ކ. މާލެ
|
7 ޖޫން 2021 | ހޯމަ 10:42
ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް
ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް
ރައީސް އޮފީސް
އިމްތިޔާޒު ކޮމިޓީން މައްސަލަ ބޭރުކޮށްލުން
ރައީސް ނަޝީދު ފޮނުއްވި އިމްތިޔާޒާ ގުޅޭ މައްސަލަ އެމްޑީޕީގެ މެމްބަރުންގެ ވޯޓާއެކު ކޮމިޓީން ބޭރުކޮށްފި
މައްސަލަ ބޭރުވެފައިވަނީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 11 މެމްބަރުންގެ ތެރެއިން 6 މެމްބަރުންގެ ވޯޓުން
މައްސަލަ ބޭރުކޮށްލުމަށް އެމްޑީޕީގެ 4 މެމްބަރުން ވޯޓު ދެއްވި
މައްސަލަ ބޭރުކޮށްލަން ހުށަހެޅުއްވީ މިކަމަކީ ޑިފެންސް މިނިސްޓަރ ޒިންމާ ނަންގަވަންޖެހޭ ކަމެއްކަމަށްވާތީ ކަމަށް ނާޒިމް ވިދާޅުވި

ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ވިދާޅުވެ އެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިމްތިޔާޒު ކޮމިޓީއަށް ފޮނުއްވި މައްސަލަ އެމްޑީޕީގެ މެމްބަރުންގެ ވޯޓާއެކު ބޭރުކޮށްލައިފިއެވެ.

ޒަމީލް، މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވީ، އެ މަނިކުފާނު އަވަހާރަކޮށްލަން ބަޔަކު ދިން ޓެރަރިސްޓު ހަމަލައާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ކުރިއަށް ގެންދާ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް އަންގައި، ޑިފެންސް މިނިސްޓްރީގެ ފަރާތުން ޒަމީލް ސޮއިކުރައްވައި ސިޓީއެއް ފޮނުއްވުމާ ގުޅިގެންނެވެ.

ރައީސް ނަޝީދު އިމްތިޔާޒު ކޮމިޓީއަށް މައްސަލަ ފޮނުއްވުމާ ގުޅިގެން ކޮމިޓީގެ ބައްދަލުވުމެއް އާދިއްތަ ދުވަހުގެ ރޭ 9:30 ގައި ބޭއްވުމަށް ތާވަލްކުރިއެވެ. އޮންލައިންކޮށް ކުރިޔަށް ގެންދިޔަ ކޮމިޓީ ބައްދަލުވުން ވަނީ ސިއްރުކޮށްފައެވެ.

މިބައްދަލުވުމުގައި މި މައްސަލަ ކޮމިޓީން ބަލާނެ ތަނެއްނެތް ކަމަށް ހުށަހެޅުއްވީ ކުރީގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި ދަނގެތި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރ މުހައްމަދު ނާޒިމެވެ. ނާޒިމްގެ މި ހުށަހެޅުއްވުން ފާސްވެފައިވަނީ އެމްޑީޕީގެ މެމްބަރުންގެ ވޯޓާ ވެސް އެކުއެވެ. "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ނާޒިމް ވިދާޅުވީ ނާޒިމް ހުށަހެޅުއްވި ހުށަހެޅުއްވުން ފާސްވެފައިވަނީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 11 މެމްބަރުންގެ ތެރެއިން 6 މެމްބަރުންގެ ވޯޓާއެކު ކަމަށެވެ. އޭގެތެރޭގައި އެމްޑީޕީގެ މެމްބަރުން ވެސް ހިމެނިވަޑަައިގަންނަވައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ކޮމިޓީން ބޭރުކޮށްލުމަށް ވޯޓު ދެއްވާފައިވަނީ ގަމު ދާއިރާގެ އެމްޑީޕީ މެމްމަަބަރ މުހައްމަދު ވިސާމް، ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރ ހުސައިން ވަހީދު، ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރ އަބްދުﷲ ސަނީފް، މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރ އަލީ ރިޒާގެ އިތުރުން އަމިއްލަ ގޮތުން މަޖިލީހުގައި އިންނަވާ ނޮޅިވަރަމް ދާއިރާގެ މެމްބަރ މުހައްމަދު ނަޝީދު އަދި މައްސަލަ ބޭރުކޮށްލަން ހުށަހެޅުއްވި ދަނގެތި ދާއިރާގެ ޖޭޕީ މެމްބަރ މުހައްމަދު ނާޒިމެވެ.

ކޮމިޓީގައި ދެން ތިއްބަވަނީ ކޮމިޓީގެ މުގައްރިރު ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރ ޔާސިރު އަބްދުއްލަތީފް، މަކުނުދޫ ދާއިރާގެ އެމްޑީޕީ މެމްބަރ މުހައްމަދު ރާއީ، މަނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރ އަހުމަދު ހާރޫން ،ހިތަދޫ މެދު ދާއިރާގެ އެމްޑީޕީ މެމްބަރ އަހުމަދު ރަޝީދު، ގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރ މުހައްމަދު ޣައްސާން މައުމޫން، މީދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރ އަހުމަދު ސިޔާމް މުހައްމަދު އަދި މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރ އާދަމް ޝަރީފެވެ.

ނާޒިމް ވިދާޅުވީ މައްސަލަ ބޭރުކޮށްލަން ހުށަހެޅުއްވީ ސިޓީގައި ސޮއިކުރައްވާފައިވަނީ ޒަމީލް ކަމުގައިވީނަމަވެސް މިކަމަކީ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ޒިންމާ ނަންގަވަންޖެހޭ ކަމެއްކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ. އަދި މިކަމުގައި ޒަމީލާމެދު ފިޔަވަޅު އެޅުމަކީ ހަމަޖެހޭ އުސޫލެއްކަމަށް ދެކެވަަޑައިނުގަންނަވާކަމަށް ނާޒިމް ވިދާޅުވިއެވެ.

"އެފަދަ ލިޔުންތަކުގައި ސޮއި ކުރަން މިނިސްޓަރަށް އެހެން މީހަކާ ހަވާލު ކުރެވިދާނެ ކަމާއި ނަމަވެސް، ސޮއި ކުރާ މީހާގެ ބަދަލުގައި އެކަމުގެ ޒިންމާ ނަގަން ޖެހޭނީ މިނިސްޓަރު" ނާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން އެމްއެންޑީއެފުން މަޖިލީހަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ގޮތަށް ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާގެ ދަށުން ވަކިވަކިން ސިފައިންނާ މަޖިލީހުން ސުވާލުނުކުރެވޭނެކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެގޮތަށް ކޮމިޓީގައި ތިއްބަވާ އެމްޑީޕީގެ ބައެއް މެމްބަރުން ވެސް އެއްބަސްވެވަޑައިގަންނަވާ ކަމަށެވެ.

މި މައްސަލަ ކޮމިޓީން ބޭރުކޮށްލުމާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައެއް މެމްބަރުންނާއި، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ ބައެއް މެމްބަރުން ގެންދަވަނީ ނުރުހުން ފާޅުކުރައްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިޔުރިޓީ ފެއިލްވި ގޮތުގެ އިންކުއަރީއެއް 241 ކޮމިޓީން އަންނަނީ ކުރިޔަށް ގެންދަމުންނެވެ. މި އިންކުއަރީގައި ވަކިވަކި ސިފައިންނާ ސުވާލުކުރުމަށް ކޮމިޓީން ބޭނުންވިނަމަވެސް އެމްއެންޑީއެފުން ވަނީ މިކަމުގައި ވަކިވަކި ސިފައިންނާ ސުވާލުނުކުރެވޭނެ ކަމަށާއި މި މައްސަލާގައި ކޮމިޓީއާ ޖަވާބުދާރީ ވާނީ މުޅި މުއައްސަސާއިން ކަމަށް ބުނެފައެވެ.

އިމްތިޔާޒް ކޮމިޓީއަށް މައްސަލަ ހުށަހެޅުމުގެ ކުރިން މަޖިލީހުން ވަނީ ވަކިވަކި ސިފައިން ޖަވާބުދާރީ ވުމަށް ނުފޮނުވޭނެ ކަމަށް ޑިފެންސުން ފޮނުއްވި ސިޓީގައި ސޮއިކުރެއްވި ޒަމީލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ވެސް ފޮނުވާފައެވެ.

ވަކިވަކި ސިފައިންނާ ސުވާލުކުރުމަށް މަޖިލީހުން ބޭނުންވާތީ އެކަމާ ގުޅިގެން ރާއްޖެޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ވަކިވަކި ސިފައިން މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ހާޒިރުކޮށް، އެ ސިފައިން ޖަވާބުދާރީކުރުމަށް މަސައްކަތް ކުރާތީ އެ ސިފައިން ކަންބޮޑުވާ ކަމަށެވެ.

241 ކޮމިޓީން ކުރިޔަށް ގެންދާ އިންކުއަރީގައި މިހާތަނަށް އައިއިރު ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް ޢަބްދުއްލަތީފް އާ ވަނީ ސުވާލުކޮށްފައެވެ.

- ކޮމެންޓް