ކ. މާލެ
|
4 އޯގަސްޓް 2021 | ބުދަ 08:40
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓްގައި މިހާރު ހިމެނިވަޑައިގަންނަވަނީ 18 ވަޒީރުން
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓްގައި މިހާރު ހިމެނިވަޑައިގަންނަވަނީ 18 ވަޒީރުން
ރާއްޖެ އޮންލައިން
ރައީސް ޞާލިޙް
ރައީސް ޞާލިޙް: ރައްޔިތުންގެ ހަގީގީ ވެރިއެއް!
 
އެތެރޭގެ މައްސަލަތައް ތަހުގީގުކުރުމުގައި ދެ ފަރާތް ވެސް ފެންނަ ޒިންމާދާރު މިސާލެއް ވަނީ ދައްކައިދީފައި
 
މި ސަރުކާރަކީ ކޯލިޝަން ދަމަހައްޓައިގެން ވެރިކަން ކުރަމުންދާ ހަމައެކަނި ސަރުކާރު
 
ރައީސް ޞާލިޙް ވެރިކަމާ ހަވާލުވެވަޑައިގެން 20 ވުޒާރާއަކަށް މަސައްކަތްތައް ބެއްސެވި

2004 ވަނަ އަހަރު "ޑިމޮކްރަސީ"ގެ ނަމުގައި އައި ބަހާރަކީ އެކަމުގެ ސަބަބުން ރާއްޖޭގެ އިޖުތިމާޢީ ފޭރާމުން ފެށިގެން ދޭދޭ ފަރުދުންގެ ގުޅުމާ ހަމައަށް ހަފުސްކޮށްލި ކަމެކެވެ. ސިޔާސީ ފިކުރު ތަފާތުވެ އެއްބަނޑު އެއްބަފާ ދެބެން ވެސް ހަތަރު ކަޅި ހަމަނުކުރާ ހިސާބަށް މި ވާދަވެރިކަން ދިޔަ ދުވަސްވަރެއް ފެނިގެން ގޮސްފައިވެއެވެ.

ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތަށް 17 އަހަރު ފުރިގެންދާއިރު، މިއަދު އެ މަންޒަރު ވެސް ވަނީ ބަދަލުވެފައެވެ. ސިޔާސީ ޕާޓީތަކުގެ މަލަމަތި ބަދަލުވެ ޕާޓީތައް ބައިބައިވެ އައު ކުލަތަކުގެ އައު ޕާޓީތަކެއް ވަނީ އުފެދިފައެވެ. މިހާތަނަށް އައިރު ރައްޔިތުން ހޮވި 3 ސަރުކާރަކާއި، ބަޣާވަތެއްގެ ސަބަބުން ވެރިކަން ވެއްޓި ހުސް ޖާގަ ފުރަން އުފެދުނު ސަރުކާރެއް ފެނިގެން ދިޔައެވެ. ކުރިން ފެނުނު ކޮންމެ ސަރުކާރެއްގައި ވެސް އެއް އަޑަކަށް އިވިގެންދަނީ ރައްޔިތުންގެ ލާރިގަނޑެއް ކާލި ވާހަކަތަކެވެ. ވެރިންކަން ފެށޭތާ މާކަ ގިނަ ދުވަސްތަކެއް ނުވެ ބައިބައިވުން އުފެދެއެވެ. ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވިކަމަށް ބުނެ ކުރީގެ ވެރިޔާ ގޮޅިއަށް ލާތަން ވެސް ފެނިގެން ގޮސްފައިވެއެވެ.

2018 ވަނަ އަހަރު ރައީސް ޞާލިޙުގެ ސަރުކާރު ވެރިކަމާ ހަވާލުވީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ބޮޑު ސިޔާސީ ޕާޓީކަމުގައިވާ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އިސްނެގުމާއި ކޯލިޝަންގެ ބައިވެރިންނާއެކު މިކަންކަން ހައްލުކުރާނެކަމުގެ ހުވައާއި އުންމީދުތަކާއެކުއެވެ. މިއަދު ސަރުކާރުގެ ދައުރުގެ މެދާ ހަމައަށް ގޮސްފައިވާއިރު، ކޯލިޝަން ސަރުކާރެއްގެ އެންމެ ދިގު ރެކޯޑެއް ވެސް މި ސަރުކާރުން ވަނީ ހަދާފައެވެ. މި ކޯލިޝަނުގައި ރެނދުލާފައިވާކަމަށް ބުނެ އަޑުތައް އެތައް ފަހަރަކު ގަދަވިޔަސް، މަންޒަރު ފެނިގެންދަނީ މުޅިން ތަފާތުކޮށެވެ. ރައީސް ޞާލިޙުގެ ޙިކުމަތްތެރިކަމާއެކު ސަރުކާރުގެ ވުޒާރާތައް ހިންގުމަށް ކޯލިޝަނުގައި ހިމެނޭ ތަފާތު ފިކުރުތަކުގެ އެކި ވަޒީރުން އައްޔަންކޮށް ގަދަ ކަނޑެއްގައި މިދަނީ ދަތުރުކުރަމުންނެވެ. ދަތުރުގެ މިހާތަނަށް ދެވުނުއިރު، ވަޒީރުންގެ ގޮނޑި ފުރުއްވަމުން ގެންދެވި މެމްބަރުން ބަދަލުވެފައިވެއެވެ. އެކި ސަބަބުތަކަށްޓަކައި މި ބަދަލުތައް ވަނީ އައިސްފައެވެ.

ކޮންމެ ކަމެއްގައި ވެސް އިތުބާރު ގާއިމުކުރެވި ކާމިޔާބުވުމުގެ ފަހަތުގައި "އެކައުންޓަބިލިޓީ" ނުވަތަ އަމިއްލައިން ހެދޭ ގޯސް ގަބޫލުކޮށް އެކަން ރަނގަޅުކުރުމުގެ ކެރުމާއި ކުރިމަތިލުމުގެ ސިފަ ހުރުން ލާޒިމެވެ. މިކަން މި ސަރުކާރުން ކިތަންމެހާވެސް ރަނގަޅަށް ފެނިގެންދެއެވެ. މީގެ ކުރީގެ ސަރުކާރުތަކުގައި ވެސް ވަޒީރުން ވަކިކުރުމުގެ ވާހަކަ އަޑު އިވެއެވެ. އެއީ ސިޔާސީ ފިކުރު ތަފާތުވެ ނުވަތަ ކޯލިޝަން ރޫޅުމުގެ ސަބަބުންނެވެ. އެކަމަކު މި ސަރުކާރުގައި މިކަން ހިނގަނީ މި ދެންނެވި ގޮތަކަށެއް ނޫނެވެ.

މި ސަރުކާރު ވެރިކަމަށް އައިރު 20 ވުޒާރާއެއް އޮތް އިރު މިއަދު ފެންނަން އޮތީ 18 ވުޒާރާއެކެވެ. ވަޒީރުން ބަދަލުކުރުމުގެ ވާހަކަދައްކާއިރު، މި މަންޒަރު އެންމެ ފުރަތަމަ ފެނުނީ އަދާލަތު ޕާޓީގެ ސްލޮޓްގައި މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފް މަގާމުން ވަކިވުމުންނެވެ. ކުޑަކުދިންނަށް ކުރާ އަނިޔާއާއި، ޖިންސީ ފުރައްސާރަ އަދި ގެވެށި އަނިޔާގެ ނުރައްކާ ރާއްޖޭގައި ބޮޑުވެފައިވާއިރު، މިކަން ހައްލުކުރުމަށް ސަރުކާރުން ވީ ވައުދު ފުއްދުމުގައި މިނިސްޓަރ ޝިދާތާ ނާކާމިޔާބުވެވަޑައިގަތްކަމަށް ގިނަ ބަޔަކު ގޮވާލިއެވެ. ސަރުކާރު ވެރިކަމަށް އައުމަށް ފަހު މިފަދަ މައްސަލަތައް ފެންމަތިވާ މަންޒަރު އިތުރުވެ، ޝިދާތާއަށް ޕްރެޝަރު ބޮޑުވިއެެވެ.

މަގާމުގެ ޒިންމާ އަދާކުރެއްވުމުގައި ނާގާބިލް ކަމުގެ ފާޑުކިއުން އެންމެ ބޮޑަށް އަމާޒުވީ، ކުޑަކުދިންނާ ގުޅުން ހުރި ސީރިއަސް ގިނަ މައްސަލަތަކެއް ފެންމަތިވުމުންނެވެ. އޭގެތެރޭގައި، ދީނުގެ ނަމުގައި ފަތުރާ ހަރުކަށި ފިކުރުގެ ތެރޭގައި ކައިވެނީގެ ނަމުގައި ކުދިން ރޭޕްކުރުމާއި ކުޑަ ކުދިންނަށް ޖިންސީ ގޯނާކުރުމުގެ ގިނަ މައްސަލަތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބަލަހައްޓާ ހިޔާ އާއި ފިޔަވަތީގައި ދިމާވަމުންދިޔަ މައްސަލަތައް ހިމެނެއެވެ. މިކަމުގައި ސަރުކާރުން އިސްކުރެއްވީ ރައްޔިތުންގެ ނިންމުން ބަލައިގަތުމުގެ އަތެވެ. އެގޮތުން ޝިދާތާ އިސްތިއުފާދެއްވީ ޖެންޑާ މިނިސްޓްރީ އާއި ސަރުކާރަށް ރައްޔިތުންގެ އިތުރުބާރު ކުޑަވިޔަ ނުދިނުމަށް ރާއްޖޭގެ މަސްލަހަތު ހުރި ގޮތަކީ އިސްތިއުފާ ދެއްވުން ކަމަށް ގަބޫލުކުރެވޭތީކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

މިއަދު އެ މަގާމާ ޢާއިޝަތު މުޙައްމަދު ދީދީ ހަވާލުވެވަޑައިގެން މެނިފެސްޓޯގައި ހިމެނޭ ގިނަ ކަންކަން ގެންދަވަނީ ފުރިހަމަކުރައްވަމުންނެވެ. މިއަދު މި ދާއިރާގައި ފެނިގެންދަނީ ކަމާގުޅޭ މުއައްސަސާތައް މަޝްވަރާކޮށް އެއް އަމާޒަކަށް މަސައްކަތްކުރެވޭތަނެވެ. ނިޒާމު އޮތްގޮތުން މައްސަލަ ކުރިމަތިވާނަމަ މި ސަރުކާރުވެގެން ގޮސްފައިވަނީ އެކަން ބަދަލުކުރުމުގައި ފުލަށް ދިގުލައިގެންދާ ސަރުކާރެއްގެ ގޮތުގައެއް ނޫނެވެ. މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ މީހުންނަށް ފަރުވާ ދިނުމަށް ގާއިމުކޮށްފައިވާ ނެޝަނަލް ޑްރަގް އޭޖެންސީ، އެންޑީއޭގެ ވެރިންގެ ނާގާބިލުކަން ފާހަގަވުމުން އައު ވެރިއަކު ހޯދުމަށް މަސައްކަތްތަކެއްކޮށް، ސަރުކާރާ ގާތުން މި އިދާރާ ހިންގުމަށް މި އިދާރާގެ ހިންގުން ޖެންޑަރ މިނިސްޓްރީން ހެލްތް މިނިސްޓްރީއަށް ވަނީ ބަދަލުކޮށްފައެވެ.

މިނިސްޓަރ ޝިދާތާއަށްފަހު އެ މަގާމާ ހަވާލުވެވަޑައިގަތީ އާއިޝަތު މުހައްމަދު ދީދީ

ހެލްތް މިނިސްޓްރީގެ ވާހަކަދައްކާއިރު، މި ވުޒާރާއަކީ ވެސް އެކައުންޓަބިލިޓީގެ އިތުރު މިސާލެއް ފެނިގެންދާ ވުޒާރާއެކެވެ. ކޮވިޑްގެ ބިޔަ ރާޅާ ގައުމު ކުރިމަތިލައި އެންމެ އިސް ވުޒާރާއަކަށް މި ވުޒާރާވެ، ގިނަ ބާރުތަކެއް އޭރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނަށް ލިބިވަޑައިގަތެވެ. މީގެ ތެރޭގައި ކޮވިޑަށް ރާއްޖެ ގެންނަ ވަސީލަތްތައް ގެނައުމާއި، މި ތަކެތި ބެހުމުގެ މަސައްކަތް ހިމެނެއެވެ. މި ދުވަސްވަރަކީ ކޮވިޑްގެ މައުލޫމާތުތައް އާންމުކުރުމަށް ގަވައިދުން ނޫސްވެރިންނާ ބައްދަލުކުރަމުންދިޔަ ދުވަސްވަރަކަށްވުމުން، މި ބަލީގައި ބޮޑުވަރުވާ މީހުންނަށް ފަރުވާދިނުމަށް ބޭނުންކުރާ ވެންޓިލޭޓަރު ލިބުމުގައި ގޯހެއް އުޅޭކަން ފާހަގަވިއެވެ.

ނޫސްވެރިންގެ މެދުކެނޑުމެއްނެތް ސުވާލުތަކާއި، މިތަކެތި ގެނައުމަށް ވެފައިވާ އެއްބަސްވުމުގެ މުހުލަތުތައް ފަހަނައަޅާ ދާން ފެށުމުން ރައީސް ޞާލިޙް މިކަމުގައި ވެސް އިސްކުރެއްވީ ކުރިން ދެންނެވި ރައްޔިތުންގެ ނިންމުމެވެ. މިނިސްޓަރު އަމީނާއި މިކަމުގައި ތުހުމަތުކުރެވޭ އެންމެން މަގާމުން ދުރުކުރެއްވުމަށް ލަހެއް ފަހެއް ނުކުރައްވައެވެ. މިކަމުގައި ތުހުމަތުކުރެވޭ އެންމެންގެ ތަހުގީގު ވެސް ފައްޓަވައި އެކައުންޓަބިލިޓީގެ މިސާލުދެއްކެވިއެވެ. އަދި ވެންޓިލޭޓަރުތައް ހޯއްދެވުމަށް އިންޓަނޭޝަނަލް އާބިޓްރޭޝަނާ ހަމައަށް ވެސް ވަނީ ވަޑައިގެންފައެވެ.

އައު ވަޒީރަކަށް އަހުމަދު ނަސީމް ކަނޑައަޅުއްވުމުން ވެސް އެކި މައްސަލަތައް ފެނިގެން ދިޔައެވެ. އެގޮތުން ރާއްޖޭގައި ކޮވިޑްގައި ނިޔާވި އެންމެ ހަގު ކުއްޖާކަމުގައިވާ ފާތިމަތު މިޝްކާ މުހައްމަދުގެ މަރާއެކު މިނިސްޓްރީގައި އަދިވެސް ގިނަ ލޯވަޅުތަކެއް ހުރިކަން ހާމަވެ އެކަން ހައްލުކުރުމަށް އަވަސްވެގަތް މަންޒަރު ވެސް ފެނިގެންދިޔައެވެ. މި މައްސަލަ ހައްލުކުރުމަށް އޮޑިޓްތައް ހަދައި، ކަން ހިނގިގޮތް ބަލައި ފާސްކޮށް މިކަމުގައި ވެސް އަމިއްލައިން ހެދުނު ގޯސްތަކަށް އިއުތިރާފުވެ އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރުމަށް އަވަސްވެގަތް މަންޒަރު ފެނުނެވެ.

ކުރީގެ ހެލްތް މިނިސްޓަރ އަބްދުﷲ އަމީން - އެންއީއޯސީ

ތަހުގީގުގެ ވާހަކަދައްކާއިރު، މި ސަރުކާރަކީ ހައްގުތަކަށް ލޮޅުމެއް އަރާފަދަ ކިރިޔާ އަޑެއް އިވުނަސް އެކަމުގައި "ޒީރޯ ޓޮލަރެންސް" ގެންގުޅޭ ސަރުކާރެއްކަން ފެނިގެން ދިޔައެވެ. މި ދަންނަވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ވާހަކައެވެ. މި ސަރުކާރުގެ ފުރަތަމަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެންމެ ބާރު ގަދަ އެއް ވަޒީރުކަމަށް ބެލެވުނު އަލީ ވަހީދުގެ މައްޗަށް މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓޫރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާ އަށާއި ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅުމުން، ފެނިގެން ދިޔައީ ހަގީގަތުގައި ވެސް "ޒީރޯ ޓޮލަރެންސް" އެވެ. މި އަޑުތަކަކީ ކުރީ ސަރުކާރުތަކުން ވެސް އިވުނު އަޑުތަކެއްކަމުގައިވިޔަސް، މި އަޑުތައް ކޮންމެވެސް އެއްގޮތަކުން އޮއްބާލައެވެ. އެހެނަސް، ރައީސް ޞާލިޙު އިސްކުރެއްވީ އިންސާނީ ހައްގުތަކާއި ހަމަހަމަ ކަމުގެ އުސޫލެވެ. އަމިއްލައިން އިސްތިއުފާ ނުދެއްވުމުން އަލީ ވަހީދު ވަޒީރުކަމުން ވަކިކުރެއްވުމުގައި ލަހެއް ނުކުރެއްވިއެވެ.

އަލީ ވަހީދު ގައުމުން ފިއްލެވުމުން ވެސް މި މަސައްކަތަކަށް މަޑުޖެހުމެއް ނާދެއެވެ. ޣައިރު ހާޒިރުގައި މިކަން ހިންގުމަށް އަމާޒު ހިއްޕަވައި، ގާނޫނު އަސާސީގެ ދަށުން މިކަން ކުރެވެން އޮތް ގޮތެއް ހޯއްދެވުމަށް ކުރި މަސައްކަތުން އަލީ ވަހީދު ވަނީ މި ޝަރީޢަތްތަކަށް ހާޒިރުވުމަށް އެއްބަސްވެފައެވެ. އަލީ ވަހީދުގެ ޝަރީޢަތް އޮންލައިންކޮށް ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދާ މައްސަލައިގެ އިސްތިއުނާފު ހައިކޯޓުން ބާތިލުކުރި މައްސަލައިގެ ޝަރީއަތް އަންނަ ހަފުތާއަށް ވަނީ ތާވަލުކޮށްފައެވެ. މިއީ މިހެން ބުނެލަން ފަސޭހަކަމަކަށްވިޔަސް، ރާއްޖޭގެ ސިޔާސީ އޮއިވަރު އޮތްގޮތުން ނުހަނު ބުރަ މަސައްކަތެއްކަމަށް މި ދާއިރާގެ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ފަތުރުވެރިކަމަކީ ރާއްޖޭގެ މައި ލޭނާރަށް ވެފައިވާއިރު، މި މަގާމަށް ދާއިރާގެ ތަޖުރިބާކާރެއްކަމުގައިވާ ޑރ. އަބްދުﷲ މައުސޫމް ހޮއްވެވުމަށްފަހު މި ދާއިރާގެ ކުރިއެރުން މެކުހަށް މިވަނީ ޖައްސަވާފައެވެ. މިއަދު މިދާއިރާއަކީ ދުނިޔެއިން މިސާލު ލިބިގަންނަމުންދާ ދާއިރާއެކެވެ. މިކަމުގެ ފަހަތުގައިވަނީ ރައީސް ޞާލިޙުގެ އިރުޝާދާއި، މިނިސްޓަރ މައުސޫމްގެ ޙިކުމަތްތެރިކަމާއި ދާއިރާގެ ބައިވެރިންނާއެކު ކުރި މަސައްކަތްކަމުގައި ދަންނަވަންޖެހެއެވެ.

ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު - ޓޫރިޒަމް މިނިސްޓްރީ

މީގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރަށް އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ތުހުމަތު ކުރެވުމުން ވެސް ފެނުނީ މިދެންނެވި ޒީރޯ ޓޮލަރެންސްއެވެ. ދެފަހަރެއްގެ މަތިން މި ތުހުމަތުތައް ކުރެވުނު އިރު، ދެ ފަހަރުވެސް މަޤާމުން ވަގުތީގޮތުން ދުރުކުރައްވާ މިނިވަން ތަހުޤީޤެއް ކުރުމަށް ފުރުސަތު ފަހިކޮށްދެއްވިއެވެ. އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގެ މައްސަލައިގައި މަހުލޫފްގެ މައްޗަށް ދައުވާކުރަން އެދި އެންޓިކޮރަޕްޝަން ކޮމިޝަނުން ހުށަހެޅި ލިޔެކިޔުންތަކުގައި ބައެއްކަންކަން ފުރިހަމަނުވާތީ އެކަން ފުރިހަމަކުރުމަށް ޕީޖީ އޮފީހުން އެދުމުން އޭސީސީން އަނެއްކާވެސް ލިޔެކިޔުންތައް މިހާރު ވަނީ ފޮނުވާފައެވެ. މިކަމުން ރައީސް ޞާލިޙަށް ވަޒީރެއް އާދައިގެ ރައްޔިތެއް ތަފާތު ނުވާކަން މިވަނީ ސާބިތުކޮށްދެއްވާފައެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް

މި ސަރުކާރު ވެރިކަމަށް އައީ ރައްޔިތުންގެ ދިގުލައިގެން ދިޔަ ގިނަ ޝަކުވާތަކެއް ހައްލުކޮށްދިނުމަށް ކަމާގުޅޭ އައު ވުޒާރާތަކާއެކުއެވެ. އެގޮތުން ތަރައްޤީގެ މަސައްކަތްތަކުގެ ޕްލޭންކުރުމާއި ބޯހިޔާވަހިކަމުގެ މަސައްކަތްތަކަށް ޚާއްސަކޮށް ޕްލޭނިންގް މިނިސްޓްރީއާއި ހައުސިންގް މިނިސްޓްރީ ވަކިން އުފައްދަވައި، އިންޓަނެޓްގެ އަގާއި ޓެލެކޮމިއުނިކޭޝަން ދާއިރާ ކުރިއެވުމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޯލޮޖީ އުފެއްދެވިއެވެ. ހައުސިން މިނިސްޓަރު އާތިފާ ޝަކޫރުގެ ސިއްހީ ހާލުކޮޅު ގޯސްވުމާއެކު ރައީސްގެ ނިންމެވީ ވަރަށް ޙިކުމަތްތެރި ނިންމެވުމެކެވެ. ވަކި ދެ ވުޒާރާއެއްގެ ގޮތުގައި އޮވެ އެންމެ އެކަށޭނަ ނަތީޖާ ނުލިބޭކަމަށް ފެނިވަޑައިގަތުމުން މިކަން ދިގުދަންމަވާކަމަށް އެމަނިކުފާނު ނުވިސްނެވިއެވެ. ވަގުތުން ވަގުތަށް ހައުސިންއާއި ޕްލޭނިން އެއްކޮށްލުމަށްފަހު މި މަސައްކަތް އަވަސްކުރުމަށް އަމާޒު ހިއްޕެވުމުން މިނިސްޓަރު އަސްލަމްގެ މޭސްތިރިކަމުން މި މަސައްކަތްތައް ހަލުވިވެގެން މަންޒަރު ފެނިގެންދިޔައެވެ.

ހައުސިން މިނިސްޓަރ އާތިފާ ވަޒީރުކަމުން ދުރުވެވަޑައިގެންނެވީ ސިއްހީ ހާލުކޮޅު ގޯސްވުމާ ގުޅިގެން

ސަރުކާރުގެ އެހެން ވަޒީރުންނާއި ލީޑަރުންނާ ސިޔާސީ ފިކުރު ވަރަށް ތަފާތު ބޭފުޅެއްގެ ގޮތުގައި ހުންނެވި ޓެލެކޮމިއުނިކޭޝަން މިނިސްޓަރު މަލީހަށް މަސައްކަތްތައް ކުރުމަށް ރައީސް ޞާލިޙް ފުރުސަތު ދެއްވިއެވެ. ތަފާތު ފިކުރަކަސް ރައްޔިތުން ބޭނުންވާ އަދި ދިގުލައިގެންދިޔަ ޝަކުވާއަށް ނިމުމެއް ގެނައުމަށްޓަކައެވެ. އެހެނަސް، މަލީހްގެ ކިބައިން ފެނިގެން ދިޔައީ އަމިއްލަފުޅު މަސައްކަތްތަކުން ރެކިވަޑައިގަނެ ބަހަނާތައް ދައްކަވާ މަންޒަރެވެ. މިކަމުގައި ރައީސްގެ ނިންމެވުމަކަށްވީ ސަރުކާރުގެ ބާރުތައް ބޭނުންކުރުުމުގެ ބަދަލުގައި ޑިމޮކްރަސީގެ މިސާލު ދެއްކެވުމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުންގެ މިނިސްޓަރ މަލީހްގެ އިތުބާރު ނެތްކަމަށް ނިންމަންދެން ވެސް މަލީހަށް ފުރުސަތު ދެއްވިއެވެ. އެހެނަސް، މަލީހު އިސްކުރެއްވީ ހަތުރުވެރިކަމާއި، ސަރުކާރަށް ހަޖޫޖަހާ އިދިކޮޅާ ގުޅުމަށް ކުރެއްވި މަސައްކަތެވެ. އެމަނިކުފާނުގެ ސިޔާސީ ކުލަވަރު ބަދަލުވިލެއް އަވަސްކަމުން މިކަން ސާބިތުވާކަމަށް ދިވެހިން މިއަދު ބުނެއެވެ. އިދިކޮޅު ކޯލިޝަނާ ގުޅި، މަލީހުގެ ފާޑުކިޔުމުގެ ތީރުތައް އަމާޒުކުރަމުން ދާއިރު ވެސް، ރައީސް ޞާލިޙް ބަސް މަދުކުރައްވައި އަމަލު ގިނަ ކުރެއްވިއެވެ.

ފިޝަރީޒް މިނިސްޓަރުގެ މަސައްކަތްތަކާ މެދު ދެކެވުނު ވާހަކަތަކާއެކު އެމްއާރްއެމްގެ ސްލޮޓްގައި ހުންނެވި ޒަހާ ވަހީދު އަމިއްލަފުޅަށް އިސްތިއުފާދެއްވުމުން ރައީސް ޞާލިޙް ކެބިނެޓްގެ މަޤާމުތަކަށް ކޮންމެވެސް ވަރަކަށް ބަދަލުގެންނަވާ ހާސިލުކުރަން ބޭނުންވާ އަމާޒުތަކަށް ދަތުރުގައި އަލުން އައު ބާރަކާއެކު ކުރިއަށްވަޑައިގެންނެވިއެވެ. މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާގެ ތައުލީމީ ބެކްރައުންޑެއް ހުންނެވި ކުރީގެ އެންވާރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ކަނޑައެޅުއްވިއެވެ. އަދި ޓެލެކޮމިއުނިކޭޝަން މިނިސްޓްރީ އުވާލައްވައި އެންވާރަމްންޓް މިިނިސްޓްރީއާއި މި ވުޒާރާ އެއްކޮއްލަވައި ކޮވިޑްގައި އެންމެ ފިސާރި އެއް ކަނބަލެއްގެ ގޮތުގައި މިސާލުދެއްކެވި ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ އައު ވުޒާރާގެ ވަޒީރެއްގެ ގޮތުގައި ކަނޑައެޅުއްވިއެވެ.  

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީއަކީ މި ސަރުކާރުން އަލަށް އުފެއްދެވި ވުޒާރާއެއް

ނަތީޖާއެއްގެ ގޮތުން މަގާމާ ހަވާލުވެވަޑައިގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިންޓަނެޓްގެ އަގަށް އަންނަ ހެޔޮ ބަދަލުތައް މިވަނީ އިއުލާނުކޮށްފައެވެ. "ނެޓް ހެޔޮ"ގެ ނަމުގައި މި މަސައްކަތް ދިރާގާއި އުރީދޫއާ ގުޅިގެން މިވަނީ ފަށާފައެވެ. އިންޓަރނެޓްގެ އަގަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން ފިކްސްޑް ބްރޯޑްބޭންޑަށް ގެނައި ބަދަލުތައް ޖުލައި 1ން ފެށިގެން ލިބެމުންދާއިރު، މޯބައިލް ބްރޯޑްބޭންޑަށް ގެނެވުނު ބަދަލުތަކާއެކު ޚިދުމަތް ދޭން ފަށާނީ އޮކްޓޯބަރ 1 ވަނަ ދުވަހުން ފެށިގެންނެވެ. އަލަށް ގެނައި ހެޔޮ ބަދަލާއެކު ރެސިޑެންޝަލް އިންޓަރނެޓް ޚިދުމަތްތައް ބޭނުންކުރާ ފަރާތްތަކަށް (%60 - %75) މީހުންނަށް އަމާޒުކޮށް މަހުފީ މިވަނީ ހެޔޮ ވެފައެވެ.

މީގެ އިތުރުން އިންޓަރނެޓް ޕެކޭޖްތަކުގެ ތްރޮޓްލް ސްޕީޑް ދެގުނަ އަދި ފަސްގުނަ މަތިވެގެންދާއިރު، މިކަމުގެ ސަބަބުން އިންޓަރނެޓުގެ ޒަރީއާއިން ބޭނުންކުރާ ގިނަ ޚިދުމަތްތަކަށް ސްޕީޑް ދަށްވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ނިސްބަތުން ދަށްވެ، ޑޭޓާ އެޑް-އޮންސް އަށް ކުރާ ޚަރަދު އުނިވެގެންދާނެއެވެ. މިގޮތުން، އާދައިގެ މިންވަރަކަށް އިންޓަރނެޓް ބޭނުންކުރާ ފަރާތްތަކަށާއި، ސްކޫލް ކުދިންގެ ވީޑިއޯ ކޮންފަރެންސިންގ ފަދަ ބޭނުންތަކަށާއި، އައި. ސީ. ޓީ. ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް، މިގެނެވޭ ބަދަލުތަކުގެ މަންފާލިބިގެންދާނެއެވެ. އަދި ޕެކޭޖްގެ ތްރޮޓްލް ސްޕީޑުގައި ވެސް ޢާއްމު ބޭނުންތަކަށް އެކަށޭނަ ސްޕީޑެއްގައި އިންޓަރނެޓު ލިބިގެންދާނެއެވެ.

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ

މި ދަންނަވާލެވުނީ ސަރުކާރުގެ ވުޒާރާތަކުގެ ވެރިންނަށް ނުވަތަ ވަޒީރުންނަށް ގެނައި ބަދަލުތައް އެކަންޏެވެ. ވަޒީރުންގެ އިތުރުން އެކި ވުޒާރާތަކުގެ އެކި މަޤާމުތަކުގައި ތިއްބެވި ވެރިންނާއި އެހެނިހެން މުއައްޒަފުން ވަނީ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް ބަދަލު ގެނެސްފައެވެ. މިގޮތަށް ބަދަލުގެނައިރުވެސް، ކުށަކާއި ނުލާ އެއްވެސް މުއައްޒަފެއްގެ ވަޒީފާ ނުގެއްލޭކަން ވަނީ ކަށަވަރުކޮށްދީފައެވެ. މިކަން ޕްލޭނިންއާއި ހައުސިން އަދި ޓެލެކޮމިއުނިކޭޝަންއާއި އެންވައިރަމެންޓް މިނިސްޓްރީ އެއްކޮއްލުމުގައި ވެސް ފެނިގެންދިޔައެެވެ.

ހެޔޮ ސަރުކާރުގެ ގޮތުގައި މަޝްހޫރު ވެފައިވާ މި ސަރުކާރުގެ ކާމިޔާބީގެ ސިއްރަކީ ވެސް ފަސްނުޖެހި އަޅަންޖެހޭ ފިޔަވަޅު މޫނަށް ކަނދުރާއަކަށް ބެލުމެއް ނެތި، އަދި ކިއެއްތައް ސިޔާސީ ފިކުރުގެ ތަފާތަކަށް ވެސް ބެލުމެއް ނެތި ކަންކަން ނިންމެވުމެވެ. ސިޔާސީ ފިކުރުގެ ތަފާތުތައް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ތެރެއިން ވެސް ފެނިފައިވާއިރު، މި ފަހަރުވެސް ފެނުނީ އިހު ދެންނެވި ރިވެތި މިސާލެވެ. 

ކޮމެންޓް
4 އޯގަސްޓް 2021 | ބުދަ 10:54
ކިނބޫ
ނާ ހަމަ ތެދެއްތަ! ހުވާ މިބުނީ މޮޔަވެދާނެ!
ގުޅުންހުރި
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
މީޑިއާތަކަށް އިންޒާރުދިނުން ސަރުކާރުން ކުށްވެރިކޮށްފި
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް
ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ސިޔާޒަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން
ފޯނު ނުވެއްދޭ މައްސަލައިގައި ހައްލު ހޯއްދަވާނެކަމަށް ވިދާޅުވުމަށްފަހު ފޯނު ނުވެއްދޭ ވާހަކަ ތަރުޖަމާނު ދޮގުކުރައްވައިފި
އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ