ކ. މާލެ
|
5 ޖޫން 2021 | ހޮނިހިރު 08:41
ކޮވިޑް19 އަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގައިގެންދަނީ
ކޮވިޑް19 އަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގައިގެންދަނީ
ރާއްޖެއެމްވީ
މެޑިކަލް އިމަރޖެންސީ ރެސްޕޯންސް އަށް ބަދަލުތަކެއް
އެމަރޖެންސީ މެޑިކަލް ސަރވިސް ވަކި ޚިދުމަތެއްގެ ގޮތުގައި ގާއިމުކުރަނީ
 
ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ މީހަކު އެމްބިޔުލަންސް ހޯދުމަށް ސިއްހީ ޚިދުމަތްދޭ އެއްވެސް ތަނަކަށް ގުޅައިފިނަމަ އެމްބިޔުލަންސް ފޮނުވަންޖެހޭ ގޮތަށް އުސޫލުވަނީ ބަދަލުކޮށްފައި
 
ކޮވިޑް-19ށް ޕޮޒިޓިވްވާ ފަރާތްތައް ޑޮކްޓަރަށް ދައްކައި އައުޓް ޕޭޝަންޓް ބޭސިސްގައި ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އަންނަނީ މަސައްކަތްކުރަމުން
 
އެޗްއީއޯސީގެ މެޑިކަލް އިމަރޖެންސީ ރެސްޕޮންސް މިހާރު ހިނގަމުންދާ ގޮތަށް މައިގަނޑު 6 ބަދަލެއް ގެނައުމަށް ވަނީ ނިންމާފައި

އިމަރޖެންސީ މެޑިކަލް ސަރވިސް (އީއެމްއެސް) ވަކި ޚިދުމަތެއްގެ ގޮތުގައި ގާއިމުކޮށް އިމަރޖެންސީ ހާލަތްތަކުގައި އަވަހަށް ރެސްޕޮންްޑް ކުރެވޭނެ ވަކި ޚާއްސަ ނަންބަރަކަށް ގުޅޭނެ އިންތިޒާމު ހަމަޖައްސައި މިޚިދުމަތް ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފެށިފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ ކޮވިޑް-19 ގެ ބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވި އެންމެ ހަގު ކުއްޖާކަމުގައިވާ އުުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާ މުހައްމަދަށް ފަރުވާދިނުން ލަސްވެ ނިޔާވުމާ ގުޅިގެން ހެދިފައިވާ ރިވިއު ރިޕޯޓްގައެވެ. މިރިޕޯޓްގައި މިފަދަ ހާދިސާއެއް ދެވަނަ ފަހަރަށް ތަކުރާރުވިޔަ ނުދިނުމަށްޓަކައި މިހާތަނަށް ކުރެވެމުންދާ ކަންތައްތަކާއި އެޗްއީއޯސީގެ މެޑިކަލް އިމަރޖެންސީ ރެސްޕޮންސް މިހާރު ހިނގަމުންދާގޮތަށް ގެނައުމަށް ނިންމާފައިވާ ބަދަލުތައް ވަނީ ހާމަކޮށްފައެވެ.

އެގޮތުން އެޗްއީއޯސީގެ މެޑިކަލް އިމަރޖެންސީ ރެސްޕޮންސް މިހާރު ހިނގަމުންދާ ގޮތަށް މައިގަނޑު 6 ބަދަލެއް ގެނައުމަށް ވަނީ ނިންމާފައެވެ. އެބަދަލުތަކަކީ:

- ކޯލް ސެންޓަރަށް އަންނަ އިމަރޖަންސީ ކޯލްތަކަށް އަވަސް މިނުގައި ހުރިހާ ކްލަސްޓަރތަކުން ފިޔަވަޅު އަޅަމުންދޭތޯ މޮނިޓަރކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުން

- ކޯލް ސެންޓަރަށް އަންނަ ކޯލްތަކުގެ ތެރެއިން އިމަރޖެންސީ ކޯލްތައް ރަނގަޅަށް ކެޓަގަރައިޒްކުރެވޭނެ ނިޒާމް ޚަރުދަނާކުރުން

- އިމަރޖެންސީ ރެސްޕޮންސްގެ މުޅި ޕްރޮސެސްގައި ކޯޑިނޭޓްކުރަންޖެހޭ އެކި ފަރާތްތައް މަދުކުރުން. އަދި އެމަރޖެންސީ ކޭސްއަކަށް ޑޮކްޓަރަށް އަވަހަށް އެޓެންޑްކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި މަދުވަގުތުކޮޅެއްގެ ތެރޭގައި އެމަރޖެންސީ ކޭސްއަކަށް ބޭނުންވާ އެމްބިއުލަންސް ޓްރިގަރކުރެވޭނެ ގޮތަށް ނިޒާމަށް ބަދަލުގެނައުން

- އެމަރޖެންސީ ކޭސްއަކާ ގުޅޭ މައުލޫމާތު ޑީއެމްއާރުޓީއަށް ސީދާ ވަގުތުން ދާނެ ގޮތްތަކާއި މި ކޭސްތަކަށް ޑޮކްޓަރުންނަށް އެޓެންޑްވެވޭކަން ކަށަވަރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން. ޑީއެމްއާރުޓީ އަކީ އެޗްއީއޯސީގައި ހަރަކާތްތެރިވާ މެޑިކަލް ރެސްޕޯންސް ޓީމެވެ.

- ކޯލް ސެންޓަރަށް ގުޅާ ފަރާތްތަކުގެ ތެރެއިން އިމަރޖެންސީ ކޭސްތަކުގައި ޑީއެމްއާރުޓީން ގުޅުމުން ދިމާނުވާ ފަރާރްތަކަށް އެޓެންޑްކުރެވޭނެ އިންތިޒާމުތައް ރޭވުން

- މިކަމަށް ޚާއްސަކޮށް ތައްޔާރުކުރެވިފައިވާ އޯބީ ސިސްޓަމް ހުރިހާ ކްލަސްޓަރތަކަކުން ގަވާއިދުން ބޭނުންކުރަމުންގެންދާކަން ކަށަވަރުކުރުން. އަދި ސިސްޓަމް މައްސަލައެއް ދިމާވެއްޖެނަމަ ބެކަޕް ނިޒާމެއް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެހިފައި އޮތުން

މީގެއިތުރުން ރިޕޯޓްގައި ފާހަގަކޮށްފައިވަނީ ކޮވިޑް-19ށް ޕޮޒިޓިވްވާ ފަރާތްތައް ޑޮކްޓަރަށް ދައްކައި އައުޓް ޕޭޝަންޓް ބޭސިސްގައި ފަރުވާ ލިބޭނެ އިންތިޒާމު މާލެ، ވިލިގިނލި އަދި ހުޅުމާލޭގައި ހަމަޖައްސައި، އެތަންތަނަކީ 24 ގަޑިއިރު ޚިދުމަތްދެވޭ ތަންތަން ކަމުގައި ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި މިތަންތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ފަރާތްތައް ވޯކް އިން ކޮށްގެން ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

އަދި ކޮވިޑް-19 އަށް ޕޮޒިޓިވްވާ ފަރާތަކުން އިމަރޖެންސީ ހާލަތުގައި އެމްބިއުލަންސް ހޯދުމަށް ސިއްހީ ޚިދުމަތްދޭ އެއްވެސް ތަނަކަށް ގުޅައިފިނަމަ އެތަނަކުން އެފަރާތެއް ބޭނުންވާ ސިއްހީ ޚިދުމަތްދިނުމަށްޓަކައި އެމްބިޔުލަންސް ފޮނުވަން ޖެހޭނެ ގޮތަށް އުސޫލުތައް ކަނޑައަޅައި ސިއްހީ ޚިދުމަތްދޭ ފަރާތްތަކުން އެކަން އެންގުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

ހެލްތު މިނިސްޓްރީން ބުނީ ރިވިއުއިން ފާހަގަކުރެވޭ ކަންކަމަށް ރިޢާޔަތްކޮށް މިކަމާއި ގުޅިގެން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް މިނިސްޓްރީން އަޅަމުން ގެންދާނެކަމުގެ ޔަގީންކަންދޭ ކަަމަށެވެ.

މިހާދިސާ އާ ގުޅިގެން މިހާތަނަށް ފާހަގަކުރެވިފައިވާ ކަންތައްތަކަށް ރިޕޯޓްގައި ބުނެފައިވަނީ ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައި މިއީ އެމަރޖެންސީ ހާލަތެއްކަމުގައި ބެލިފައިނުތުމާއި އެފަދަ ހާލަތެއްގައި އަމަލުކުރަންޖެހޭ ގޮތަށް އަމަލުކޮށްފައި ނެތުމާއި އެމްބިޔުލަންސް ޓްރިގަރ ކުރަންޖެހޭ ވަގުތުގައި އެކަންކޮށްފައި ނުވާކަން ކަމަށެވެ. އަދި އިމަރޖެންސީގެ ގޮތުގައި ރިޕޯޓްކުރެެވުނު ހިސާބުން އެމްބިޔުލަންސް އެކްޓިވޭޓްނުކުރެވި 2 ގަޑިއިރާއި 26 މިނެޓް ހޭދަވެފައިވާކަމަށެވެ.

އިމަރޖެންސީ ހާލަތަށް ވާއިރު އަދި ޑީއެމްއާރުޓީ އާއި ސީމެޓަށް އެމައުލޫމާތު ހިއްސާކުރެވި އަމަލުކުރަންޖެހޭ އުސޫލުތަކާއި އެއްގޮތަށް އެމްބިޔުލަންސް ފޮނުވަން އަންގާފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ. މިކަމާއި ގުޅިގެން ލިބިފައިވާ ކޯލް ލޮގްތަކަށް ބަލާއިރު ކުއްޖާގެ ހާލަތުގެ ސީރިއަސްކަމާއި އެހީއަށް ބޭނުންވެފައިވާ އަވަސް މިންވަރު ކޯލް ސެންްޓަރަށް ބެލިފައިނުވާކަމަށް ރިޕޯޓްގައި ބުނެއެވެ.

އީއެމްއެސްއަށް މައުލޫމާތު ލިބުނު ވަގުތުން އެމްބިޔުލަންސް އެކްޓިވޭޓްކޮށް 10 މިނެޓް ތެރޭގައި ކުއްޖާ ހޮސްޕިޓަލަށް ގެންދެވިފައިވާކަން ރިޕޯޓްގައި ބުނެފައިވެއެވެ.

މިޝްކާ ނިޔާވެފައިވަނީ ޖޫން މަހުގެ 1 ވަނަ ދުވަހުގެ ރޭގެ 12:10 ހާއިރުއެވެ. މިޝްކާ ނިޔާވުމާއި ގުޅިގެން ޖެހިގެން އައި ބުދަ ދުވަހުގެ ރޭ ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވެފައިވަނީ މިޝްކާ ކުއްލި ގޮތަކަށް ނިޔާވުމުގައި ކަމާގުޅޭ ފަރާތްތަކުގެ އިހުމާލު އެބައޮތްކަމަށާއި އެކަން ބަލަމުންދާކަމަށެވެ. އަދި އެކަމާއި ގުޅޭ ބުދަ ދުވަހުގެ ރޭ ލިބިވަޑައިގަންނަވާނެކަަމަށާއި ބުރާސްފަތި ދުވަހު ރިޕޯޓް ހާމަކުރައްވާނެކަމަށެވެ. ނަމަވެސް ރިޕޯޓް އާންމުކޮށްފައިވަނީ ހުކުރު ދުވަހުގެ ރެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް
5 ޖޫން 2021 | ހޮނިހިރު 11:00
ރަދީފް
މީހަކު މަރުވީމާ ނޫން ތިކަނތައްތަ ކުރަން ފަށަންވީ. މީގެ އެތެއްއަހަރުކުރުން ވެސް ކޮއްފައި އޮއްނަން ޖެހޭ ކަމެއް ތީ. މިހާރު ތިކަންކޮއްފި ކަމުގައި ވާނަމަ ތި އެމްބިލެންސް އަށް ކިޔަންވީ ނަމަކީ "މިޝްކާ އެމްބިއުލެންސް"