ކ. މާލެ
|
21 އޯގަސްޓް 2021 | ހޮނިހިރު 07:21
ތާލިބާންގެ މިހާރުގެ ލީޑަރޝިޕްގެ މުހިންމު ބައެއް މީހުން
ތާލިބާންގެ މިހާރުގެ ލީޑަރޝިޕްގެ މުހިންމު ބައެއް މީހުން
ޓައިމްސް އޮފް އިންޑިއާ
އަފްޣާނިސްތާނުގެ މިހާރުގެ ހާލަތު
ތާލިބާންގެ ވެރިންނަކީ ކޮން ބައެއް؟
ތާލިބާންގެ އެންމެ ސީނިއަރ ލީޑަރޝިޕްގައި ހިމެނޭ ގިނަ ހަނގުރާމަ ވެރިންނަކީ އެމެރިކާއިން ތަމްރީނުވެފައިވާ ހަނގުރާމަވެރިން
ތާލިބާނުން އަންނަނީ ކުރިން އެޖަމާއަތުން އަމަލުކުރަމުންދިޔަ ގޮތާއި ޚިލާފަށް މިފަހަރު އަމަލުކުރަމުން

ޒަމާނުއްސުރެވެސް ތާލިބާނުގެ ލީޑަރޝިޕް މަސައްކަތް ކުރަމުން އަންނަ ގޮތާއި ލީޑަރޝިޕްގައި ތިބޭ މީހުންނަކީ ދުނިޔެއަށް އެހާ ސާފުކޮށް އެނގޭ ކަންތައްތަކެއް ނޫނެވެ. އަބަދުވެސް ތާލިބާންގެ ލީޑަރޝިޕަކީ ހިޔަންޏެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ބަޔެކެވެ. 2001 ވަނަ އަހަރު އެމެރިކާއިން އަފްޣާނިސްތާނަށް އަރާ އެގައުމުގައި އޭރު ވެރިކަން ކުރަމުން އައި ތާލިބާން ސަރުކާރު ވައްޓާލުމާ ހަމައަށްވެސް އެޖަމާއަތް މަސައްކަތްކުރާ ގޮތަކީ އެހާ ބޮޑަށް ދުނިޔެއަށް އެނގޭ ކަންތައްތަކެއް ނޫނެވެ. އަބަދުވެސް އެނގެނީ އެޖަމާއަތުގައި އިސްކޮށް ހަރަކާތްތެރިވާ މަދު ލީޑަރުންތަކެކެވެ.

އެމެރިކާއިން އަފްޣާނިސްތާނުގައި ތާލިބާނުންނާ ދެކޮޅަށް ކުރިޔަށް ގެންދިޔަ 20 އަހަރުވީ ދިގު ހަނގުރާމަ ނިމުމަކާ ހިސާބުން އަނެއްކާވެސް ތާލިބާނުން ވަނީ އަފްޣާނިސްތާނު އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ. ނަމަވެސް މިފަހަރު ތާލިބާނުން ފެންނަނީ މީގެކުރިން އެޖަމާއަތުން އަމަލުކުރަމުން ދިޔަ ގޮތާއި ދައްކަމުންދިޔަ ވާހަކަތަކާއި އަޅާ ކިޔާއިރު އުޑާ ބިމާހާ ތަފާތު ބައެއްގެ ގޮތުގައެވެ. 1996 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރު އެމެރިކާއިން އަފްޣާނިސްތާނަށް އެރުމާ ހަމައަށްވެސް ދުނިޔެއަށް ފެނިފައިވާ ތާލިބާން ޖަމާއަތަކީ އެހާތަނަށް ދުނިޔެ ދުށް އެންމެ ހަރުކަށި ގޮތްތައް ގެންގުޅުނު ހަނގުރާމަ ވެރި ޖަމާއަތްކަމަށް ބުނެވެއެވެ.

އެމީހުންގެ ހަރުކަށި ކަމާއި ގަބޫލުކުރާ ގަބޫލުކުރުންތަކަކީ ނުރައްކާތެރި ކަންތައްތަކުގެ ގޮތުގައި ވަނީ ބެލިފައެވެ. ނަމަވެސް މިފަހަރު ތާލިބާނުން އަދި މިހާތަނަށް ދުނިޔެއަށް ދައްކަމުން އަންނަނީ އޭރު އެޖަމާއަތުން ގަބޫލުކުރި އުސޫލުތަކާއި ޚިލާފު އުސޫލުތަކެއް ގަބޫލުކުރާ ބައެއްގެ ގޮތުގައެވެ.

އެއީ އެމްނެސްޓީގެ ހިމާޔަތް ހޯދުމަށް އެދޭ އަފްޣާނިސްތާނުގެ ފަސްގަނޑުގައި ތިބި މީހުންނަށް އެފުރުސަތު ދިނުމާއި، އެކި ނަސްލުތަކުގެ މީހުން އެކުވެ އުފެދޭ ސަރުކާރެއް އުފެއްްދުމާއި، ޓެރަރިސްޓް ޖަމާއަތްތަކަށް އަފްޣާނިސްތާނުގެ ބިމުން ޖާގަ ނުދިނުމާއި އަންހެނުންނަށް އިސްލާމީ ޝަރީޢަތާއި އެއްގޮތަށް މަސައްކަތްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމާއި އަންހެނުންނަށް ތައުލީމު އުނގެނުމުގެ ފުރުސަތު ދިނުމެވެ. މިކަންތައްތަކަކީ ތާލިބާން ޖަމާއަތް އެމެރިކާ އާއި އެމެރިކާގެ ބައިވެރިން ބަލައިގަތުމަށް ކޮށްފައިވާ ޝަރުތުތަކުގެ ތެރޭގައިވެސް ހިމެނޭ ކަންކަމެވެ. އެނޫންގޮތަކަށް އަފްޣާނިސްތާނުގައި އުފެދޭ ތާލިބާން ސަރުކާރެއް އެމެރިކާއިން ބަލައެއް ނުގަންނާނެއެވެ.

ތާލިބާންގެ އެންމެ ސީނިއަރ ލީޑަރޝިޕްގައި ހިމެނޭ ގިނަ ހަނގުރާމަ ވެރިންނަކީ 1980 ވަނަ އަހަރު ތެރޭގައި އަފްޣާނިސްތާނަށް އޭރު އަރާތިބި ސޯވިއެޓް ޔޫނިއަން ނުވަތަ މިހާރުގެ ރަޝިޔާ އާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެމެރިކާއިން ތަމްރީން ހޯދާފައިވާ ހަނގުރާމަވެރިންނެވެ. ތާލިބާން ޖަމާއަތުގައި ހިމެނޭ ގިނަ މީހުން ނިސްބަތްވަނީ އަފްޣާނިސްތާނުގެ ދެކުނުގެ ސަރަހައްދަށެވެ.

ހިބަތުﷲ އަޚުންޒާދާ (ސްޕްރީމް ލީޑަރ ނުވަތަ ރޫހީ ލީޑަރ)

ހިބަތުﷲ އަޚުންޒާދާ

1961 ވަނަ އަހަރު އުފަންވެފައިވާ ހިބަތުﷲ އަކީ ތާލިބާންގެ ތިން ވަނަ ސްޕްރީމް ލީޑަރެވެ. ސްޕްރީމް ލީޑަރ ނުވަތަ ރޫހީ ލީޑަރަކީ ތާލިބާން ޖަމާއަތުގެ އެންމެ އިސް މަގާމެވެ. ހިބަތުﷲ ތާލިބާން ޖަމާއަތް ހިންގުމާއި ހަވާލުވެފައިވަނީ 2016 ވަނަ އަހަރު އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައި އޭރު ހުރި ސްޕްރީމް ލީޑަރ މަރާލުމާއި ގުޅިގެންނެވެ.

ހިބަތުﷲ ބޮޑަށް ފާހަގަވަނީ އަސްކަރީ ލީޑަރަކަށް ވުރެ ދީނީ ލީޑަރެއްގެ ގޮތުގައެވެ. ހިބަތުﷲ އަކީ އެހާ ބޮޑަށް އާންމުންގެ ތެރޭގައި އުޅޭ މީހެއް ނޫނެވެ. އެހެންކަމުން ގިނަ ބަޔަކަށް އޭނާ އެހާ ބޮޑަކަށް ނޭނގެއެވެ. މިސަބަބާހެދި ހިބަތުﷲގެ އާންމުވެފައިވަނީވެސް މަދު ފޮޓޯތަކެކެވެ.

އެންމެފަހުން ހިބަތުﷲ އާންމުންނަށް ފެނިފައިވަނީ މިއަހަރުގެ މެއި މަހުއެވެ. އެއީ ފިތުރު އީދާ ދިމާކޮށް އޭނާ ދިން ބަޔާނަކުންނެވެ.

އަބްދުލްޣަނީ ބިރާދަރު (ޑެޕިޔުޓީ ލީޑަރ)

އަބްދުލްޣަނީ ބިރާދަރު

ތާލިބާންގެ ޑެޕިޔުޓީ ލީޑަރަކީ އާންމުންނަށް އެންމެ ބޮޑަށް ފެންނަ މީހާއެވެ. އަދި ދެން އުފެދޭ ތާލިބާންގެ ސަރުކާރެއްގައި އެންމެ އިސްކޮށް ހުންނާނެކަމަށް ބެލެވެނީވެސް ޑެޕިޔުޓީ ލީޑަރ އަބްދުލްޣަނީ އެވެ.

އަބްދުލްޣަނީ އަކީ އަލްގައިދާގެ އެންމެ އިސްލީޑަރ އުސާމާ ބިން ލާދިން އާ ގާތްގުޅުމެއް އޮތް މީހެކެވެ. އަދި ތާލިބާން ޖަމާއަތް އުފެއްދި އެކަކު އަދި އެޖަމާއަތުގެ އެންމެ ފުރަތަމަ ސްޕްރީމް ލީޑަރ ކަމުގައިވާ މުއްލާ މުހައްމަދު އުމަރާއެކު ތާލިބާން ޖަމާއަތް އުފެއްދި އެކަކީވެސް އަބްދުލްޣަނީއެވެ.

2010 ވަނަ އަހަރު އެމެރިކާއިން ޕާކިސްތާނުގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރޭގައި ކަރާޗީގެ ޕޯޓް ސިޓީން އެމެރިކާއިން ވަނީ އަބްދުލްޣަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް 2018 ވަނަ އަހަރު އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ތާލިބާނުންނާއެކު ކުރިޔަށްގެންދިޔަ ސުލްހައިގެ ވާހަކަތަކުގެ ކުރިން އަބްދުލްޣަނީ ވަނީ މިނިވަންކޮށްފައެވެ.

އޭގެފަހުން އަބްދުލްޣަނީ އުޅެމުން ގޮސްފައިވަނީ ގަތަރުގެ ދޯހާގައެވެ. ދޯހާއަކީ ތާލިބާނުންގެ ސިޔާސީ އޮފީސް ގާއިމުކޮށްފައިވާ ތަނެވެ. އަދި ސުލްހައިގެ ވާހަކަތައް ކުރިޔަށް ގެންގޮސްފައިވަނީވެސް އެތަނުގައެވެ. އޭގެފަހުން އަބްދުލްޣަނީ އެނބުރި އަފްޣާނިސްތާނަށް އައިސްފައިވަނީ ތާލިބާނުން ކާބުލް ހިފިފަހުންނެވެ. އެނބުރި ކަންދަހާރަށް އަބްދުލްޣަނީ އައިސްފައިވާއިރު އެއީ ތާލިބާން އުފަންވި ސިޓީއެވެ.

ތާލިބާންގެ ޑިޕްލޮމެޓިކް ލީޑަރުގެ ހައިިސިއްޔަތުން އެމެރިކާ އާއެކު ސުލްހައިގެ އެއްބަސްވުމުގައި އެޖަމާއަތުގެ ފަރާތުން ސޮއިކޮށްފައިވަނީވެސް އަބްދުލްޣަނީއެވެ. މިއެއްބަސްވުމަކީ އަފްޣާނިސްތާނުގައި ތިބި އެމެރިކާ އާއި ނޭޓޯގެ ފައުޖުތައް އެގައުމުން ބޭލުމުގެ ކަންކަން ވަކި ޓައިމްލައިނެއްގެ ދަށުން ކުރުމަށް އެކުލަވާލާފައިވާ އެއްބަސްވުމެވެ.

މީގެއިތުރުން އަބްދުލްޣަނީ ވަނީ މިމަސްތެރޭގައި ތިއަންޖިންގައި ޗައިނާގެ ފޮރިން މިނިސްޓާރ ވެންގް ޔީ އާ ވެސް ބައްދަލުކޮށްފައެވެ.

ސިރާޖުއްދީން ހައްގާނީ (ހައްގާނީ ވިއުގައިގެ ލީޑަރ)

ސިރާޖުއްދީން ހައްގާނީ

ހައްގާނީ ޖަމާއަތް ނުވަތަ ހައްގާނީ ނެޓްވޯރކުގެ އެންމެ އިސް މީހެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަނީ ސިރާޖުއްދީން ހައްގާނީއެވެ. މިޖަމާއަތަކީ އެމެރިކާއިން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ޖަމާއަތެކެވެ. މިޖަމާއަތް އުފެދިފައިވަނީ 2016 ވަނަ އަހަރުއެވެ. އަދި އެއަށްފަހު ތާލިބާން ޖަމާއަތުގެ ދެވަނަ ޑެޕިޔުޓީ ލީޑަރަކަށް ސިރާޖުއްދީން ވެގެންދިޔައެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި ސިރާޖުއްދީނަކީ ވަރަށް ގިނައިން އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ދަތުރުކުރާ މީހެކެވެ. އަދި އެޖަމާއަތުގެ ފައިސާ އާއި އަސްކަރީ ހަތިޔާރުތަކާއި އަސްކަރިއްޔާއާ ގުޅުންހުރި ކަންކަން ބަލަމުންދަނީ ސިރާޖުއްދީންގެ ބެލުމުގެ ދަށުންނެވެ.

މިހާރު އެމެރިކާއިން ތާލިބާނާއެކު ކުރިޔަށް ގެންދާ ވާހަކަތަކުގައި ހައްގާނީ ނެޓްވޯރކާ މެދު ކަންކުރާނީ ކިހިނެއްކަމެއް އަދި ސާފެއް ނޫނެވެ.

ސިރާޖުއްދީންގެ ބޭބެ އަދި ތާލިބާން ޖަމާއަތުގެވެސް އިސް ލީޑަރެއް އެމެރިކާއިން 2014 ވަނަ އަހަރު ބަހްރެއިން އިން ވަނީ ހައްޔަރުކޮށްފައެވެ. އަދި ބަގްރާމް ޖަލުގައި ގެންގުޅުމަށްފަހު ހައްޔަރުކުރިތާ ހަތަރު އަހަރު ފަހުން ގައިދީން ބަދަލުކުރުމުގެ ތެރޭގައި ވަނީ މިނިވަންވެފައެވެ.

މުހައްމަދު ޔައުގޫބް (ތާލިބާން ޖަމާއަތުގެ އެންމެ އިސްލީޑަރުގެ ދޮށީ ދަރި)

މުހައްމަދު ޔައުގޫބަކީ ތާލިބާން ޖަމާއަތް އުފެއްދި އެކަކު ކަމުފައިވާ މުއްލާ އުމަރުގެ ދޮށީ ދަރިއެވެ. އަދި އެޖަމާއަތުގެ އެންމެ އިސް ލީޑަރުކަން ވާރުތަކުރާނެ މީހާވެސްމެއެވެ. މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި ޔައުގޫބާ ގުޅޭގޮތުން އެނގެނީ މަދު މައުލޫމާތުތަކެކެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޔައުގޫބް ތައުލީމް ހާސިލްކޮށްފައިވަނީ ޕާކިސްތާނުގައެވެ. އަދި މިހާރު އުޅެމުން އަންނަނީ އަފްޣާނިސްތާނުގައެވެ. ބެލެވޭ ގޮތުގައި ތާލިބާން ޖަމާއަތުގެ އަސްކަރީ ހަރަކާތްތައް ސިރާޖުއްދީން ހައްގާނީ އާއެކު ބަލަމުން ގެންދަނީ ޔައުގޫބެވެ.

އަބްދުލްހަކީމް ހައްގާނީ ( މަޝްވަރާދޭ އިސް މީހާ)

އަބްދުލްހަކީމް ހައްގާނީ

އަބްދުލްހަކީމަކީ ބެލެވޭ ގޮތުގައި ތާލިބާނުންގެ މިހާރުގެ ސްޕްރީމް ލީޑަރ ހިބަތުﷲ އަޚުންޒާދާ އާ ގާތް މީހެކެވެ. އަދި އެމެރިކާ އާއި ތާލިބާނުންނާ ދެމެދު ކުރިޔަށް ގެންދިޔަ ސުލްހައިގެ ވާހަކަތަކުގައި ޓީމުގެ އެންމެ އިސް މީހެއްގެ ގޮތުގައިވެސް ހަރަކާތްތެރިވެފައިވަނީ އަބްދުލްހަކީމެވެ. މީގެއިތުރުންވެސް އޭނާ އަކީ ދީނީ އިލްމުވެރިންގެ ސީނިއަރ ކައުންސިލްގެ އެންމެ އިސް މީހާވެސްމެއެވެ.

ޝޭރް މުހައްމަދު އައްބާސް (އިސް ޑިޕްލޮމެޓް)

ޝޭރް މުހައްމަދު އައްބާސް

ތާލިބާން ޖަމާއަތުގެ އެންމެ އިސް އެހެން ލީޑަރުންނާއި ޚިލާފަށް ޝޭރް މުހައްމަދު އައްބާސް އަކީ ފަރިތަކަމާއެކު އިނގިރޭސި ބަހުން ވާހަކަދައްކާ ދުނިޔޭގެ އެކި ހިސާބުތަކަށް ދަތުރުކޮށްފައިވާ މީހެކެވެ. އެއީ މީގެކުރިން ތާލިބާނުން އަފްޣާނިސްތާނުގައި ވެރިކަން ކުރި ދުވަސްވަރު ޑެޕިޔުޓީ ފޮރިން މިނިސްޓަރުގެ ގޮތުގައި ހުރެގެންނެވެ. 1996 ވަނަ އަހަރު ޝޭރް މުހައްމަދު އައްބާސް ވަނީ އެމެރިކާގެ ވޮޝިންގޓަނަށް އެޖަމާއަތް ގަބޫލުކުރުމަށް އޭރު އެމެރިކާގެ ރައީސްކަމުގައި ހުރި ބިލް ކްލިންޓަނަށް ދެންނެވުމަށް ގޮސްފައެވެ. ނަމަވެސް އެމެރިކާއިން ވަނީ އެޖަމާއަތް ގަބޫލުކުރުމާ ދެކޮޅު ހަދާފައެވެ.

މީގެއިތުރުން ޗައިނާއަށް ދިޔަ ސަރުކާރުގެ ވަފުދުތަކުގެ އެންމެ އިސް މީހެއްގެ ގޮތުގައިވެސް ހުންނަނީ ޝޭރް މުހައްމަދު އައްބާސްއެވެ. މީގެއިތުރުން ޝޭރް މުހައްމަދު އައްބާސްއަކީ އަބްދުލްހަކީމް ހައްގާނީގެ ޑެޕިޔުޓީވެސްމެއެވެ. އޭނާ އަކީ އަފްޣާންގެ އޮފިޝަލުންނާއެކު ކުރިޔަށްގެންދާ ވާހަކަތަކުގައި އިސްކޮށް ހަރަކާތްތެރިވާ މީހެކެވެ.

ޒަބީހުﷲ މުޖާހިދު (އިސް ސްޕޯކްސްމަން)

ޒަބީހުﷲ މުޖާހިދު

ޒަބީހުﷲ އަކީ ފާއިތުވި 20 އަހަރު ތާލިބާންގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދެމުން އައި މީހާއެވެ. ނަމަވެސް މީގެކުރިން އޭނާ މުޅިންވެސް މައުލޫމާތު ދެމުން އައި ފޯނުން ނުވަތަ ޓެކްސްޓް މެސެޖުންނެވެ.

ފުރަތަމަ ފަހަރަށް ޒަބީހުﷲ ނޫސްވެރިންނާ ބައްދަލުކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވަނީ އަފްޣާނިސްތާނު ތާލިބާންގެ ބާރުގެ ދަށަށް ގެނައުމަށްފަހު ކާބުލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އޮގަސްޓް މަހުގެ 17 ވަނަ ދުވަހު ބޭއްވި މި ބައްދަލުވުމަކީ އެންމެ ފުރަތަމަ ފަހަރަށް އޭނާ އާންމުންގެ ތެރެއިން ފެނިގެންދިޔަ ބައްދަލުވުންވެސްމެއެވެ.

ބެލެވޭ ގޮތުގައި ޒަބީހުﷲ ވެގެންދާނީ ކުރިޔަށް އޮތްތަނުގައިވެސް ބައިނަލްއަގްވާމީ މުޖުތަމައަށް ތާލިބާންގެ މެސެޖް ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނެ މީހާއަށެވެ.

- ކޮމެންޓް