Advertisement
ކ. މާލެ
|
12 އޯގަސްޓް 2025 | އަންގާރަ 15:41
އީޕީއޭ ހިންގަމުން ދިޔަ ގްރީން ބިލްޑިންގ - އިމާރާތްވަނީ ރޯވެ އަނދާ ހުލިވެފައި
އީޕީއޭ ހިންގަމުން ދިޔަ ގްރީން ބިލްޑިންގ - އިމާރާތްވަނީ ރޯވެ އަނދާ ހުލިވެފައި
ރާއްޖެއެމްވީ
އީޕީއޭ
ރައީސުލްޖުމްހޫރިއްޔާ އީޕީއޭ އުވާލުމަށްފަހު، ހައިސިއްޔަތު ދަށްކޮށް "އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ" ގެ ނަމުގައި އޮފީހެއް އުފައްދަވައިފި
އީޕީއޭ ހިނގަމުން އައީ ގަވަރނިން ބޯޑެއްގެ ދަށުން، މިހާރު ވަނީ ގަވަރނިންގ ބޯޑު އުވާލާފައި
އީއާރުއޭ އުފެއްދެވި އިރު ކުރިން އީޕީއޭ އަށް ލިބިފައިވާ މިނިވަން ހައިސިއްޔަތު ގެއްލިފައިވޭ
އީއާރުއޭ އުފެއްދީ ސީދާ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި

ރައީސް މުޙައްމަދު މުޢިއްޒު، "އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ" (އީޕީއޭ) އުވާލުމަށްފަހު، އީޕީއޭ އަށް ވުރެ ދަށް ހައިސިއްތެއްގައި "އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ" (އީއާރުއޭ) ގެ ނަމުގައި އަންގާރަ ދުވަހު އައު އޮފީހެއް އުފައްދަވައިފިއެވެ.

މި ބަދަލު ގެންނަވާފައި ވަނީ، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީން މިހާތަނަށް ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ތިމާވެށްޓާބެހޭ ކަންކަން ރެގިއުލޭޓް ކުރުމާ ގުޅުންހުރި މަސައްކަތްތަކެއް ކަމަށްވާތީ، އެ އިދާރާ އިން ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކާ ވީހާވެސް ގުޅުންހުރި ނަމެއް ހަމަޖެއްސެވުމުގެ އިތުރުން، އެ އިދާރާގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، ހަލުވިކުރުމުގެ ބޭނުމުގައި ކަމަށް ރައީސް އޮފީހުން ބުނި ނަމަވެސް އީޕީއޭ އުވާލައި، އީއާރުއޭ އުފެއްދެވި އިރު، އީއާރުއޭ އުފައްދާފައި ވަނީ ކުރިން އީޕީއޭ އަށް ލިބިފައިވާ މިނިވަން ހައިސިއްޔަތު ގެއްލޭ ގޮތައް ކަން ފާހަގަ ކުރެވެއެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ، މި ބަދަލާއެކު، މިހާތަނަށް ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގި އިދާރާއެއްގެ ގޮތުގައި އެ އިދާރާ އޮތް ހައިސިއްޔަތު ބަދަލުވެ، އެއީ ސީދާ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފައި ކަމަށެވެ.

ރައީސް އޮފީހުން ބުނީ މި ބަދަލު ގެނައީ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން ކަމަށެވެ.

ކުއްލި ގޮތަކަށް އީޕީއޭ އުވާލުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

- ކޮމެންޓް