މޯލްޑިވެސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގައި ހިމެނޭ މީހުންގެ ލިސްޓުގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރ، މުހައްމަދު ސައީދުގެ ނަން ހިމެނުނު ފަހުން ހުންނަވަނީ މާ ކޯފާވެފައި ކަމަށް ވިދާޅުވެ އުނގޫފާރު ދާއިރާގެ މެމްބަރ މުހައްމަދު ވަހީދު (ވައްޑެ) ފާޑުވިދާޅުވެއްޖެއެވެ.
ސިވިލް ސާވިސްގެ ގާނޫނަށް ގެންނަން ހުށަހަޅާއިވާ އިސްލާހުގެ ބަހުސްގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުވަނީ އެމްޑީޕީން ގެންނަ ލާމަރުކަޒީ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އެމްޑީޕީން އަސްލު މަސައްކަތްކުރަނީ އެ ނިޒާމު ފުނޑުފުނޑު ކޮށްލަން ކަމަށް ދޭހަވާ ގޮތަށް ދެއްކެވި ވާހަކަފުޅަށް ނުރުހުން ފާޅުކުރައްވައި އުނގޫފާރު ދާއިރާގެ މެމްބަރު ނެންގެވި ނިޒާމީ ނުކުތާއެއްގައި ވިދާޅުވީ ދޮގު ހެދިޔަސް އެކަމުގައި ކޮންމެވެސް ކަހަލަ ހައްދެއް އޮންނަންވާނެ ކަމަށެވެ. އަދި ކޮންމެ މެމްބަރަކު ވެސް ލިބޭ ވަގުތުގައި ތެދުބަހުން ވާހަކަދެއްކެވުމަށް އެދިވަޑައިގެންނެވި އެވެ.
ވަހީދު ވިދާޅުވީ ސައީދުގެ ނަން އެމްއެމްޕީއާރްސީގެ ލިސްޓުގައި ހިމެނުނު ފަހުން ހުންނަވަނީ މާބޮޑަށް ކޯފާވެފައި ކަމަށެވެ. ވަހީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ވާހަކަ އިދިކޮޅު މެމްބަރުން ދައްކަވާ އިރު މުޅި ނިޒާމު ހަލާކުކުރި ބަޔަކީ ވެސް އެއީ ކަމަށެވެ. އެގޮތުން ރައްޔިތުން އިންތިޚާބުކުރި 106 ކައުންސިލަރުން މަގުމަތިކޮށްލައި ފެނަކައިން ގެވަޅު ދޫކުރީ ވެސް އިދިކޮޅު ސަރުކާރުގައި ކަމަށް ވިދާޅުވިއެވެ. އަދި ޑިމޮކްރަސީގެ ވާހަކަ ދައްކާއިރު 200 މީހުންގެ ރަށްރަށަށް ބަޑި ހިފައިގެން އެރީ ވެސް އެބޭފުޅުން ކަމަށް ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ ކުރީގެ ވަޒީރުކަން ވެސް ކުރެއްވި ބޭފުޅަކު އެފަދަ ވާހަކަތައް ދައްކަވާއިރު ކޮންމެވެސް ވަރަކަށް ވިސްނާލުން ރަނގަޅު ކަމަށެވެ.
ސިވިލް ސާވިސްގެ ގާނޫނަށް ގެންނަން ހުށަހަޅާއިވާ އިސްލާހުގައިވާގޮތުން ކައުންސިލްތަކަށް ސެކެޓްރީ ޖެނެރަލުން އައްޔަން ކުރާނީ ހަމައެކަނި ސިވިލް ސާވިސް ކޮމިޝަންއަށް ފެންނަ ގޮތުގެ މަތިންނެވެ. ގާނޫނުގައި މިހާރު އޮތް ގޮތުން އެކަމުގައި ކައުންސިލްގެ ދައުރެއް ވެސް އޮވެއެވެ. އެ އިސްލާހު ހުށަހަޅުއްވާފައި ވަނީ ގެމަނަފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ސައީދެވެ. އެކަމަކު މި އިސްލާހީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމެއް ނޫން ކަމަށް ސަރުކާރުން ވެސް ބުނެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ވެސް ވަނީ އެކަން ފާހަގަކުރައްވާފައެވެ. އެކަމަކު ސައީދު ވަނީ ތަކުރާރުކޮށް އެކަމަށް ބަހުސް ކުރައްވައި އެއީ ހަމަ ލާމަރުކަޒީ ނިޒާމު ފުނޑާލުމަށް މި ސަރުކާރުން ކުރާ މަސައްކަތެއް ކަމަށް ވިދާޅުވެފައެވެ.