ކ. މާލެ
|
20 ޖޫން 2021 | އާދީއްތަ 02:12
އިރާނުގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންނެވި އިބްރާހީމް ރައީސީ
އިރާނުގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންނެވި އިބްރާހީމް ރައީސީ
އަލްޖަޒީރާ
އިރާނުގެ އައު ރައީސް ކަމަށް ރައީސީ
އިރާނުގެ އައު ރައީސް ރައީސީ: އުއްތަމަ ފަނޑިޔާރުކަމުން ވެރިކަމަށް
 
ރައީސީ ވަނީ ފަނޑިޔާރެއްގެ ގޮތުގައި ގިނަ އަހަރުތަކެއްވަންދެން މަސައްކަތް ކުރައްވާފައި
 
ރައީސީ އޮފީހާ ހަވާލުވެވަޑައިގަންނަވާނީ އޮގަސްޓް މަހުގެ ކުރީކޮޅު
 
އިންތިޚާބު ރައީސީ ކާމިޔާބުކުރައްވާފައިވަނީ 61.95 އިންސައްތަ ވޯޓުން

އިރާނުގެ އަށް ވަނަ ރައީސްކަމަށް އިބްރާހީމް ރައީސީ ބޮޑު ތަފާތަކުން އިންތިޚާބުވެވަޑައިގެންފިއެވެ.

އިރާނުގެ އިންޓީރިއާ މިނިސްޓްރީން ބުނެފައިވަނީ ހުކުރު ދުވަހު ބޭއްވި އިންތިޚާބު ރައީސީ ކާމިޔާބުކުރައްވާފައިވަނީ 61.95 އިންސައްތައިން ކަމުގައެވެ. އިރާނުގައި ކުރިޔަށްގެންދިޔަ ރިޔާސީ އިންތިޚާބަކީ 1979 ވަނަ އަހަރުގެ އިންގިލާބުގެ ފަހުން އެންމެ މަދުން މީހުން ވޯޓުލާން ނިކުތް އިންތިޚާބެވެ.

އިންތިޚާބުގައި ވޯޓުލާން ނިކުމެފައިވަނީ ވޯޓުލެވޭ އާބާދީގެ 48.8 އިންސައްތަ މީހުންނެވެ. ރައީސީއަށް ލިބިވަޑައިގެންނެވީ 28،933،004 (އަށާވީސް މިލިއަން ނުވަލައްކަ ތިރީސްތިން ހާސް ހަތަރު) ވޯޓެވެ.

ބާތިލް ވޯޓުގެ ގޮތުގައި 3،726،870 (ތިން މިލިއަން ހަތް ލައްކަ ސައްބީސްހާސް އަށްސަތޭކަ ހަތްދިހަ) ވޯޓު ވަނީ ގުނާފައެވެ. ރައީސީއަށް ލިބިވަޑައިގެންނެވި ވޯޓުގެ އަދަަދަށްފަހު ދެން އެންމެ ގިނައީ ބާތިލް ވޯޓެވެ.

އިންތިޚާބުގައި ދެން ވާދަކުރެއްވި ރިވެލިޔުޝަނަރީ ގަރޑްގެ ކުރީގެ ކޮމާންޑަރ މުހުސިން ރިޒާއީ އަށް ލިބިވަޑައިގެންނެވީ 3،412،712 (ތިން މިލިއަން ހަތަރު ލައްކަ ބާރަހާސް ހަތްސަތޭކަ ބާރަ) ވޯޓެވެ. އީރާނުގެ މަރުކަޒީ ބޭންކުގެ ކުރީގެ ގަވަރުނަރު ޢަބްދުއްނާޞިރު ހިންމަތީއަށް ލިބިވަޑައިގަތީ 2،427،201 (ދެ މިލިއަން ހަތަރު ލައްކަ ހަތާވީސް ހާސް ދުއިސައްތަ އެއް) ވޯޓެވެ. އިންތިޚާބުގެ އެންމެ ފުލަށް ވަޑައިގެންނެވީ އާމީރު ޙުސައިން ގަޒީޒަދާހު ހާޝިމީއެވެ. ހާޝިމީއަށް ލިބިވަޑައިގެންނެވީ 999،718 ވޯޓެވެ.

އިންތިޚާބުގެ ނަތީޖާ އިއުލާންކުރުމުގެ ކުރިން ރިޒާއީ އާއި ހިންމަތީ އަދި ހާޝިމީ ވަނީ ބަލި ގަބޫލުކުރައްވާފައެވެ.

ރައީސީ އޮފީހާ ހަވާލުވެވަޑައިގަންނަވާނީ އޮގަސްޓް މަހުގެ ކުރީކޮޅުއެވެ. އިރާނުގެ މިހާރުގެ ރައީސް ހަސަން ރޫހާނީ ރައީސް ކަމުގައި ހުންނަވާތާ ޖެހިޖެހިގެން ދެ ދައުރުވަނީ ވެފައެވެ. އިރާނުގެ ގާނޫނު އަސާސީ ބުނާގޮތުން ޖެހިޖެހިގެން ތިން ދައުރެއް އަދައެއް ނުކުރެވޭނެއެވެ.

އިންތިޚާބުގެ ނަތީޖާއާ ގުޅޭގޮތުން ރޫހާނީ ވިދާޅުވީ ރައްޔިތުންގެ ނިންމުމަށް މަރުޚަބާ ވިދާޅުވާކަމަށެވެ.

ރައީސީ މިހޯއްދެވި ކާމިޔާބީއާއެކު އިރާނުގައި ކޮންޒަރވޭޓިވް އިން ހޯދަމުން އަންނަ ކާމިޔާބީތައް ވަނީ އިތުރަށް ވަރުގަދަވެފައެވެ. މިހާރުވެސް އިރާނުގެ ގާނޫނު ހަދާ މަޖިލިސް ކޮންޓްރޯލްކުރަމުން ދަނީ ކޮންޒަރވޭޓިވްއިންނެވެ. ރައީސީއަކީ އިރާނުގެ ކުރިޔަށް އަންނަން ހުންނެވި ސްޕްރީމް ލީޑަރުުގެ ގޮތުގައިވެސް ބެލެވޭ ބޭފުޅެކެވެ.

ރައީސީއަކީ ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިންވެސް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ބޭފުޅެކެވެ. އެހެންކަމުން ރައީސީ ވަނީ އެމެރިކާގެ ބްލެކް ލިސްޓުގައިވާ ބޭފުޅުންގެ ތެރެއިން އިރާނުގެ ރައީސް ކަމަށް ވަޑައިގެންނެވުނު ފުރަތަމަ ރައީސަށެވެ.

2019 ވަނަ އަހަރު އެމެރިކާއިން ރައީސީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ 1988ވަނަ އަހަރުގެ ތެރޭގައި ގިނަ ޢަދަދެއްގެ ސިޔާސީ ކުށްވެރިން މެރުމުގައި ރައީސީ އިސް ދަޢުރެއް އަދާކުރައްވާފައިވާކަމަށް ބުނެއެވެ. 

ރައީސީ ބޮޑުފުޅުވީ އުތުރުއިރުމަތީ ސިޓީއެއް ކަމުގައިވާ މަޝްހަދުގައެވެ. މިސިޓީއަކީ ޝީއީންގެ އެންމެ މައި ސިޓީގެ ގޮތުގައި ބެލެވޭ ސިޓީއެވެ.

ރައީސީ ތެހެރާނަށް ވަޑައިގެންނެވީ 1985 ވަނަ އަހަރުއެވެ. އެއީ ޑެޕިޔުޓީ ޕްރޮސެކިޔުޓަރގެ މަގާމަށް އައްޔަނުކުރެއްވުމާއި ގުޅިގެންނެވެ. އުމުރުން 60 އަހަރުގެ ރައީސީ ވަނީ ފަނޑިޔާރެއްގެ ގޮތުގައި ގިނަ އަހަރުތަކެއްވަންދެން މަސައްކަތް ކުރައްވާފައެވެ. ރައީސީއަށް މެދުމިނުގެ ފިކުރުގެ ސިޔާސީ އިސްވެރިންގެ ތާޢީދު ވަރަށް ބޮޑަށް އޮވެއެވެ. ރައީސީއަކީ ދީނީ ތަޢުލީމާއި ޤާނޫނީ ދާއިރާއިން ތަޢުލީމު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

2017 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ރައީސީ ވަނީ ރޫހާނީ އާ ވާދަކުރައްވާފައެވެ. އެފަހަރު ރައީސީ އަށް ނާކާމިޔާބީ ލިބިވަޑައިގެންނެވީ 38 އިންސައްތަ ވޯޓުންނެވެ.

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި ކޮވިޑް-19 ޕެންޑަމިކްގެ ސަބަބުން އިރާނަށް ކުރިމަތިވެފައިވާ އިގްތިޞާދީ ގޮންޖެހުންތަކުން އެގައުމު ސަލާމަތްކޮށް އިގްިޞާދު ހަމަމަގަށް އަޅުއްވާނެކަމަށް ރައީސީ ވަނީ ވައުދުވެވަޑައިގަންނަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް