ވަކި ވިޔަފާރި މަޝްރޫއުތަކަކުން ނުވަތަ ދާއިރާތަކަކުން ލިބޭ އާމްދަނީން ޓެކްސް ނެގުމުން އިސްތިސްނާކުރުމުގެ އިޚުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މިބިލް ހުށަހަޅުއްވާފައިވަނީ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރެވެ. މިބިލް ދިރާސާކޮށް އިގްތިސާދީ ކޮމިޓީން އެކުލަވާލި ރިޕޯޓުގެ މަސައްކަތް މުޅި މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ. މިބިލް މަޖިލީހުން ފާސްކޮށްފައިވާއިރު ޓެކްސް ދެއްކުމުން ދެވޭ ޚާއްސަ އިސްތިސްނާގެ ނަމުގައި ވަނީ މާއްދާއެއް އިތުރުކޮށްފައެވެ.
މިމާއްދާގެ ހ ގައި ބުނެފައިވަނީ ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތްތަކުގައި ވަކި ވިޔަފާރި މަޝްރޫއުތަކަކުން ނުވަތަ ދާއިރާތަކަކުން ލިބޭ އާމްދަނީން ޓެކްސް ނެގުމުން އިސްތިސްނާކުރުމުގެ އިޚުތިޔާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާކަމަށެވެ. އިސްތިސްނާކުރެވޭ މަޝްރޫއުތަކާއި ދާއިރާތައް ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެމަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށްވެސް ބިލްގައި ބުނެފައިވެއެވެ.
އިސްތިސްނާ ދިނުމަށް ކަނޑައެޅޭ މަޝްރޫއުތައް ނުވަތަ ދާއިރާތައް ކަނޑައެޅުމަށްފަހު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަންވާނެއެވެ. އަދި މަޝްރޫޢުތަކަށް އިސްތިސްނާ ދެވޭނީ އެ މަޝްރޫއަކަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މުއްދަތަކަށެވެ.
އިސްތިސްނާ ދިނުމުގައި ރިއާޔަތް ކުރަންވީ ކަންކަން:
- އެ އިސްތިސްނާއެއް ދިނުމުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ކުރާނެ އަސަރު
- އެ އިސްތިސްނާއެއް ދިނުމުން އިގްތިޞާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރާނެ ފައިދާ އަދި ގެއްލުން
- އިސްތިސްނާ ދިނުމުން ހާސިލުވުމަށް ބޭނުންވާ މަގްސަދު ހާސިލްވާނެ މިންވަރު
އިސްތިސްނާ ހޯދުމަށް އެދި އެ މަޝްރޫއެއް ނުވަތަ އެ ދާއިރާއެއްގެ ބެލެނިވެރި ވުޒާރާއަކުން ހުށަހަޅާނީ ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓްރީން ކަނޑައަަޅާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެމިނިސްޓްރީއަކަށެވެ.
އިސްތިސްނާ ކުރާ ފަރާތަކީ ވިޔަފާރިއެއްނަމަ އިސްތިސްނާ ދިނުމަށް ކަނޑައަޅާ މަޝްރޫއަށް ޚާއްސަކޮށްގެން ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނުގެ ދަށުން ވަކި ގާނޫނީ ޝަޚުސެއް ރަޖިސްޓްރީކުރަންޖެހެއެވެ. އަދި އިސްތިސްނާކޮށްފައިވާ ފަރާތެއް ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން މީރާއިން އޮޑިޓްކުރަންޖެހެއެވެ.
މީގެއިތުރުން އިސްތިސްނާކޮށްދޭ ފަރާތްތަކާއި އެފަރާތްތަކަށް އިސްތިސްނާ ދީފައިވާ މުއްދަތާއި އިސްތިސްނާ ދިން ސަބަބު ހިމެނޭ ލިސްޓެއް ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓްރީން ގެޒެޓްގައި ޝާއިއުކުރަންޖެހެއެވެ.
ލިސްޓުގައި ނުހިމެނޭ އިތުރު ފަރާތަކަށް އިސްތިސްނާދީފިނަމަ އެއިސްތިސްނާއަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 14 ދުވަހުގެ ތެރެގައި އެވިޔަފާރި ހަރަކާތް އެ ލިސްޓަށް އިތުރުކޮށް އިސްލާހުކޮށްފައިވާ އައު ލިސްޓެއް ގެޒެޓްގައި ޝާއިއުކުރަންވާނެއެވެ.
އިސްތިސްނާއަށް އެދި ހުށަހެޅުމުގައި ދީފައިވާ މައުލޫމާތުގައި ސައްހަ ނޫން މައުލޫމާތު ހިމަނާފައިވާނަމަ އިސްތިސްނާ ބާތިލްކުރުމުގެ އިޚުތިޔާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވެއެވެ. އަދި އިސްތިސްނާކޮށްފައިވާ މަޝްރޫއު ހުއްޓާލުން ނުވަތަ އެ މަޝްރޫއުގެ ނަމުގައި އިތުރު ވިޔަފާރިއެއް ހިންގަން ފަށައިފިނަމަވެސް އެ އިސްތިސްނާ ބާތިލްކުރުމުގެ އިޚުތިޔާރު ރައީސަށް ލިބިގެންވެއެވެ.
މީގެއިތުރުން މިބިލްގައި އިސްތިސްނާވާ އާމްދަނީގެ ގޮތުގައި އިތުރު މާއްދާތަކެއް ހިމަނާފައިވެއެވެ. އެގޮތުން އިތުރުކޮށްފައިވަނީ އުޖޫރައިގެ ގޮތުގައި ލިބޭ ފައިސާ ނޫން އެހެން އިނާޔަތްތަކާއި މަންފާއެވެ.
ރައީސާއި ނާއިބުރައީސަށް ދައުލަތުން ހަމަޖައްސައިދޭ ގެކޮޅަށް ދައުލަތުން ކުރާ ޚަރަދު އެ ދެ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ އާމްދަނީގެ ގޮތުގައި ނުހިމަނަން ވެސް ވަނީ ހިމަނާފައެވެ.
މިބިލް ފާސްކުރުމަށް އެންމެ ފުރަތަމަ މަސަައްކަތްކޮށްފައިވަނީ ބުދަ ދުވަހުގެ ޖަލްސާގައެވެ. ނަމަވެސް އެމްޑީޕީގެ ބައެއް މެމްބަރުން ގަސްތުގައި ކޯރަމް ގެއްލުވާލުމުން މިބިލަށް ވޯޓަށް އެހޭ ގޮތް ނުވީއެވެ. އެއަށްފަހު ބުރާސްފަތި ދުވަހު އޮތް ޖަލްސާގައި މިބިލް ފާސްކުރުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 41 މެމްބަރުން ވަނީ ބިލް ފާސްކުރުމަށް ވޯޓު ދެއްވާފައެވެ. މިރިޕޯޓް ފާސްނުކުރުމަށް އެއް މެމްބަރަކު ވަނީ ވޯޓު ދެއްވާފައެެވެ. އެމެމްބަރަކީ މާވަށު ދާއިރާގެ ޕީއެންސީ މެމްބަރ މުހައްމަދު ސައީދެވެ. އަދި ވަކިގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކުވެސް އިންނެވިއެވެ. ވަކިގޮތަކަށް ވޯޓު ނުދެއްވާ މެމްބަރަކީ ކެންދޫ ދާއިރާގެ ޖޭޕީ މެމްބަރ އަލީ ހުސައިނެވެ.
ބުރާސްފަތި ދުވަހުގެ ޖަލްސާގައިވެސް މިބިލަށް ވޯޓަށް އެހިއިރު އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ތަޅުމަށް ނުވަންނަވާ ބޭރުގައި މަޑުކުރައްވާފައެވެ. ތަޅުމަށް ވަޑައިގަތީ މިބިލަށް ވޯޓަށް އަހާ ނިމުމުންނެވެ.