ކ. މާލެ
|
4 ޖުލައި 2021 | އާދީއްތަ 05:10
ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން
ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
ނަފުރަތުގެ ބިލް ކޮމިޓީން ދިރާސާކޮށް
ކަމާބެހޭ ފަރާތްތަކުގެ ލަފަޔާއެކު މާނަކުރުންތައް ފުޅާކޮށް ބޮޑެތި ބަދަލުތަކާއެކު ނަފުރަތުގެ ބިލް ކޮމިޓީން ނިންމާ ތަޅުމަށް
 
މިހުރިހާ ފަރާތްތަކުގެ ޚިޔާލާއެކު ކޮމިޓީން ވަނީ މިބިލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި
 
ގާތްގަނޑަކަށް 2462 ޚިޔާލު އާންމުންގެ ފަރާތުންނާއި ޖަމިއްޔާ ޖަމާއަތްތަކުން ކޮމިޓީއަށް ލިބިފައިވޭ
 
ޖުޑީޝަރީ ކޮމިޓީން ވަނީ އިސްލާމިކް މިނިސްޓްރީ އާއި ޕްރޮސެކިޔުޓަރ ޖެނެރަލް އަދި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ޚިޔާލު ހޯދާފައި

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ޤާނޫނުލް ޢުޤޫބާތަށް ހުށަހެޅި އިސްލާހުގެ ބިލް ދިރާސާކުރި ޖުޑީޝަރީ ކޮމިޓީން ބޮޑެތި ބަދަލުތަކެއް ބިލަށް ގެނައުމަށްފަހު ކޮމިޓީ ރިޕޯޓް ތަޅުމަށް ފޮނުވައިފިއެވެ.

 ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރ ޙިސާން ޙުސައިން ހުށަހަޅުއްވާފައިވާ މިބިލަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު އެބިލް އަނބުރާ ނެގުމަށްވެސް ގިނަ ބަޔަކު ދިޔައީ ގޮވާލަމުންނެވެ. މިބިލް ދިރާސާކުރި ޖުޑީޝަރީ ކޮމިޓީން ވަނީ އިސްލާމިކް މިނިސްޓްރީ އާއި ޕްރޮސެކިޔުޓަރ ޖެނެރަލް އަދި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ޚިޔާލު ހޯދާފައެވެ. މީގެއިތުރުން މިބިލަކީ އާންމުގެ މަސްލަހަތު ބޮޑު ބިލަކަށް ވުމުން އާންމުންގެ ޚިޔާލު ހޯދުމަށް ކޮމިޓީން ނިންމިކަމަށް ކޮމިޓީ ރިޕޯޓްގައި ބުނެފައިވެއެވެ. އެގޮތުން ހުޅުވާލި ފުރުސަތުގައި ގާތްގަނޑަކަށް 2462 ޚިޔާލު އާންމުންގެ ފަރާތުންނާއި ޖަމިއްޔާ ޖަމާއަތްތަކުން ކޮމިޓީއަށް ލިބިފައިވާކަމަށް ކޮމިޓީ ރިޕޯޓްގައި ބުނެފައިވެއެވެ.

މިހުރިހާ ފަރާތްތަކުގެ ޚިޔާލާއެކު ކޮމިޓީން ވަނީ މިބިލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ވަކިވަކި މާއްދާތަކަށް ވަނީ ބަދަލުތައް ގެނެސްފައެވެ.

ކޮމިޓީން ގެނައި ބަދަލުތައް:

ބިލްގެ 124 ވަނަ މާއްދާގެ ހ ގެ 1 ވަނަ ނަންބަރުގެ 1

ބިލްގައި މިހާރު އޮތްގޮތް:

އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތުކުރުން

ކޮމިޓީން ގެނައި އިސްލާހު:

ދީނީ ޢިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި، އޭގެ ތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުޢޫރަކުން، ނުވަތަ ކުރި ޢަމަލަކުން، އެމީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ އިދިކޮޅު މީހެއްކަމަށް ނުވަތަ އެފަދަ މާނައިގައި ޢާންމު ތަނެއްގައި، ސިފަކުރުން ނުވަތަ ތުހުމަތުކުރުން

ބިލްގެ 124 ވަނަ މާއްދާގެ ހ ގެ 1 ވަނަ ނަންބަރުގެ 2

ބިލްގައި މިހާރު އޮތްގޮތް:

އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފުރަތު އުފެއްދުން

ކޮމިޓީން ގެނައި އިސްލާހު:

މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ ޢަމަލެއް ނުވަތަ ބަހެއް ޤަޞްދުގައި ފާޅުނުކުރާހާ ހިނދަކު، ނުވަތަ ޤަޞްދުގައި ފާޅުގައި ދީނުން ބޭރުވެ މުރުތައްދުނުވާހާ ހިނދަކު، ޢާންމު ތަނެއްގައި، އެމީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުން ނުވަތަ އެފަދައިން ތުހުމަތުކުރުމުގައި ނުވަތަ ސިފަކުރުމުގައި ބައިވެރިވުން.

ކޮމިޓީން ވަނީ މިމާއްދާގެ 3 އަދި 4 ވަނަ ނަންބަރު އުވާލާފައެވެ. އެމާއްދާތަކުގައި ބުނެފައިވަނީ ޢާންމު ތަނެއްގައި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމާއި އާންމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމުގައި ތުހުމަތުކުރުމެވެ.

ބިލްގެ 124 ވަނަ މާއްދާގެ ހ ގެ 2 ވަނަ ނަންބަރުގެ 1

ބިލްގައި މިހާރު އޮތްގޮތް:

މި އަކުރުގެ 1 ވަނަ ނަންބަރުގައިވާ ޢަމަލެއް ހިންގުމާއެކު މީހަކާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުން ނުވަތަ އެފަދަ ޢަމަލަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުން

ކޮމިޓީން ގެނައި އިސްލާހު:

މި އަކުރުގެ 1 ވަނަ ނަންބަރުގައިވާ ޢަމަލެއް ހިންގުމާއެކު މީހަކާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުން

ބިލްގެ 124 ވަނަ މާއްދާގެ ހ ގެ 2 ވަނަ ނަންބަރުގެ 2

ބިލްގައި މިހާރު އޮތްގޮތް:

މި އަކުރުގެ 1 ވަނަ ނަންބަރުގައިވާ ޢަމަލެއް ހިންގުމާއެކު މ ހަކަށް އަނިޔާއެއް ދިނުން ނުވަތަ އަނިޔާއެއް ދިނުމުގައި ބައިވެރިވުން ނުވަތަ އަނިޔާއެއް ދިނުމަށް ރޭވުން

ކޮމިޓީން ގެނައި އިސްލާހު:

މި އަކުރުގެ1 ވަނަ ނަންބަރުގައިވާ ޢަމަލެއް ހިންގުމާއެކު މީހަކަށް އަނިޔާއެއް ދިނުން

މިމާއްދާގެ 3 ވަނަ ނަންބަރުގައިވާ މީހެއްގެ ސިޔާސީ ވިސްނުމަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުން ނުވަތަ ދިނުމަށް ރޭވުން ވަނީ މިހާރު ގެނައި ބަދަލާއެކު އުނިކޮށްފައެވެ.

ބިލްގެ 124 ވަނަ މާއްދާ އަށް އަކުރެއް އިތުރުކުރުން

ކޮމިޓީން އިތުރުކުރި މާއްދާ:

(ނ)"އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ އިދިކޮޅު މީހެއް" ކަމަށް ބުނެފައި އެވަނީ ، މި ޤާނޫނުގެ 617 ވަނަ މާއްދާގެ ހ ގައި ކަނޑައަޅާފައިވާ ކުށެއްކުރާ މީހާއަށެވެ.

"ޢާންމު ތަނެއް" ކަމަށް ބުނެފައި އެވަނީ ، ޢާންމުން ހިނގާ ބިނގައިވާ ތަންތަނާއި، އެތަނަކަށް ޢާންމުން އައިސް އަދި އެނބުރި ގޮސް އުޅޭ ތަންތަނާއި، ޢާންމުން މަޑުކޮށްލައިގެން ތިބެވޭ ގޮތަށް ނުވަތަ އެކި ބޭނުންތަކުގައި އެއްވެ އުޅެވޭ ގޮތަށް ހުންނަ ތަންތަނާއި، ކަނޑައެޅިފައިވާ އަގެއް ދައްކައިގެން ނުވަތަ ދައުވަތެއް ދީގެން ނުވަތަ އެނޫންވެސް ގޮތަކުން ޢާންމުންނަށް ވަދެވޭގޮތަށް ނުވަތަ ބައިވެރިވެވޭގޮތަށް ހުންނަ ތަންތަނާއި، ރޭޑިއޯ، ޓެލެވިޜަން ނުވަތަ އިންޓަރނެޓާއި ޓެކްނޮލޮޖީ މެދުވެރިކޮށް ޢާންމުކޮށް މަޢުލޫމާތު ފޯރުކޮށްދޭ ނުވަތަ ޢާންމުންނަށް ބައިވެރިވެވޭ ފޯރަމްތަކާއި، ޚަބަރާއި މަޢުލޫމާތު ޢާންމުކުރާ އެހެނިހެން ވަސީލަތްތަކަށެވެ.

"ކުފުރުގެ ޢަމަލު" ނުވަތަ "ކުފުރުގެ ބަސް" ކަމަށް ބުނެފައި އެވަނީ ، ދީނީ ޢިލްމުވެރިންގެ މެދުގައި، އެއީ ކުފުރުގެ ޢަމަލެއް ނުވަތަ ކުފުރުގެ ބަހެއް ކަމާމެދު ޚިލާފެއް ނެތް ޢަމަލަށާއި ބަހަށެވެ.

"މުރުތައްދުވުން" ކަމަށް ބުނެފައި އެވަނީ ، ދީނީ ޢިލްމުވެރިންގެ މެދުގައި، މުރުތައްދުވުމުގެ ޢަމަލެއްކަމާމެދު ޚިލާފެއް ނެތް ޢަމަލެއް ކުރުމަށެވެ.

ކުރިޔަށް މިއޮތް ހަފްތާ ތެރޭގައި މިބިލް ފާސްކުރާނެ ކަމަށް ބެލެވެއެވެ. ޖޫން މަހުގެ ނިޔަލަށް ނިމެން އޮތް މިދައުރުގެ ޖަލްސާތައް ވަނީ ޖުލައި މަހުގެ 8 ވަނަ ދުވަހާ ހަމަައަށް ދިގު ދަންމާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
100%
0%
0%
0%
0%
0%
ކޮމެންޓް