ކ. މާލެ
|
6 ޖުލައި 2021 | އަންގާރަ 21:45
މި ބިލު ދިރާސާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން
މި ބިލު ދިރާސާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން
ރައްޔިތުންގެ މަޖިލިސް
ނަފްރަތުގެ ބިލަށް ތާއީދު ނެތްކަމަށް ބުނުން
10 މެންބަރުންގެ ސޮޔާއެކު، ނަފްރަތުގެ ބިލަށް ތާއީދުނުކުރާ ސަބަބު މަޖިލީހަށް ހުށައަޅައިފި
 
ބިލަށް ތާއީދު ނުކުރާ ސަބަބު ހުށައެޅުއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް

ޖުމްހޫރީ ޕާޓީގެ ބައެއް މެންބަރުން ހިމެނޭ ގޮތުން 10 މެންބަރުންގެ ސޮޔާއެކު، ޤާނޫނުލް ޢުޤޫބާތުގެ 124 ވަނަ މާއްދާގެ ގޮތުގައި އިތުރުކުރުމަށް ހުށަހަޅާފައިވާ ބިލަށް ތާއީދު ނުކުރާ ސަބަބު، ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މަޖިލީހަށް ހުށައަޅުއްވާފައިވާ ބަޔާނުގައި ސޮއި ކޮށްފައިވަނީ ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު ޢާމިރު، އިސްދޫ ދާއިރާގެ މެންބަރު ޢަލީ ޙަމީދު، ވިލިނގިލީ ދާއިރާގެ މެންބަރު ސަޢުދުﷲ ޙުސައިން، ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޡިމް، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ، ވިލިމާލެ ދާއިރާގެ މެންބަރު އަޙުމަދު އުޝާމް އަދި ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުޙުސިން ޙަމީދެވެ.

ބަޔާނުގައި ވަނީ، ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކޮންމެ މީހަކަށް ކަށަވަރުކޮށްދީފައިވާ (އިސްލާމްދީނުގެ އަސްލަކާ ޚިލާފު ނުވާނޭ ގޮތުގެމަތިން) ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް، ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތު އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ މެންބަރުންގެ އިތުރުން ގިނަ އަދަދެއްގެ ދިވެހި ރައްޔިތުންގެ ވެސް ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ބިލެއް ކަމަށެވެ.

އަދި ރައްޔިތުންގެ މެދުގައި ބައެއް ފަރާތްތަކުން އުފައްދަމުންދާ ނަފުރަތުގެ އަމަލުތަކަކީ ހުއްޓުވަންޖެހޭ އަމަލުތަކެއް ކަން ގަބޫލުކުރާ ކަަމަށާއި، ނަފުރަތުގެ އަމަލުތަކުގެ ސަބަބުން ދިވެހި އެތައް ރައްޔިތުންނަކަށް ބޮޑެތިއަނިޔާތަކާއި ގެއްލުންތަކެއް ލިބިފައިވާކަމީ ދެބަސްވެވެން ނެތް ހަގީގަތެއް ކަމަށެވެ. މި މައްސަލައަކީ ހައްލެއްހޯދަންޖެހޭ މައްސަލައެއް ނަމަވެސް، ޤާނޫނުލް ޢުޤޫބާތަށް މިހާރު ހުށަހަޅާފައިވާ އިސްލާހަކީ މިކަމުގެ ހައްލުކަމަކަށް، ނުވަތަ މިފަދަ ގާނޫނެއް ފާސްކުރުމުގެ މަގްސަދު ހާސިލްވާނެ ބިލެއްކަމަކަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

މީގެއިތުރުން ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ގެނެސްފައިވާ އިސްލާހްތަކަށް ބަލާއިރު، މިއީ ނަފްރަތުގެ އަމަލުތައް ހުއްޓުވުމަށް އޮތް ހައްލަކަށްވުމުގެ ބަދަލުގައި މި ބިލުގެ ސަބަބުން މި މައްސަލަ އިތުރަށް ގޯސްވެގެންދާނެ ކަމަށެވެ. އަދި ބިލުގެ ސަބަބުން ދިވެހިންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަން ގެއްލިގޮސް، ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އިތުރުވުމުގެ ފުރުސަތު އޮތްކަމަށް ވެސް ގަބޫލު ކުރެވޭ ކަމަށެވެ.

އަދި އިސްލާމްދީނުގެ އަސްލުތަކާއި ރައްޔިތުންގެ އަސާސީ ހައްގުތަކާ ގުޅޭ މިފަދަ ބިލުތަކަކީ ވީހާވެސް ބޮޑަށް ރައްޔިތުންނާއި ދީނީ އިލްމުވެރިންނާ އަދި ކަމާގުޅުން ހުރި އެހެނިހެން ފަރާތްތަކުގެ މަޝްވަރާއާއި ލަފައާއެކު ޑްރާފްޓް ކުރެވި ފާސްކުރަންޖެހޭ ބިލުތަކެއް ކަމަށެވެ. ނަމަވެސް މިފަދަ މުހިންމު ބިލެއް އެކުލަވާލެވުނުއިރު، އަދި ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅުންހުރި ކޮމިޓީން މި ބިލުގެ މަސައްކަތް ކުރެވުނުއިރު، ކަމާގުޅުންހުރި ގިނަ ފަރާތްތަކުގެ މަޝްވަރާ އެކަށީގެންވާ މިންވަރަށް ހޯދާފައި ނުވާކަމަށެވެ.

އަދި ބިލުގެ މަސައްކަތް ކޮމިޓީން ކުރަމުންދިޔައިރު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ފަދަ އިދާރާތަކުން ބިލަށް ހުށަހަޅާފައިވާ ގިނަ އިސްލާހުތަކަށް ރިއާޔަތް ނުކޮށް، ކޮމިޓީން ބިލު ފާސްކޮށްފައިނުވާތީ ކަންބޮޑުވުން ފާޅު ކުރާ ކަމަށެވެ. އެހެންކަމުން، ނަފްރަތުގެ އަމަލުތައް ހުއްޓުވައި މި މައްސަލައާމެދު ރައްޔިތުންގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކަށް އެކަށީގެންވާ ހައްލުތަކެއް ހޯދުމަށްޓަކައި މަޝްވަރާގެ ރިވެތި އުސޫލުގެމަތިން ވީހާވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ގާނޫނުތައް އިސްލާހުކުރުމަކީ މުހިންމުކަމެއް ކަމަށް ދެކޭ ކަމަށް ބަޔާނުގައި ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް