ކ. މާލެ
|
4 ޖޫން 2021 | ހުކުރު 00:37
ރާއްޖެ އައި ފަތުރުވެރިން ތަކެއް
ރާއްޖެ އައި ފަތުރުވެރިން ތަކެއް
މޯލްޑިވްސް އިންސައިޑަރ
ރާއްޖެ އަންނަ ފަތުރުވެރިން
ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް ކުޑަ މަޑުޖެހުމެއް!
 
މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައި ވަނީ ރަޝިއާ އިން
 
މިހާރު ފަތުރުވެރިއަކު އެވްރެޖްކޮށް ރާއްޖޭގައި ހޭދަކުރަނީ ނުވަ ދުވަސް
 
އަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައި ވަނީ 454،383 ފަތުރުވެރިން

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އެއްކޮށް ހުއްޓުނަމަވެސް 2021 ވަނަ އަހަރު ފެށުނު އިރު، ފަތުރުވެރިކަން ވަނީ އަލުން ކުރިއަރަން ފަށާފައެވެ. އެއް ދުވަހަށް ވުރެ އަނެއް ދުވަހު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާތަން ފެނިގެން ދިޔައެވެ. ފުރަތަމަ މަހަށް ވުރެ ދެވަނަ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރުވިއެވެ. ނަމަވެސް އަހަރުގެ ފަސް ވަނަ މަސް ނިމުނު އިރު، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަށްވަމުން އަންނަތަން ފެނުނުނެވެ.

މިއަހަރުގެ ފުރަތަމަ ފަސް ނިމުނު އިރު ރާއްޖެއަށް 454،383 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ 2020 ވަަނަ އަހަރާ އަޅާބަލާއިރު 18 އިންސައްތައިގެ ކުރިއެރުމެކެވެ. ނަމަވެސް 2019 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމާއި އަޅާބަލާއިރު، އަދިވެސް ރާއްޖޭގެ ފަތުރުވެރިކަން އުޅެނީ 39 އިންސައްތަ ދަށުގައެވެ. ކޮވިޑްގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަން އޮތް ހާލަތަށް ސިނާއަތް ގެންދިއުމަށް އަދި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭއިރު، ފުރަތަމަ ހަތަރު މަހު ރާއްޖެ އައިސް ފައި ވަނީ 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންގެ 60 އިންސައްތައެވެ.

އަހަރުގެ ފުރަތަމަ ފަސް މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، ޖެނުއަރީ މަހު 92,103 ފަތުރުވެރިން، ފެބްރުއަރީ މަހު 96,882 ފަތުރުވެރިން އަދި މާޗް މަހު 109,585 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ ކޮވިޑް-19ގެ ފަހުން އެއްމަހެއްގައި އެއް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައި ފުރަތަމަ މަހެވެ. ނަމަވެސް ދެން ފެނިގެންދިޔައީ ފަތުރުވެރިންގެ އަދަދު މަޑުމަޑުން ދަށަށްދާން ފެށި މަންޒަރެވެ. އޭޕްރިލް މަހު 91,200 ފަތުރުވެރިން އައި އިު، މެއި މަހު އައިސްފައި ވަނީ 64،613 ފަތުރުވެރިންނެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދު ވި ނަމަވެސް ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު ވަނީ އިތުރުވެފައެވެ. އެގޮތުން 2019 ވަނަ އަހަރު އެވްރެޖްކޮށް ފަތުރުވެރިއަކު ރާއްޖޭގައި ހޭދަކޮށްފައި ވަނީ ހަ ދުވަހެވެ. މިއަހަރުގެ މިހާތަނަށް ފަތުރުވެރިއަކު އެވްރެޖްކޮށް ރާއްޖޭގައި ހޭދަކުރާ މުއްދަތު ވަނީ ނުވަ ދުވަހަށް އިތުރުވެފައެވެ. މިއަހަރުގެ ވަކި ވަކި މަސްމަހު ފަތުރުވެރިން ރާއްޖޭގައި ހޭދަކޮށްފައިވަ ދުވަހަށް ބަލާއިރު، ޖެނުއަރީ މަހު ފަތުރުވެރިއަކު ރައްޖޭގައި އެވްރެޖްކޮށް ހޭދަކޮށްފައި ވަނީ ނުވަ ދުވަހެވެ. ފެބްރުއަރީ އަދި މާޗް މަހު އެއަދަދު އަށަކަށް ވެއްޓުނު ނަމަވެސް އޭޕްރިލް އަދި މެއި މަހު އެއަދަދު ވަނީ ނުވަޔަކަށް އަރާފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ހަތަރު މަހުގެ ބެޑް ނައިޓްސް ހުރީ 2019 ވަނަ އަހަރުގެ ފުރަތަމަ ހަތަރު އަހަރުގެ ބެޑްނައިޓްސްގެ 80 އިންސައްތައާ އެއްވަރަށެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައި ވަނީ ރަޝިއާ އިން ނެވެ. އެއީ 105،924 ފަތުރުވެރިންނެވެ. މިއީ ރާއްޖެ އަންނަ ފަތުރުވެރިންގެ 23.3 އިންސައްތައެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ 19.7 އިންސައްތަ އިންޑިއާ އިން ހިއްސާ ކުރާ އިރު، އެގައުމުން މިހާތަނަށް 89،424 މީހުން ވަނީ ރާއްޖެ އައިސްފައެވެ. މިއަހަރު ފެށުނު އިރު، ރާއްޖެ އަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައި ގައުމެއްގެ ގޮތުގައި އޮތީ އިންޑިއާއެވެ. ނަމަވެސް އެގައުމުގެ ކޮވިޑް-19ގެ ހާލަތު ގޯސްވެ، އެގައުމުން ރާއްޖެއަށް ފަތުރުވެރިން ގެނައުން ވަނީ މަޑުޖައްސާލާފައެވެ.

ރާއްޖެއަށް ތިން ވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައި ވަނީ ޖަރުމަނުންނެވެ. އެއީ 25،129 ފަތުރުވެރިންނެވެ. ޔޫކްރެއިނުން 23،341 ފަތުރުވެރިން، ކަޒަކިސްތާނުން 16،661 ފަތުރުވެރިން، އެމެރިކާ އިން 15،697 ފަތުރުވެރިން، އިނގިރޭސި ވިލާތުން 13،048 ފަތުރުވެރިން، ރޫމޭނިއާ އިން 11،454 ފަތުރުވެރިން، ފްރާންސުން 10،152 ފަތުރުވެރިން އަދި ޗެކް ރިޕަބްލިކް އިން 9،937 ފަތުރުވެރިންނެވެ.

ކޮވިޑް-19ގެ ސަބަބުން ގިނަ އަދަދެއްގެ އެއަރލައިން ތަކަކުން ވަނީ ރާއްޖެއަށް ދަތުރުކުރުން ހުއްޓާލާފައެވެ. ނަމަވެސް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލިފަހުން ދުނިޔޭގެ ބޮޑު ގިނަ އެއަރލައިން ތަކުން ވަނީ ރާއްޖެއަށް ދަތުރުކުރަން ފަށާފައެވެ. މިހާރު 28 އެއަރލައިނަކުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރަމުން އަންނަ އިރު، ނުވަ އެއަރލައިނަކުން ދަނީ ޗާޓަރު ދަތުރުތައް ކުރަމުންނެވެ.

ރާއްޖެ އަންނަ ފަތުރުވެރިންނަށް ހިދުމަތްދިނުމަށް ގާއިމުކޮށްފައިވާ ފެސިލިޓީތަކަށް ބަލާއިރު، 728 ފެސިލިޓީއެއްގައި 47،452 އެނދު ދަނީ އޮޕަރޭޓް ކުރަމުންނެވެ. އެއީ 154 ރިސޯޓެއްގައި 35،640 އެނދު، ދިހަ ހޮޓަލުގައި 1،360 އެނދު، 425 ގެސްޓްހައުސްގައި 7،726 އެނދު އަދި 139 ސަފާރީގައި 2،726 އެނދެވެ.

ފާއިތުވި އަހަރުގެ ޖުލައި މަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއި އެކު މަދު މަދުން ފަތުރުވެރިން އައި ނަމަވެސް ނޮވެމްބަރު ކޮވިޑް-19ގެ ވެކްސިންތަކުގެ ހަބަރާއި އެކު އެމަސް ނިމި ޑިސެމްބަރު މަހަށް އެޅި އިރު، ފަތުރުވެރިން އަންނަ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށައި އެއަހަރު ރާއްޖެ އަންނާނެ ކަމަށް ލަފާކުރި އަދަދަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ރާއްޖޭގެ ފަތުރުވެރިކަން އަހަރު ފަށާފައި ވަނީ ފޮނި އުންމީދުތަކަކާއި އެކުއެވެ. ނަމަވެސްް ރާއްޖޭގެ ކޮވިޑް-19ގެ މިހާރުގެ ހާލަތާއި އެކު ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރު މިވަނީ ކުރަން ފަށާފައެވެ. އަދި 2019 ގައި ރާއްޖޭގެ ފަތުރުވެރިކަން އޮތް ހާލަތަށް ރާއްޖޭގ ފަތުރުވެރިކަން ރުޖޫއަވާނެކަމަށް މިހާރު ލަފާކުރަނީ 2022 ނުވަތަ 2023 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
100%
0%
0%
0%
ކޮމެންޓް