ކ. މާލެ
|
17 ޖޫން 2021 | ބުރާސްފަތި 21:48
އަބުރު ގާނޫނާ ދެކޮޅަށް ނޫސްވެރިން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން
އަބުރު ގާނޫނާ ދެކޮޅަށް ނޫސްވެރިން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން
އަވަސް
އަބުރު ގާނޫނު
އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލް ހުށަހަޅަނީ މިހާރު އަމަލުކުރަމުން އަންނަ ގަވާއިދަށް ގާނޫނީ ބާރުދިނުމަށް
 
އާންމު ގަވާއިދުތަކާބެހޭ ގާނޫނުގައި ހިމެނޭ އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދަކީ މިހާރުވެސް ތަންފީޒުކުރެވެމުންދާ ގަވާއިދެއް
 
މިއަހަރުގެ ދެ ވަނަ ދައުރު ހުށަހަޅާނެކަމަށް ހާމަކޮށްފައިވާ 19 ބިލްގެ ތެރޭގައި މިބިލް ވަނީ ހިމަނާފައި

މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެ ވަނަ ދައުރަށް ހުށަހެޅުމަށް ސަރުކާރުން ގަސްދުކޮށްފައިވާ އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލަކީ، އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދަށް ބާރު ލިބިދިނުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމަށް ހުށަހަޅާ ބިލެއްކަމަށް ސަރުކާރުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރަށް ހުށަހަޅާނެކަމަށް ސަރުކާރުން ބުނެފައިވާ މިބިލް ހުށަހަޅާނެކަމަށް އެންމެ ފުރަތަމަ އެޓަރނީ ޖެނެރަލް އޮފީހުން ބުނެފައިވަނީ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރަށެވެ. އެއަށްފަހު މިއަހަރުގެ ފުރަތަމަ ދައުރަށްވެސް އެބިލް ހުށަހަޅާނެކަމަށް އޭޖީ އޮފީހުން ކުރިން ބުނެފައިވެއެވެ. އަދި މިއަހަރުގެ ދެ ވަނަ ދައުރު ހުށަހަޅާނެކަމަށް ހާމަކޮށްފައިވާ 19 ބިލްގެ ތެރޭގައިވެސް މިބިލް ވަނީ ހިމަނާފައެވެ.

މިބިލް ހުށަހެޅުމާ ގުޅޭގޮތުން އޭޖީ އޮފީހުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ، އާންމު ގަވާއިދުތަކާބެހޭ ގާނޫނުގައި ހިމެނޭ، އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދަކީ މިހާރުވެސް ތަންފީޒުކުރެވެމުންދާ ގަވާއިދެއްކަމަށެވެ.

އެގަވާއިދު ހިމެނޭ ގޮތުން އިސްވެ ދެންނެވި ގާނޫނުގެ ޖަދުވަލު 1 އާއި 2 ގައި ހިމެނޭ އެންމެހައި ގަވާއިދުތަކަކީ، އެއަށް ބެލެނިވެރިކަން ލިބިދޭ ގާނޫނެއް ވުޖޫދަށް އަންނަންދެން، އެ ގާނޫނުގެ ދަށުން ބާރު ލިބިދޭންޖެހޭ، އެއަށް އަމަލުކުރުމުގެ މުއްދަތެއް ކަނޑައެޅިފައިވާ ގަވާއިދުތަކެކެވެ. ވީމާ އިސްވެ ދެންނެވި ބިލު އެކުލަވާލުމަށް ނިންމާފައިވަނީ ބުނެވިދިޔަ ގާނޫނުގެ ޖަދުވަލު 2 ގައި ހިމެނޭ ގަވާއިދުގެ މުއްދަތު ހަމަވުމުގެ ކުރިން ކަމާބެހޭ ގާނޫނީ އޮނިގަނޑު ގެނައުމަށް ކަމުގައި ދަންނަވަން.
އެޓަރނީ ޖެނެރަލްގެ އޮފީސް

އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ ޖަދުވަލު 1 އަދި 2 ގައި ބަޔާންކޮށްފައިވާ ގަވާއިދުތަކަށް އަމަލުކުރުމުގެ މުއްދަތު 13ވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހުން އިތުރުކޮށްފައިވަނީ ނިމިގެންދިޔަ 2020 ވަނަ އަހަރުގެ އެންމެ ފަހުގެ ޖަލްސާގައެވެ. މުއްދަތު އިތުރުކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހާ ހަމައަށެވެ. އެގަވާއިދުތަކަށް އަމަލުކުރުމުގެ މުއްދަތު އިތުރުކުރަމުން އައިސްފައިވާއިރު މިއަހަރުގެ މާޗް މަހުގެ 10ވަނަ ދުވަހު ކުރިޔަށްގެންދިޔަ ފުރަތަމަ ދައުރުގެ 16ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ މިގަވާއިދުތަކުގެ މުއްދަތު މިހާރު ހަމަވާން އޮތް މުއްދަތު ކަމުގައިވާ، މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ފަހުން ދެން މުއްދަތު އިތުރުކުރުމަށް ގަސްތުނުކުރައްވާކަމަށެވެ.

އާންމު ގަވާއިދުތަކާ ބެހޭ ގާނޫނަކީ މިހާރު އަމަލުކުރަމުން އަންނަ އައު ގާނޫނު އަސާސީ އައުމާއެކު، ކުރިން އަމަލުކުރަމުންދިޔަ ގަވާއިދުތަކަށް އަމަލުކުރުމުގެ ގާނޫނީ ބާރެއް ދިނުމަށްޓަކައި އެކުލަވާލާފައިވާ ޤާނޫނެކެވެ. މި ގާނޫނުގެ ދަށުން ހުރި ގަވާއިދުތަކަށް އަމަލުކުރަމުން އަންނާނީ އެގަވާއިދަކާ ގުޅުންހުރި ގާނޫނެއް ވުޖޫދުވަންދެންނެވެ. އެގާނޫނެއް ވުޖޫދުވަންދެން އަމަލުކުރުމުގެ މުއްދަތު އަންނަނީ އިތުރުކުރަމުންނެވެ.

އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅު ކުރުމުގެ ގާނޫނެއް ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުގައި 2016ވަނަ އަހަރުގެ އޯގަސްޓް މަހުގެ 11ވަނަ ދުވަހު ތަސްދީގުކޮށް އެއަށް އަމަލުކުރަމުންދިޔައެވެ. އަދި އެގާނޫނުގެ ބޭނުންކޮށްގެން ރާއްޖޭގައި އޭރު ހިންގަމުންދިޔަ ހުރިހާ ޕްރައިވެޓް ޓީވީ ސްޓޭޝަންތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރިއެވެ. އޭގެތެރެއިންވެސް ރާއްޖެޓީވީ ވަނީ 4 މިލިއަނާއި ގާތްކުރާ އަދަދަކުން ޖޫރިމަނާކޮށްފައެވެ. އެގާނޫނު އުވާލާފައިވަނީ މިހާރު ހިނގަމުންދާ ސަރުކާރުން 22 ނޮވެމްބަރު 2018ގައެވެ.

އެގާނޫނު އުވާލުމަށްފަހު، އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ގުޅޭގޮތުން ހެދިފައިވާ ގަވާއިދަށް ގާނޫނީ ބާރުވެރިކަން ދިނުމަށް އައު ގާނޫނެއް ވުޖޫދަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ މީގެކުރިން ބުނެފައެވެ. އެގޮތުން އަލަށް ވުޖޫދުވާ އަބުރުގެ ގާނޫނުގައި މި ކުށް އޮންނާނީ މަދަނީ ކުށެއްގެ ގޮތުގައި ކަމަށާއި، މި ގާނޫނުގެ ދަށުން ނޫސްވެރިންނަށް އެއްވެސް ގޮންޖެހުމެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން އޭޖީ އޮފީހުން ވަނީ ދީފައެވެ.

އޭޖީ އޮފީހުން ބުނީ އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލްގައި މައިގަނޑު ގޮތެއްގައި އެކުލެވޭނީ، އަބުރާ ބެހުމަކީ ކޮބައިކަމާއި، އަބުރާ ބެހުން ކަމަށް ނުބެލެވޭނެ ހާލަތްތަކާއި، މީހެއްގެ އަބުރާ ބެހެފިނަމަ، އެކަމުގެ ސަބަބުން އަބުރާބެހެވޭ މީހާއަށް ލިބޭ ގެއްލުމަށް މަދަނީ ބަދަލުނަގައިދިނުމުގެ އުސޫލުތަކާއި، އަބުރާ ބެހުމުގެ މަދަނީ ދައުވާއެއް ލިބޭ ފަރާތްތަކަށް ލިބިދޭ ދިފާއުތަކާ ގުޅޭ އުސޫލުތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް