ. ހަ ރިސޯޓެއް ހިންގަވާ އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރުކަން ކުރައްވާ 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން މީދޫ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ މެމްބަރ އަހުމަދު ސިޔާމް މުހައްމަދަކީ ޖަލްސާތަކަށް ވަޑައިނުގަންނަވާ މެންބަރުންގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯއްދަވާ އެއް މެމްބަރެވެ. މިދިޔަ އަހަރު ބޭއްވި 104 ޖަލްސާގެ ތެރެއިން 79 ޖަލްސާގައި ސިޔާމް ހުންނެވީ ސަލާމުގައެވެ. 18 ޖަލްސާއަށް ވަޑައިނުގަންނަވާއިރު އެއްވެސް އެއްޗެއް މަޖިލީހުގެ އިދާރާއަށް އަންގަވާފައެއްނުވެއެވެ. ޖުމްލަ 97 ޖަލްސާއަށް ސިޔާމް ވަޑައިނުގަންނަވާއިރު ސިޔާމަށް ވަޑައިގެންނެވިފައިވަނީ އެންމެ 7 ޖަލްސާއަށެވެ.
މިލިސްޓުން ދެ ވަނަ މިދިޔަ އަހަރު ލިބުނީ ފަސް ރިސޯޓުގެ ވެރިޔާ، ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލި ދާއިރާގެ މެންބަރ ގާސިމް އިބްރާހީމަށެވެ. ސަރުކާރު ކޯލިޝަންގެވެސް އިސް ބައިވެރިއެއްގެ ގޮތުގައި ހުންނެވި ގާސިމް މިދިޔަ އަހަރު ބޭއްވި 104 ޖަލްސާގެ ތެރެއިން 91 ޖަލްސާގައި ވަނީ ސަލާމުގައި ހުންނަވާފައެވެ. އެހެންކަމުން ގާސިމް މިދިޔަ އަހަރު ހާޒިރުވެ ވަޑައިގަންނަވާފައިވަނީ 13 ޖަލްސާއަށެވެ. ގާސިމަކީ ޚާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވި ބޭފުޅެއްގެ އިތުރުން 18 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ކުޑަދުވަސްކޮޅަކު ރައީސްކަން ކުރެއްވި ބޭފުޅެކެވެ.
މިލިސްޓުން ތިން ވަނަ މިދިޔަ އަހަރު ލިބިވަޑައިގަންނަވަނީ އިދިކޮޅު ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރ އޭދަފުށި ދާއިރާގެ މެންބަރ އަހުމަދު ސަލީމަށެވެ. ސަލީމު 25 ޖަލްސާގައި ސަލާމުގައި ހުންނެވިއިރު 13 ޖަލްސާއަށް ވަޑައިނުގަންނަވާ އެއްވެސް އެއްޗެއް މަޖިލީހުގެ އިދާރާއަށް އަންގަވާފައެއްނުވެއެވެ. އެހެންކަމުން 104 ޖަލްސާގެ ތެރެއިން 38 ޖަލްސާއަށް ސަލީމު ހާޒިރުވެ ވަޑައިގެންފައެއްނުވެއެވެ.
ހާޒިރީގެ ވާހަކަ އަނެއްކާވެސް ދައްކާލަން މިޖެހުނީ މިއަހަރުގެ ދެވަނަ ދައުރުގެ ހާޒިރީ އާންމުކުރުމާއި ގުޅިގެންނެވެ. މިއަހަރުގެ ދެވަނަ ދައުރުގައި 22 ޖަލްސާއެއް ބާއްވާފައިވާއިރު ހާޒިރީން މިފަހަރު ކުރި ހޯއްދަވާފައިވަނީ ސިޔާމް ވައްޓާލުމަށްފަހު ގާސިމެވެ. ގާސިމް ހުންނެވީ ދެ ވަނަ ދައުރުގެ ހުރިހާ ޖަލްސާއެއްގައި ސަލާމުގައެވެ. ކޮވިޑް-19ގެ ސަބަބުންކަމަށް ވިދާޅުވެ ގާސިމް ޖަލްސާތަކަށް ސަލާމް ވިދާޅުވެފައިވާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ ބައެއް ޖަލްސާތައް ކުރިޔަށް ގެންގޮސްފައިވަނީ ވީޑިއޯ މެދުވެރިކޮށްކަމެވެ. އެހެންކަމުން މެމްބަރަކު ހުންނެވި ކޮންމެ ތާކުންވެސް ޖަލްސާތަކުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު އޮތީ ފަހިވެފައެވެ. ގާސިމް މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތަކަށްވެސް ހާޒިރުވެވަޑައިގެންފައިނުވެއެވެ. ނަމަވެސް ތިން ވަނަ ދައުރުގެ ޖަލްސާތަކުގައި ގެންދަވަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.
ދެވަނަ ދައުރުގައި ހާޒިރީން ފުލުން ދެވަނަ އަށް ޖާގަ ހޯއްދަވާފައިވަނީ ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދެވެ. 22 ޖަލްސާގެ ތެރެއިން 11 ޖަލްސާއަކަށް މެންބަރު ހުސައިން ވަހީދު ވަޑައިނުގަންނަވައެވެ. އަދި ހަ ޖަލްސާއަކަށް ސަލާމް ވިދާޅުވެފައިވާއިރު މުޅި ޖުމްލަ 17 ޖަލްސާއަކަށް ވަޑައިގެންފައިނުވެއެވެ.
ސިޔާމް މިފަހަރު އޮތީ ހާޒިރީލުގެ ފުލުހުން ތިން ވަނާގައެވެ. ނިމިދިޔަ ދައުރުގައި ސިޔާމް ވަޑައިގެންނެވީ 8 ޖަލްސާއަކަށެވެ. އަދި 14 ޖަލްސާއަކަށް ވަޑައެއް ނުގަންނަވައެވެ.
ދެވަނަ ދައުރުގެ ގިނަ ޖަލްސާތަކަކަށް ކާށިދޫ ދާއިރާގެ މެންބަރު އަދި ޔޮޓް ޓުއާސްގެ ވެރިޔާ ޖާބިރު ވެސް ވަޑައިގެންފައެއްނުވެއެވެ. އެގޮތުން ނުވަ ޖަލްސާއަކަށް ޖާބިރު ވަޑައިގެންފައެއް ނުވެއެވެ. އަދި ތިން ދުވަހަކު ސަލާމުގައި ހުންނެވިއިރު މުޅި ޖުމްލަ 12 ޖަލްސާ އަކަށް ޖާބިރު ވަޑައިގެންފައެއްނު ވެއެވެ.
މެންބަރުންގެ ހާޒިރީގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނައުމަށްޓަކައި މިހާރު އަމަލުކުރަމުންދާ މަޖިލީހުގެ ގަވާއިދުގައި ވަނީ ސަލާމާއި ޗުއްޓީގައި ތިބޭ މެންބަރުން ފިޔަވައި، އެ މަހެއްގެ ތެރޭގައި ބޭއްވޭ ޖަލްސާތަކުގެ ދެބައިކުޅަ އެއްބައި ޖަލްސާތަކަށް މެމްބަރަކު ހާޒިރުނުވެއްޖެނަމަ އެ މެމްބަރެއްގެ މުސާރައިން 50 އިންސައްތައަށްވާ މިންވަރު ކަނޑަން ޖެހޭނެކަމަށެވެ. މިބަދަލާއެކުވެސް ހިތު ހުރިވަރަކަށް ޖަލްސާތަކަށް ސަލާން ވިދާޅުވާ މެންބަރުންގެ މުސާރައަށް އަދިވެސް ބަދަލެއް ނާދެއެވެ. އެ މެންބަރުންގެ މުސާރައިން އުންޏެއްނުވެއެވެ. ސަލާމުގައި ހިތުހުރި ދުވަހަކު ތިއްބަވަންވީއެވެ.
އާންމު ނިކަމެތި ރައްޔިތު މީހާއަށް ބުނެވެނީ އަހަރަކު އެންމެ ގިނަވެގެންވެސް 30 ސަލާމެވެ. ގަޑިޖެހިއްޖެނަމަ މުސާރައިން އެބައި އުނިކުރެއެވެ. އޮފީހަށް ހާޒިރުނުވެ އެއްޗެއް ނާންގާ ޖެހިޖެހިގެން 15 ދުވަސް ހުރެއްޖެނަމަ ވަޒީފާ ގެއްލެއެވެ. އެހެންނަމަވެސް ބޮޑު މުސާރަ ނަންގަވައިގެން ތިއްބަވާ ރައްޔިތުންގެ ޚާދިމުން ހަމަ ހިތުހުރިވަރަކަށް ސަލާން ބުނަންވީއެވެ. ހިތަށް އެރީމާ ހިތަށް އެރި ދުވަހަކު ޖަލްސާއަށް ހާޒިރުވާންވީއެވެ. ހިތުހުރިވަރަކަށް ގަޑިވެސް ޖެހެންވީއެވެ. މިހުރިހާ ކަމެއް ކުރައްވައިގެން މެންބަރެއްގެ ގޮތުގައި ހުންނަވާ ލިބިވަޑައިގަންނަވާ ހުރިހާ ފައިދާއަކާއި އިނާޔަތެއްވެސް ނަންގަވަންވީއެވެ.
ކަންމިހެން އޮތްއިރު އިމެއް ނެތްގޮތުގައި ރައްޔިތުންގެ މަންދޫބުން ސަލާމުގައި ތިއްބަވާ ތިއްބެވުމަށް ނިމުމެއް ގެންނަންނުޖެހޭބާވައެވެ؟