Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖެންޑަރ މިނިސްޓްރީން މީޑިޔާތަކާ ދެކޮޅަށް އެޅި ފިޔަ

މީޑިޔާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ މަގްސަދެއް ނޫން، ފިޔަވަޅު އެޅީ ގާނޫނުން ލާޒިމްކުރާތީ: ޖެންޑަރ މިނިސްޓަރ

ކުއްޖާޔާ ބެހޭ ގޮތުން އެއްވެސް ގޮތަކަށް ސާބިތުނުކުރެވޭ އަދި ވަރަށް ދެރަ ބަސްތައް ބޭނުންކޮށްގެން ލޭބަލްކުރެވޭ ޒާތުގެ ބަހުރުވަ ބޭނުންކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 24 ޖޫން 2021 | ބުރާސްފަތި 18:20
ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ

ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ

ކުޑަކުދިންގެ ކަރާމާތް ގެއްލޭގޮތަށް ޚަބަރުފަތުރައިގެން އަވަސް އޮންލައިން ޖޫރިމަނާކޮށް އިތުރު ތިން މީޑިއާއަކަށް ޖެންޑަރ މިނިސްޓްރީން އިންޒާރުދީފައިވަނީ މީޑިޔާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ މަގްސަދުގައި ނޫންކަމަށާއި، ޤާނޫނުން ލާޒިމްކުރާ ކަމެއްކަމަށްވާތީ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޖެންޑަރ މިނިސްޓްރީން މީޑިޔާއެއް ޖޫރިމަނާކޮށް އިންޒާރުގެ ލިޔުން ފޮނުވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، މޯލްޑިވްސް މީޑިޔާ ކައުންސިލް (އެމްއެމްސީ)އިން ވަނީ ނޫސްބަޔާނެއް ނެރެފައެވެ. އެނޫސްބަޔާނުގައި ބުނެފައިވަނީ މީޑިއާގައި ޝާއިއުކުރާ ޝާއިއުކުރުންތަކުގެ މައްސަލަ ބެލުމުގެ ޤާނޫނީ އިޚްތިޞާޞް ލިބިގެންވަނީ މޯލްޑިވްސް މީޑިއާ ކައުންސިލަށް ކަމުގައިވާއިރު، ކައުންސިލާ އެއްވެސް މަޝްވަރާކުރުމެއްނެތި ދައުލަތުގެ ވުޒާރާއަކުން ނޫސްތައް ޖޫރިމަނާކުރުމަކީ، ކައުންސިލުން ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ. އެހެންކަމުން އެއަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް އެމްއެމްސީން ބުނެއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ(ނ)ގައި ބަޔާންކޮށްފައިވާ ފަދައިން، ގާނޫނާ ޚިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ޚަބަރާއި މަޢުލޫމާތު ޝާއިއުކުރުމުގައި، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލާއި، އެފަދަ ޝާއިއުކުރުންތަކާ ގުޅިގެން މީޑިއާތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެގޮތް ބަޔާންކުރާ އުސޫލުއެކުލަވާލުމުގެ ބާރު ލިބިދީފައިވަނީ އެމްއެމްސީއަށް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން މި އުސޫލުގެ ތެރެއިން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނުގެ 33ވަނަ މާއްދާއާ ޚިލާފުވާ މީޑިއާތަކުގެ މައްސަލަބަލައި ފިޔަވަޅު އެޅުމަކީ، އެމްއެމްސީން ކުރަންޖެހޭ ކަމެއްކަމަށް ދެކޭކަމަށް ބުނެފައިވެއެވެ.

މިމޭރުމުން އެމްއެމްސީން ނޫސްބަޔާން ނެރެފައިވާއިރު ރާއްޖެޓީވީގެ "ފަސްދޮޅަސް މިނެޓް"އަށް ޖެންޑަރ މިނިސްޓަރ ދެއްވި ޚާއްސަ އިންޓަރވިއެއްގައި ވިދާޅުވީ 2019ވަނަ އަހަރު ފާސްކޮށް، އަމަލުކުރަމުން އަންނަ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި، ކުޑަކުއްޖަކަށްވީތީ ލިބިދީފައިވާ އެންމެހާ ހައްގުތައް ބަޔާންކޮށްފައިވާކަމަށެވެ. އަދި ރާއްޖޭގެ ގާނޫނު އަސާސީ އާ ރާއްޖެއިން ބައިވެރިވެފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި ބެހޭ ބައިނަލްއަގްވާމީ މުއަހާދަތަކަށް ރިއާޔަތްކުރާއިރު ގަނޫނު ގައި ބަޔާންކުރާ ހައްގުތައް ހޯދުމުގެ ހައްގަކީ ކޮންމެ ކުއްޖަކަށްވެސް ގާނޫނުން ލިބިދޭ ހައްގެއްކަމަށެވެ.

މީގެއިތުރުން ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ކަމެއް ކުރުމަކީ ގާނޫނުގައި ކަނޑައެޅިގެން މަނާކަމެއް ކަމަށް ފާހަގަކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ކުރީގައި އަމަލުކުރަމުން އައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި މިހާރުގެ ގާނޫނާ ތަފާތުތަކެއް އެބަހުރިކަމަށެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ މިގާނޫނުގެ ދަށުން ގެޒެޓްކުރެވިފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ އާންމު ގަވާއިދެއްވާ ކަމަށެވެ. މިގަވާއިދުގެ 18 ވަނަ މާއްދާގެ ށ ގެ 1ވަނަ ނަންބަރުގައި، އަމަލުކުރަންވީ ގޮތް ބަޔާންކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިގަވާއިދަކީ އެޓަރނީ ޖެނެރަލް އޮފީހުގެ އިތުރުން ރައީސް އޮފީހުން އެޕްރޫވްކޮށް ގެޒެޓްކޮށްފައިވާ ގަވާއިދެއްކަމަށެވެ.

މީގެއިތުރުން މިފަހަރު ފިޔަވަޅު އެޅިގެން މިދިޔަ (13 އަހަރުގެ ކުއްޖާގެ) މައްސަލާގައި، މައްސަލައަކަށްވީ ކުއްޖާގެ ނަން ހާމަކުރުން ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެނަމަކީ ކުއްޖާ ނިޔާވުމާއި ގުޅިގެން ފުލުހުން ހާމަކޮށްފައިވާ ނަމެއްކަމަށާއި އަދި އާންމުކޮށްވެސް އެނގޭ ނަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޖެންޑަރ މިނިސްޓްރީން ވަނީ ކުޑަކުދިންގެ ކަރާމާތް ގެއްލޭގޮތަށް މީޑިއާގައި މައުލޫމާތު ހާމަކުރަމުންދާތީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) އާއި، 33 ވަނަ މާއްދާ އަދި 53 ވަނަ މާއްދާގެ ދަށުން ތިން މީޑިއާ އަކަށް ނޯޓިސްދީ "އަވަސް އޮންލައިން" ވަނީ ޖޫރިމަނާކޮށްފައެވެ. އެގޮތުން އަވަސް އޮންލައިން ޖޫރިމަނާކޮށްފައި ވަނީ 2000 ރުފިޔާއިންނެވެ. ނޯޓިސް ދީފައި ވަނީ ވަގުތު އޮންލައިން، ވަން އޮންލައިން، އަދި އަދަދު އޮންލައިންއަށެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި ބެހޭ ގާނޫނުގެ 10 ވަނަ މާއްދާއަކީ އަޅާލުމާއި ހިމާޔަތް ލިބުމާއި ގުޅޭ މާއްދާއެވެ. އެމާއްދާގެ ހ ގައި ބުނެފައިވަނީ ކުއްޖާ ހެދިބޮޑުވުމަށް ބޭނުންވާ ރައްކާތެރިކަމާއި އަޅާލުން، ކުއްޖާގެ ބެލެނިވެރިންގެ ފަރާތުންނާއި، ކުއްޖާގެ އާއިލާގެ ފަރާތުންނާއި މުޖުތަމައުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން ލިބުމަކީ ކޮންމެ ކުއްޖަކަށްމެ ލިބިގެންވާ ހައްގެކެވެ. އެގާނޫނުގެ 33 ވަނަ މާއްދާ އަކީ ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މައުލޫމާތު އާންމުނުކުރުމާ ގުޅޭ މާއްދާއެވެ. އެމާއްދާގެ ހ ގައި ބުނެފައިވަނީ ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަކަށް، ކުޑަކުދިންގެ ޒާތީ މަޢުލޫމާތު އެއްވެސް ފަރާތަކުން ޢާންމުކޮށްގެންނުވާނެއެވެ. އެމާއްދާގެ ށ ގައި ބުނެފައިވަނީ ކުށުގެ ތުހުމަތުގައިވާ ކުދިންނާއި، ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި، އެނޫންވެސް ސަބަބަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ނަމާއި، އެޑްރެހާއި، ތައުލީމު ހާސިލުކުރާ ތަނުގެ މަޢުލޫމާތު ފަދަ ޒާތީ މައުލޫމާތެއް ނުވަތަ ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ އެކުދިންގެ ތަސްވީރެއް، އެއްވެސް މީޑިއާގެ ނުވަތަ އެނޫންވެސް ވަސީލަތެއްގައި ޝާއިއުކޮށްގެން ނުވާނެއެވެ.

އެގާނޫނުގެ 53ވަނަ މާއްދާއަކީ ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ފަދަ ކަމެއް ނުކުރުމާގުޅޭ މާއްދާއެވެ. އެމާއްދާގައި ބުނެފައިވަނީ ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭގޮތަށް ވާހަކަދެއްކުމާއި، އެކުދިންގެ ހައްގުތަކަށް އުނިކަން ލިބޭނެފަދަ ކަންކަމަށް ހިތްވަރުދިނުމަކީ މަނާކަމެއް ކަމަށެވެ. މިފަދައިން އެއްވެސް ފަރާތަކުން ޢަމަލުކޮށްފިނަމަ، އެކަން ތަހުގީގުކޮށް އެކަމުގެ ކުޑަބޮޑުމިނަށާއި، އެކަން ތަކުރާރުވާ މިންވަރަށް ބަލައި އެކަމުގައި ޝާމިލުވާ ފަރާތްތައް ޖޫރިމަނާކުރުން ނުވަތަ ޢާންމުންނަށް ޚިދުމަތެއް ދިނުމުގެ ލައިސެންސެއް ލިބިފައިވާ ފަރާތެއްނަމަ، ލައިސެންސް ހިފެހެއްޓުންފަދަ ފިޔަވަޅުތައް މިނިސްޓަރު އަޅަންވާނެއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ވަރަށް ގިނަ ފަހަރު މިގޮތަށް އާޓިކަލް ހުންނަތަން ފެނިގެން އެޑިޓަރުންނާ ގުޅައިގެން ވާހަކަދައްކަައި، ނަސޭހަތްދީ ގާނޫނުގައި ބުނާ ގޮތަށް ކިޔައިދިނުމުން ޝާއިއުކޮށްފައި ހުންނަ ލިޔުންތައް ބަދަލުކޮށްފައި ހުންނަކަމަށެވެ. އަދި ހަމައެހެން ތިބެފައި ސަރުކާރުން މީޑިޔާތަކާ ދެކޮޅަށް ފިޔަވަޅު ނާޅާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަކީ މުޅި މުޖުތަމައުގެ ޒިންމާއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ގާނޫނުވެސް ބައްޓަންވެފައި އޮންނަނީ މުޅި މިޖުތަމައުގެ ޒިންމާގެ ގޮތަށް ކަމަށާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަކީ މީޑިޔާގެވެސް ޒިންމާއެއް ކަމަށް ވެސް ވިދާޅުވިއެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މީޑިޔާތަކުން މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރެއްވުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ. އަދި ކުދިންގެ ހައްގުތައް ރައްކާތެރިވާގޮތަށް ޒިންމާދާރުކަމާއެކު މީޑިޔާތަކުން މަސައްކަތްކުރުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު
23 ފެބުރުއަރީ 2017

ރައީސް މައުމޫނާ ދެކޮޅަށް ބަޔާން ދިނުމަށް ޒައިދުއަށް މަޖުބޫރިކުރި މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ރައީސް މައުމޫނާ ދެކޮޅަށް ބަޔާން ދިނުމަށް ޒައިދުއަށް މަޖުބޫރިކުރި މައްސަލަ ބަލަނީ
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
29 ޖެނުއަރީ 2017

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު