ކ. މާލެ
|
7 ޖޫން 2021 | ހޯމަ 17:32
241 ކޮމިޓީން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
241 ކޮމިޓީން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
އިންކުއަރީއާ ގުޅުވައި ހުށަހެޅި އިމްތިޔާޒުގެ މައްސަ
އިންކުއަރީއާ ގުޅުވައިގެން ޒަމީލްގެ މައްސަލަ ބަލަން އުޅުމުން އަސްލަމްގެ ކަންބޮޑުވުން
 
މިފަދަ ކަންކަން މިހެން ހިނގާކަމަށް ވަނީ ނަމަ އޭގެ އަސަރު އިންކުއަރީއަށް ކުރާނެ ކަމަށް ގަބޫލުކުރެވޭ- އަސްލަމް
 
ކުއްލިއަކަށް މައްސަލައެއް ހުށަހެޅިގެން ދިޔަތަން ފެނުން ގަބޫލެއް ނުކުރެވޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނުގެ ސެކިޔުރިޓީ ފެއިލްވި ގޮތާއި ގުޅޭގޮތުން، ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ކުރިޔަށްގެންދާ އިންކުއަރީއަށް މައުލޫމާތު ދިނުމަށް ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ހުރަސް އެޅުއްވިކަމަށް ބުނެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުމުން، އިންކުއަރީ ކުރިޔަށްގެންދާ 241 ކޮމިޓީގެ މުގައްރިރު އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޒަމީލް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ވިދާޅުވެ އެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން އިމްތިޔާޒާ ސުލޫކީ ކޮމިޓީއަށް މައްސަލަ ހުށަހެޅުއްވީ ސީދާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެކަމާ ގުޅިގެން އެކޮމިޓީގެ ބައްދަލުވުމެއް އާދިއްތަ ދުވަހުގެ ރޭ ވަނީ ކުރިޔަށް ގެންގޮސްފައެވެ.

މީޑިޔާއަށް ސިއްރުން ކުރިޔަށްދިޔަ ބައްދަލުވުމުގައި ވަނީ މިމައްސަލަ ނުބެލުމަށް ހުށަހެޅުނު ހުށަހެޅުން އެމްޑީޕީގެ މެމްބަރުންގެ ވޯޓާއެކު ވަނީ ފާސްވެފައެވެ. އެއާއެކު އެމްޑީޕީގެ މެމްބަރުންގެ މެދުގައި އަންނަނީ ބަހުގެ ހަމަލާތަކެއް ބަދަލުކުރަމުންނެވެ.

އެކަން އެހެން ހިނގަމުންދަނިކޮށް ހޯމަ ދުވަހު 241 ކޮމިޓީގެ މުގައްރިރު ވަނީ ކޮމިޓީން ކުރިޔަށްގެންދާ އިންކުއަރީއާ ގުޅޭ މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މިބައްދަލުވުމުގައި ޒަމީލްގެ ސުލޫކީ މައްސަލައެއް ބެލުމަށް މަސައްކަތްކުރުމުން، އެކަމާ ގުޅޭގޮތުން ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުންވެސް، އަދި 241 ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުންވެސް، އާދިއްތަ ދުވަހުގެ ރޭ ހިނގާދިޔަ ކަންތައްތައް ގަބޫލުކުރަން ދަތިކަމަށެވެ. ސަލާމަތީ ޚިދުމަތްތަކުގެ އިދާރާއިން ކޮމިޓީއަށް މައުލޫމާތުނުދިން ކަމަށް ބުނެ އެކަމުގެ މާބޮޑު ތަފްސީލެއްވެސް ނެތި ކުއްލިއަކަށް މައްސަލައެއް ހުށަހެޅިގެންދިޔަ ތަން ފެނުން ގަބޫލުނުކުރެވޭ ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަޅުގަނޑު ދެކޭ ގޮތުގަ މިފަދަ ކަންކަން މިހެން ހިނގާކަމަށް ވަނީ ނަމަ އޭގެ އަސަރު އިންކުއަރީއަށް ކުރާނެ ކަމަށް ގަބޫލުކުރެވެނީ. އަޅުގަނޑު އެދެނީ މި އިންކުއަރީއަށް ފަހިވާ ގޮތަށް ހުރިހާ ކަންކަމެއް ހުރިހާ ބޭފުޅުން ވެސް ކުރެއްވުން. މިފަދަ ކަންކަން އެއްވެސް ބޭފުޅަކު ނުކުރެއްވުން އެދެނީ.
މުހައްމަދު އަސްލަމް/ ކޮމިޓީގެ މުގައްރިރު

މިކަންތައްތަކާ ގުޅޭގޮތުން މަޖިލީހުގެ ރައީސްގެ އިތުރުން، 241 ކޮމިޓީގައި ވެސް ހިމެނޭ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲއާ ވެސް މަޝްވަރާ ކުރެއްވި ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އިމްތިޔާޒު މައްސަލާގައި މިއަށްވުރެ ފުޅާ ދާއިރާއެއްގައި މަޖިލީހުގައި ބަހުސްކުރަން ޖެހޭކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.

އިމްތިޔާޒަށް އަރައިގަނެފިތޯ ނުވަތަ ނޫންތޯ އާއި މައްސަލައެއް އޮތްތޯ ނުވަތަ ނޫންތޯ މިއަށްވުރެ ފުޅާ ދާއިރާއެއްގައި ބެލެންޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި 241 ކޮމިޓީން އެފަދަ މައްސަލައެއް ހުށަހެޅުމަށް ނިންމަވާފައިނުވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެއްރޭ ދަންވަރު ކޮމިޓީއެއް ބާއްވާފައި އިމްތިޔާޒުގެ މައްސަލަ އެއް މައްސަލަ އަމާޒުކުރަންވީ ކޮން ފަރާތަކަށްކަން ސާފުނުވާގޮތަށް މިކަންކަން ކުރެވިގެން ނުވާނެ ކަމަށް ދެކެނީ. ކޮމިޓީތަކަށް މައްސަލަ ހުށަހަޅަންޖެހޭ ތަރުތީބާ އުސޫލުތަކާއި ހުރިހާ ބޭފުޅުންވެސް ރަނގަޅަށް އަމަލުކުރަން ޖެހޭނެކަމަށް ދެކެނީ. އިމްތިޔާޒުގެ މައްސަލައެއް އޮތްކަމަކަށް ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއަކުން އަދި ފާހަގަކޮށްފައެއް ނުވޭ. އަދި ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން އެފަދަ ކަމެއް ހުށަހެޅުމަށްވެސް ނިންމާފައެއްނުވޭ
މުހައްމަދު އަސްލަމް/ ކޮމިޓީގެ މުގައްރިރު

މަޖިލީހުގެ އިމްތިޔާޒަށް ޒަމީލް އަރައިގަތް ކަމަށް ތުހުމަތުކޮށް ދައުވާކޮށް ދިނުމަށް އެދި ޕީޖީއަށް މައްސަލަ ފޮނުވީ، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުވާން އަންގާފައިވާ ސިފައިންގެ ފަރާތުން ކޮމިޓީގައި ޖަވާބުދާރީ ވާނީ ވަކިވަކި ސިފައިންގެ ބަދަލުގައި މުއައްސަސާގެ ފަރާތުންކަން ބަޔާންކޮށް ފޮނުވި ސިޓީގައި ސޮއިކުރައްވާފައިވަނީ ޒަމީލު ކަމަށްވާތީއެވެ.

މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ޒަމީލުގެ މައްޗަށް ޖިނާއީ ދައުވާކޮށްދެއްވުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުއްވާފައެވެ. ނަމަވެސް ޕީޖީ ވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި, ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގައި އޮންނަނީ، ޕީޖީ އޮފީހަށް މައްސަލަ ހުށަހަޅަންޖެހޭނީ ތަހުގީގު ކުރުމަށް ފަހުގައި ކަމަށް ވިދާޅުވެ އެމައްސަލަ އަނބުރާ މަޖިލީހަށް ފޮނުވާލައްވާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ އިންކުއަރީއަށް ސިފައިންގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ލިބެމުންދާ ކަމަށާއި، މައުލޫމާތު ނުދީގެން އެފަދަ ސުލޫކީ މައްސަލައެއް އަދި ފާހަގަވެފައި ނުވާކަމަށެވެ. ސިފައިންގެ ތެރެއިން ވިޔަސް އަދި އެހެން އިދާރާއަކުން ވެސް އިންކުޔަރީއަށް މައުލޫމާތު ދޭން ދެކޮޅު ހަދައިފި ނަމަ، އެކަމާ މެދު ކޮމިޓީން މަޝްވަރާކޮށް ގޮތެއް ނިންމާނެ ކަމަށެވެ. ނަމަވެސް އަދި އެފަދަ ހާލަތެއް ކުރިމަތިވެފައި ނުވާކަމަށް އަސްލަމް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް