ކ. މާލެ
|
7 އޯގަސްޓް 2021 | ހޮނިހިރު 00:45
ހުރިހާ އެންމެން ވެސް މިސްކިތްތަކުގައި ތިބޭއިރު މާސްކް އެޅުމަށް ވަނީ ނަސޭހަތްތެރިވެފައި
ހުރިހާ އެންމެން ވެސް މިސްކިތްތަކުގައި ތިބޭއިރު މާސްކް އެޅުމަށް ވަނީ ނަސޭހަތްތެރިވެފައި
ރާއްޖެއެމްވީ
ގުނޫތު ނާޒިލާ ނުކިޔުމަށް އެންގުން
މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ގުނޫތު ނާޒިލާ ނުކިޔުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި
 
ގުނޫތު ނާޒިލާ ކިޔުން 7 އޮގަސްޓް ވާ ހޮނިހިރު ދުވަހުގެ ފަތިސް ނަމާދުން ފެށިން މަޑުޖައްސާލުމަށް އަންގާފައިވޭ

މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ގުނޫތު ނާޒިލާ ނުކިޔުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މާލެ ސަރަހައްދުގައި ކޮވިޑުގެ ހާލަތު ރަނގަޅުވުމާއި ގުޅިގެން ސަރުކާރުގެ ފަރާތުން ވަރަށް ގިނަ ލުއިތައް ދެމުން އަންނަ ކަމަށެވެ. އެހެންކަމުން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތް، ގައިދުރުކޮށް ހެދުމާއި ޖަމާއަތުގެ ނަމާދުތަކުގައި ކޮވިޑުގެ ހާލަތާއި ގުޅިގެން ކިޔަމުން އައި ގުނޫތު ނާޒިލާ ކިޔުން 7 އޮގަސްޓް ވާ ހޮނިހިރު ދުވަހުގެ ފަތިސް ނަމާދުން ފެށިން މަޑު ޖައްސާލުމަށް އަންގާ ކަމަށެވެ.

މި ހާލަތުގައިވެސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ގުރުއާން ކިޔަވައި، އިސްތިޣުފާރު ކުރުމަށާއި، މިބަލިމަޑުކަމުން އަވަހަށް ސަލާމަތް ކޮށްދެއްވުން އެދި ގިނަގިނައިން ދުއާކޮށް އުޅުމަށް ހުރިހާ ރައްޔިތުންނަށް އިސްލާމިކް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ. މީގެ އިތުރުން ކަމާގުޅޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށާއި، ﷲގެ ރަހުމަތުން މާޔޫސްނުވެ، ސަބަބުތަކުގައި ހިފައި، ފުރިހަމައަށް ވަކީލުކޮށް އުޅުމަށް ނަސޭހަތްތެރި ވެފައިވެއެވެ.

ދުނިޔޭގައި އުފެދޭ ބަލިމަޑުކަމާއި ނުރައްކާތެރި ރޯގާ ތަކާއި ގުޅިގެން މީގެ ކުރިން ވެސް ރާއްޖޭގައި ފަރުޟު ނަމާދުތަކުގައި ގުނޫތު ނާޒިލާ ކިޔާފައިވެއެވެ.

ގުނޫތު ނާޒިލާ އަކީ ބޮޑު ކާރިސާއެއް ކުރިމަތިވުމުން ނަމާދުގެ ފަހު ރަކްއަތުގައި ކިޔާ ޚާއްސަ ގުނޫތު (ދުއާ) އެކެވެ. މާތް ރަސޫލާގެ ދުވަސްވަރުވެސް ބޮޑެތި ކާރިސާތައް ދިމާވުމުން ނަމާދުގެ ތެރޭގައި ގުނޫތު ނާޒިލާ ކިޔުއްވިއެވެ. އެގޮތުން ހަނގުރާމައެއްގައި ވަރަށް ގިނަ ހާފިޒުން ޝަހީދުވުމާއި ގުޅިގެން ވެސް ވަނީ ގުނޫތު ނާޒިލާ ކިޔުއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
100%
0%
0%
0%
0%
0%
ކޮމެންޓް