ކ. މާލެ
|
26 ޖޫން 2021 | ހޮނިހިރު 19:36
ރާއްޖެ އައި ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި
ރާއްޖެ އައި ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި
ވެލާނާ އެއާޕޯޓް
ރާއްޖެ އަންނަ ފަތުރުވެރިން
ބައި މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
 
ޖޫން 25ގެ ނިޔަލަށް 500,406 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައި
 
މިއީ 2020 ވަނަ އަހަރާއި އަޅާބަލާއިރު 30.7 އިންސައްތައިގެ އިިތުރުވުމެއް
 
ޖޫން މަހު މިހާތަނަށް 46,023 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައި

އަހަރުގެ މިހާތަނަށް ބައި މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޖޫން 25ގެ ނިޔަލަށް 500,406 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ 2020 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންނާ އަޅައިބަލާއިރު 30.7 އިންސައްތައިގެ އިިތުރުވުމެކެވެ. ނަމަވެސް 2019 ވަނަ އަހަރާ އަޅައިބަލާއިރު މިއީ 40.6 އިންސައްތައިގެ ދަށްވުމެކެވެ.

ޖޫން މަހު މިހާތަނަށް 46,023 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އެންމެ ގިނަ އަދަދެއްގެ މީހުން އެއްދުވަހާ އައިސްފައި ވަނީ ޖޫން މަހުގެ 20ވަނަ ދުވަހުއެވެ. އެއީ 2،519 ފަތުރުވެރިންނެވެ. މިއީ ގިނަ ދުވަސްތަކަކަށް ފަހު 2،500ށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައި ފުރަތަމަ ދުވަހެވެ. ޖޫން މަހު އެންމެ މަދުން ފަތުރުވެރިން އައިސްފައި ވަނީ 7ވަނަ ދުވަހުއެވެ. އެއީ، 1،416 ފަތުރުވެރިންނެވެ. ޖޫން މަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ރާއްޖެ އަންނަނީ 1,841 ފަތުރުވެރިން ކަމަށާއި، އެފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް ނުވަ ދުވަސް ހޭދަކުރާކަމަށް ތަފާސްހިސާބުތައް ދައްކައެވެ.

މިއަހަރުގެ ފުރަތަމަ 5 މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، ޖެނުއަރީ މަހު 92,103 ފަތުރުވެރިން، ފެބްރުއަރީ މަހު 96,882 ފަތުރުވެރިން، މާޗް މަހު 109,585 ފަތުރުވެރިން، އޭޕްރިލް މަހު 91,200 ފަތުރުވެރިން އަދި މެއި މަހު 64,613 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ޖެނުއަރީ މަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 2,971 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ފެބްރުއަރީ މަހު އެއަދަދު ވަނީ 3,460ށް އަރާފައެވެ. އަދި މާޗު މަހު، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް އައި ފަތުރުވެރިންގެ އަދަދު ވަނީ 3,535ށް އިތުރުވެފައެވެ. ނަމަވެސް ފަތުރުވެރިން އަންނަ އަދަދު އޭޕްރީލް މަހު މަޑުމަޑުން ދަށަށް ދާން ފަށައި އެމަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް އައިސްފައިވަނީ 3,040 ފަތުރުވެރިންނެވެ. އަދި މެއި މަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް އައިސްފައި ވަނީ 2,084 ފަތުރުވެރިންނެވެ.

މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި 10 ގައުމަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާއިންނެވެ. މި ލިސްޓުގައި ދެން ހިމެނޭ ގައުމުތަކަކީ އިންޑިއާ، ޖަރުމަންވިލާތް، ޔޫކްރެއިން، ކަޒަކިސްތާން، އެމެރިކާ، އިނގިރޭސިވިލާތް، ރުމޭނިއާ، ފްރާންސް އަދި ޗެކްރިޕަބްލިކެވެ.

އަހަރުގެ މިހާތަނަށް 731 ޓޫރިސްޓް ފެސިލިޓީއެއް އޮޕަރޭޓްކުރަން ފަށާފައިވާއިރު، 47,482 އެނދު ދަނީ ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް އޮޕަރޭޓްކުރަމުންނެވެ. އަދި ބައިނަލްއަގުވާމީ 30 އެއަރލައިނަކުން ޝެޑިއުލްޑް ދަތުރުތައް ކުރަމުން އަންނަ އިރު، 10 އެއަރލައިނަކުން އަންނަނީ ޗާޓަރު ދަތުރުތައް ކުރަމުންނެވެ.

ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19ގެ ހަތަރު ވަނަ ރާޅާ އެކު ފަތުރުވެރިން އައި މިންވަރު ދަށަށް ދިޔަނަމަވެސް އަސަރުކޮށްފައި ވަނީ ލޯސީޒަންގެ އަމާޒަށް ކަމަށާއި، އަހަރުގެ ޓާގެޓްތައް އަދިވެސް ހާސިލުވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ފާއިތުވި އަހަރުގެ ޖުލައި 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލިފަހުން ޑިސެމްބަރު މަހާ ހަމައަށް 555,494 ފަތުތުވެރިން ރާއްޖެ އައިސްފައެވެ. މިއީ ބަލިމަޑުކަމުގެ ތެރޭގާއި ރާއްޖެ އަންނާނެ ކަމަށް ލަފާކޮށް އަމާޒުހިފި އަދަދަށްވުރެ އިތުރު އަދަދެކެވެ. މިއަހަރަށް ސަރުކާރުން އަމާޒުހިފާފައި ވަނީ 1.7 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް