ކ. މާލެ
|
7 ޖުލައި 2021 | ބުދަ 00:46
ދާންދޫ ދާއިރާގެ މެމްބަރު  ޔަޢުޤޫބު ޢަބްދުﷲ
ދާންދޫ ދާއިރާގެ މެމްބަރު ޔަޢުޤޫބު ޢަބްދުﷲ
މަޖިލިސް
ނަފުރަތުގެ ބިލަށް އިސްލާހުތަކެއް
ދީނާމެދު ނަފުރަތު އުފެއްދުން ޖިނާއީ ކުށެއްގެ ގޮތުގައި ހިމަނައި، ނަފުރަތުގެ ބިލުގެ ކޮމިޓީ ރިޕޯޓަށް ބޮޑެތި އިސްލާހުތަކެއް
 
ޔަޢުޤޫބު ހުށަހެޅުއްވި އިސްލާހުގައި ވަނީ، ދީނާމެދު ނަފުރަތު އުފެއްދުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ހިމެނުމަށް
 
ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ދާންދޫ ދާއިރާގެ މެމްބަރު ޔަޢުޤޫބު ޢަބްދުﷲ

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ޤާނޫނުލް ޢުޤޫބާތަށް ހުށަހެޅި އިސްލާހުގެ ބިލް ދިރާސާކުރި ޖުޑީޝަރީ ކޮމިޓީން އެބިލަށް ގެނައި އިސްލާހުތަކާމެދު ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށްޓަކައި، އަނެއްކާވެސް ބޮޑެތި އިސްލާހުތަކެއް އެބިލަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން، ތުޅާދޫ ދާއިރާގެ މެމްބަރ ޙިސާން ޙުސައިން ހުށަހަޅުއްވާފައިވާ މިބިލަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު އެބިލް އަނބުރާ ނެގުމަށްވެސް ގިނަ ބަޔަކު ދިޔައީ ގޮވާލަމުންނެވެ. މިބިލް ދިރާސާކުރި ޖުޑީޝަރީ ކޮމިޓީން ވަނީ އިސްލާމިކް މިނިސްޓްރީއާއި، ޕްރޮސެކިޔުޓަރ ޖެނެރަލް، އަދި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ޚިޔާލު ހޯދާފައެވެ.

މީގެއިތުރުން މިބިލަކީ އާންމުގެ މަސްލަހަތު ބޮޑު ބިލަކަށް ވުމުން، އާންމުންގެ ޚިޔާލު ހޯދުމަށް ކޮމިޓީން ނިންމިކަމަށް ކޮމިޓީ ރިޕޯޓްގައި ބުނެފައިވެއެވެ. އެގޮތުން ހުޅުވާލި ފުރުސަތުގައި ގާތްގަނޑަކަށް 2462 ޚިޔާލު އާންމުންގެ ފަރާތުންނާއި ޖަމިއްޔާ ޖަމާއަތްތަކުން ކޮމިޓީއަށް ލިބިފައިވާކަމަށް ކޮމިޓީ ރިޕޯޓްގައި ބުނެފައިވެއެވެ. އެހުރިހާ ކަމަކަށް ބަލައި، ކޮމިޓީން ބިލް ދިރާސާކުރުމަށްފަހު ތަޅުމަށް ފޮނުވާފައިވާއިރު މިހާރު ބިލް އޮތްގޮތަށްވެސް ދީނީ އިލްމުވެރިންގެ އިތުރުން އާންމުންވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ބިލްގައި އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ، އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތުކުރުން އެއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ މާއްދާއަށެވެ. ކޮމިޓީން މިބިލް ދިރާސާކުރުމަށްފަހު އެ މާއްދާ އިސްލާހުކޮށްފައިވަނީ ދީނީ ޢިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި، އޭގެ ތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުޢޫރަކުން، ނުވަތަ ކުރި ޢަމަލަކުން، އެމީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ އިދިކޮޅު މީހެއްކަމަށް ނުވަތަ އެފަދަ މާނައެއްގައި، އާންމު ތަނެއްގައި ސިފަކުރުން ނުވަތަ ތުހުމަތުކުރުން އެއީ ކުށެއްކަމަށެވެ.

ނަމަވެސް ކޮމިޓީން މިގެނައި އިސްލާހާއެކުވެސް ކަންބޮޑުވުންތަކަށް ނިމުމެއް ނައެވެ. އެމާއްދާ ރަނގަޅުކުރުމަށް ކޮމިޓީން ގެނައި އިސްލާހާއެކު އެބިލް ކުރިޔަށްވުރެ ބޮޑަށް ގޯސްވެފައިވާކަމަށް ބުނެ ބައެއް ދީނީ އިލްމުވެރިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ދީނީ އިލްމުވެރިންނަކީ ކޮބައިކަން އެ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިނުވާތީ، ދީނީ އިލްމުވެރިންގެ މެދުގައި އޮތް ހުރިހާ ޚިލާފުތަކަށް ވެސް ގާނޫނީ ހައިސިއްޔަތު ލިބޭ ކަމަށް އަންނަނީ ބުނަމުންނެވެ.

އެހެންކަމުން މިކަންބޮޑުވުންތަކަށް ހައްލެއް ގެނައުމަށް ސަރުކާރުގެ ފަރާތުން ދާންދޫ ދާއިރާގެ މެމްބަރު ޔަޢުޤޫބު ޢަބްދުﷲ ވަނީ ކޮމިޓީގެ ރިޕޯޓަށް ބޮޑެތި އިސްލާހުތަކެއް ހުށަހަޅުއްވާފައެވެ.

ބިލްގެ 124 ވަނަ މާއްދާގެ ހ ގެ 1 ވަނަ ނަންބަރުގެ 1

މިއީ ކުށްކަނޑައެޅުމާއި ގުޅޭ މާއްދާއެވެ.

ބިލްގައި މިހާރު އޮތްގޮތް:

އާންމު ތަނެއްގައި, ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތުކުރުން

ކޮމިޓީން ގެނައި އިސްލާހު:

ދީނީ ޢިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި، އޭގެ ތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުޢޫރަކުން، ނުވަތަ ކުރި ޢަމަލަކުން، އެމީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ އިދިކޮޅު މީހެއްކަމަށް ނުވަތަ އެފަދަ މާނައިގައި ޢާންމު ތަނެއްގައި، ސިފަކުރުން ނުވަތަ ތުހުމަތުކުރުން

ޔަޢުޤޫބު ހުށަހަޅުއްވާފައިވާ އިސްލާހުގައި އެމާއްދާ އޮތް ގޮތް:

ދީނީ ޢިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި، އޭގެ ތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން، ނުވަތަ ކުރި އަމަލަކުން، އެމީހަކަށް އަނިޔާވެރިވުމަށް ގޮވާލުން

ބިލްގެ 124 ވަނަ މާއްދާގެ ހ ގެ 1 ވަނަ ނަންބަރުގެ 2

ބިލްގައި މިހާރު އޮތްގޮތް:

އިސްލާމީ ޢަޤީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފުރަތު އުފެއްދުން

ކޮމިޓީން ގެނައި އިސްލާހު:

މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ ޢަމަލެއް ނުވަތަ ބަހެއް ޤަޞްދުގައި ފާޅުނުކުރާހާ ހިނދަކު، ނުވަތަ ޤަޞްދުގައި ފާޅުގައި ދީނުން ބޭރުވެ މުރުތައްދުނުވާހާ ހިނދަކު، ޢާންމު ތަނެއްގައި، އެމީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުން ނުވަތަ އެފަދައިން ތުހުމަތުކުރުމުގައި ނުވަތަ ސިފަކުރުމުގައި ބައިވެރިވުން.

ޔަޢުޤޫބު ހުށަހަޅުއްވާފައިވާ އިސްލާހުގައި އެމާއްދާ އޮތް ގޮތް:

އިސްލާމީ ޝަރީޢަތުގައި މީހަކު ކުފުރުވެ މުރުތައްދު ވެއްޖެކަމަށް ކަނޑައެޅުމަށް އޮތް މިންގަނޑުން ބޭރުވެ، ޢާންމު ތަނެއްގައި މުސްލިމަކަށް ނިސްބަތްކޮށް އެމީހަކީ ކާފިރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ތުހުމަތުކުރުން. ވަކި ބަސްތަކަކީ ކުފުރުވެދާނެ ބަސްތަކެއްކަން ނުވަތަ ވަކި އަމަލުތަކަކީ ކުފުރުވެދާނެ އަމަލުތަކެއްކަން ބަޔާންކުރުމަށް މިމާއްދާ ހުރަހެއް ނާޅާއެވެ.

ބިލްގެ 124 ވަނަ މާއްދާގެ ހ ގެ 1 ވަނަ ނަންބަރުގެ 3

މިބިލް ކޮމިޓީން ދިރާސާކުރުމަށްފަހު ވަނީ މިމާއްދާގެ 3 އަދި 4 ވަނަ ނަންބަރު އުވާލާފައެވެ. އެމާއްދާތަކުގައި ބުނެފައިވަނީ ޢާންމު ތަނެއްގައި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމާއި އާންމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމުގައި ތުހުމަތުކުރުމެވެ.

ނަމަވެސް ޔަޢުޤޫބު ހުށަހެޅުއްވި އިސްލާހުގައި ވަނީ ދީނާމެދު ނަފުރަތު އުފެއްދުން އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ހިމެނުމަށެވެ. ބިލް އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅިއިރުވެސް ދީނާ މެދު ނަފްރަތު އުފައްދައި، ދީނަށް ފުރައްސާރަކުރުން ޖިނާއީ ކުށަކަށް ހެދުމަށް މިބިލްގައި ހިމަނާފައި ނުވާތީ ގިނަ ބަޔަކު ވަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކޮށްފައެވެ. އެފާޑުކިޔުންތަކަށް ހައްލު ގެނައުމަށް ޔަޢުޤޫބު ހުށަހެޅުއްވި އިސްލާހުތަކުގައި، ދީނަށް ފުރައްސާރަކުރުން ހިމަނާފައިވަނީ ކުށެއްގެ ގޮތުގައެވެ.

ޔަޢުޤޫބު ހުށަހެޅުއްވި އިސްލާހުގެ 3 ވަނަ ނަންބަރު:

މާތްﷲއާއި، ކީރިތި ރަސޫލާއާއި، ކީރިތި ޤުރުއާނާއި، ކީރިތި ރަސޫލާގެ ސުންނަތާއި، އެކަލޭގެފާނުގެ އަހުލުބައިތުންނާއި، ޞަހާބީންނާއި، އަދި އިސްލާމްދީނާއި، އިސްލާމްދީނުގެ ޝިއާރުތަކާމެދު ނަފުރަތު އުފެދޭ ގޮތަށް، ފުރައްސާރަކުރުމާއި މަލާމާތްކުރުން ނުވަތަ އިސްލާމްދީނާ ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުން ނުވަތަ ދޮގު މައުލޫމާތު ދިނުން ނުވަތަ މިފަދަ އަމަލަކަށް ހިތްވަރުދިނުން ނުވަތަ މިފަދަ އަމަލެއް ކުރުމާއި އަދި ކުރުމުގައި ބައިވެރިވުމާއި ނުވަތަ އެކަމަށް ގޮވާލުން ނުވަތަ އެކަމަށް އަމުރުކުރުން.

މީގެއިތުރުން މިމާއްދާގެ 3 ވަނަ ނަންބަރުގައިވާ، މީހެއްގެ ސިޔާސީ ވިސްނުމަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުން ނުވަތަ ދިނުމަށް ރޭވުން.

ކޮމިޓީން ގެނައި ބަދަލުތަކަށް ޔަޢުޤޫބު ވަނީ ބައެއް ކުދިކުދި އިސްލާހުތައް ހުށަހަޅުއްވާފައެވެ. އެގޮތުން މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ނުވަތަ ސިޔާސީ ވިސްނުމަށް ބަލައި އެމީހަކަށް ޖިސްމާނީ އަނިޔާދިނުމާއި ޖިސްމާނީ އަނިޔާ ދިނުމަށް ގޮވާލުން ވަނީ ކުށަކަށް ހަދާފައެވެ.

ބިލުގައި ހިމަނާފައިވާ ކުށްތަކުގެ އަދަބުތައް ކަނޑައަޅާފައިވަނީ އެއް އަހަރުގެ ދުވަހާއި 15 އަހަރާ ދެމެދު ޖަލު ހުކުމެއް އަންނަ ގޮތަށެވެ.

ނަމަވެސް އެ ކުރާ ކުށަކުން މީހެއްގެ ފުރާނަ ގެއްލިއްޖެނަމަ، އެ މީހަކަށް މަރުގެ އަދަބު، ނުވަތަ އުމުރަށް ޖަލަށް ލުމުގެ އަދަބު އެ އިސްލާހުގައި ވަނީ ކަނޑައަޅާފައެވެ. ބިލުގެ ފުރަތަމަ މާއްދާއަށް އިތުރު އަކުރެއް އިތުރުކޮށް، ދީނަށް ފުރައްސާރަކުރުމަކީ ކުށެއް ކަމަށް ޔަޢުޤޫބު ހުށަހަޅުއްވާފައި ވާތީ، ދީނަށް ފުރައްސާރަ ކުރުމަކީ ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެއް ކަމަށް ކަނޑައަޅަން ވަނީ ހިމަނާފައެވެ.

އެހެންކަމުން އެއީ ފުރަތަމަ ދެ މާއްދާއަށް ދޭ 1 އަހަރުގެ ޖަލު ހުކުމަކަށް ވުރެ ދެ ގުނަ ބޮޑު އަދަބެކެވެ.

މިބިލް މިދައުރުގެ ޖަލްސާތައް ބުރާސްފަތި ދުވަހު ނިންމާ ޗުއްޓީއަށް ދިޔުމުގެ ކުރިން ފާސްކުރާނެ ކަމަށް ބެލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް
7 ޖުލައި 2021 | ބުދަ 03:53
ޢަބްދުﷲ
ޔައުގޫބު 124 ވަނަ މާއްދާގެ ހ ގެ 1 ވަނަ ނަންބަރުގެ 1 އަށް ގެނައި އިސްލާހު ބަލައެއް ނުގަނެވޭ.. މިހާރު ކޮމިޓީން ގެނެސްފައިވާ އިސްލާހުގައި ދީނީ އިލްމުވެރިން މާނަކޮށްލީމާ ބައެއް ފަރާތްތަކުން މި ފާޅުކުރާ ކަންބޮޑުވުން ހައްލުވާނެ.. އަނިޔާވެރިވާން ނުގޮވިޔަސް އެ މީހަކީ ދީނާ އިދިކޮޅު ނުވަތަ ދީނާ ޚިލާފު މީހެކޭ ކިޔުން އެއީ ހަމަ ނުސީދާކޮށް އަނިޔާވެރިވުމަށް ގޮވައިލުން.. ޑރ. އަފްރާޝީމަށް އަނިޔާކޮށް ފުރައްސާރަކޮށް ޖެއްސުންކުރީ ވެސް އެ ބީދައިން.. އެހެންވީމާ އެ ފަދަ ތުހުމަތުތައް ހުއްޓުވެން ޖެހޭ.. ސުންނީ އިލްމުވެރިން ޚިޔާލު ތަފާތުވާ އިޖުތިހާދީ މައްސަލަތަކުގައި ހުންނަ ރައުޔުތަކަށް އިންކާރުކުރުމާއި އެ ފަދަ ރައުޔެއް އިޚްތިޔާރުކުރާ މީހަކީ ދީނާ ޚިލާފު މީހެއްކަމަށް ނުވަތަ ދީނާ އިދިކޮޅު މީހެއްކަމަށް ސިފަކުރުން ހުއްޓުވަން ޖެހޭ.. މިއީ މިހާރު ބޮޑު ވެއްޖެ މައްސަލައެއް.. ޑރ. އަފްރާޝީމް މެން އުސްތާޒު އިބްރާހީމް ރަޝީދުމެން ޑރ. ޒަކަރިއްޔާމެންނަކީ ދީނާ ޚިލާފު ދީން އޮޅުވާލާ ބައެއް ކަމަށް ސިފަކުރަނީ ވެސް މި އުސޫލުން.. ސައުދީ ނޫނަސް މިސްރާއި މެލޭ އާއި މަޣްރިބާއި ތޫނިސް ފަދަ ތަންތަނުގައި ވެސް ތިބީ ސުންނީ އިލްމުވެރިން.. މިހާރު މިއުޅޭ ސަލަފީން ހައްގުކަމުގައި ބަލަނީ ހަމައެކަނި ސައުދީގެ ވަކި ފިކުރެއްގެ އިލްމުވެރިންގެ ފަތުވާ.. މައިގަނޑު ގޮތެއްގައި ހަންބަލީ މަޒުހަބުގެ ވަކި އިލްމުވެރިންތަކެއްގެ ފަތުވާ.. އިޖުތިހާދީ މައްސަލަތަކުގައި އިންކާރުކޮށް ރައުޔުތަކަށް ގަދަރު ކުޑަ ކުރުމާއި ވަކި ރައުޔެއް ނޫން މީހުންނަކީ ދީނާ ޚިލާފު ބައެއް ކަމަށް ބުނުމަކީ އިސްލާމްދީނުގައި ނަހީކުރައްވައިފައިވާ އިސްލާމީ ގައުމުތަކުގައި ވެސް އަދަބު ކަނޑައެޅިފައިވާ ކުށެއް! އެހެންވީމާ ޔައުގޫބުގެ އެ އިސްލާހު ކޮމިޓީން މިހާރު ވެސް އެ އޮތް ގޮތަށް ބާއްވައިފައި، އިތުރަށް ތަފްސީލުކުރުމުގެ ގޮތުން ސުންނީ ޢިލްމުވެރިން ޚިލާފުވާ އިޖުތިހާދީ މައްސަލަތަކޭ ލިޔުމަށް ގޮވާލަން! އަނިޔާވެރިވުމަށް ގޮވުމޭ ލިޔުމުން ބިލުގެ މަގްސަދެއް ހާސިލެއް ނުވޭ! ސުންނީ އިލްމުވެރިން ޚިލާފުވާ އިޖުތިހާދީ މައްސަލަތަކުގައި ދީނާ ޚިލާފޭ ބުނުމަކީ ވެސް ނުސީދާކޮށް އަނިޔާވެރިވުމަށް ގޮވާލުން! މިސާލަކަށް ގުނޫތާއި، ފައިކުރި އާއި ތުނބުޅި ބޭލުން އަދި ހަނދު ސާބިތުކުރުމާއި ޒަކާތް ފައިސާއިން ނެރުން ފަދަ މައްސަލަތަކުގައި ވެސް ދީނާ ޚިލާފޭ ދީން އޮޅުވާލަނީއެކޭ ނުބުނެވޭނެ.. މި ކަހަލަ ގޮތްގޮތަށް ބައެއް ސަލާފީ ފިކުރުގެ ސައުދީން ކިޔަވައިގެން ތިބި ޝޭޚުން ނަފުރަތު އުފައްދަމުންދާ ސުންނީ ރައުޔުތައް ހުރި މައްސަލަތައް ވަރަށް ގިނަ.. މި ދޮރު ބަންދުވާނީ ކޮމިޓީން މިހާރު ބަދަލު ގެނެސްފައި އެ އޮތް ގޮތަށް ބާއްވައިގެން، އެ ތަނަށް ސުންނީ ޢިލްމުވެރިން ޚިލާފުވާ އިޖުތިހާދީ މައްސަލަތަކޭ ގެނެސްގެން.. ސުންނީ ޢިލްމުވެރިންނަކީ ހަމައެކަނި ސައުދީ ޢިލްމުވެރިން ނުވަތަ ސައުދީން ކިޔަވައިގެން ތިބި ޝޭޚުނެއް ނޫން.. 4 މަޒުހަބަކީ ވެސް ސުންނީ މަޒުހަބުތައް.. ރާއްޖޭގައި ތިބި މިސްރު ތަންތަނުން ކިޔަވައިގެން ތިބި ޢިލްމުވެރިންނާ މެދު ނަފުރަތު އުފައްދާ އުފެއްދުން ހުއްޓުވަން ޖެހޭ.. ޔައުގޫބު އެ ގެނައި ބަދަލުން މަގުސަދު މުޅިން އެބަ ގެއްލޭ.. އެހެންކަމުން މި ދެންނެވި ގޮތަށް އަމަލުކޮށް، ކޮމިޓީން މިހާރު ބަދަލު ގެނެސްފައި އެ އޮތް ގޮތަށް ބާއްވައިފައި، އިތުރަށް ތަފްސީލުކުރުމުގެ ގޮތުން ސުންނީ ޢިލްމުވެރިން ޚިލާފުވާ އިޖުތިހާދީ މައްސަލަތަކޭ ލިޔުމަށް ގޮވާލަން!