ކ. މާލެ
|
27 މެއި 2021 | ބުރާސްފަތި 18:30
ޝެލް - ޑަޗްގެ ތެޔޮ އުފައްދާ އެންމެ ބޮޑު ކުންފުނި
ޝެލް - ޑަޗްގެ ތެޔޮ އުފައްދާ އެންމެ ބޮޑު ކުންފުނި
ރާއްޖެއެމްވީ
ކާބަން އެމިޝަން މަދުކުރުން
"ޝެލް" ކުންފުންޏާ ދެކޮޅަށް ކޯޓުގެ ވަރުގަދަ އަމުރެއް
2019 ވަނަ އަހަރު ކާބަން އެމިޝަން ހުރި މިންވަރަށްވުރެ 2030އާއި ހަމައަށް ދާއިރު މި މިންވަރު 45 އިންސައްތަ މަދުކުރަން ވަނީ އަމުރުކޮށްފައި
ކާބަން އެމިޝަން މަދުކުރުން އިތުރަށް އަވަސްކޮށްފިނަމަ ކުންފުނީގެ ވިޔަފާރިއަށް އެކަމުގެ ނުރައްކާ ބޮޑުވާނެކަމަށް 'ޝެލް'އިން ބުނޭ

ޖައްވަށް ބޭރުކުރާ ވިހަ ގޭސް މަދުކުރަން ހޮލެންޑުގެ 'ޝެލް' ކުންފުނިން ވައުދުވީ މިންވަރަކީ ބަލައިގަނެވޭނެ މިންވަރެއް ނޫންކަމަށް ބުނެ، އެއަށްވުރެ ބޮޑެތި ފިޔަވަޅުތަކެއް އަޅަން ހޮލެންޑުގެ ކޯޓަކުން އަމުރުކޮށްފިއެވެ.

ދުނިޔެ ހޫނުވުމަށް މެދުވެރިވާ ވިހަ ގޭހުން ދުރުހެލިވެ އެފަދަ ގޭސް ބޭނުން ކުރާ މިންވަރު މަދު ކުރުމަށް ދުނިޔޭގެ ގައުމުތައް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން "ޒީރޯ" ކާބަން އެމިޝަންގެ އަމާޒަށް ވާސިލުވުމަށް އެކި ގައުމުތަކާއި ބޮޑެތި ކުންފުނިތަކުން ދަނީ ލަނޑުދަނޑިތަކެއް ކަނޑައަޅަމުންނެވެ.

މި މަސައްކަތުގެ ދަށުން 'ޝެލް' ކުންފުނިންވެސް ވަނީ ލަނޑުދަނޑިތަކެއް ކަނޑައަޅާފައެވެ. އެގޮތުން 2023 ވަނަ އަހަރުގެ ނިޔަލަށް ކާބަން އިންޓެންސިޓީ 6 އިންސައްތަ ދަށްކުރުމަށް ވަނީ އަމާޒު ހިފާފައެވެ. އަދި މި އަދަދު 2030 ވަނަ އަހަރާއި ހަމައަށް އަންނައިރު 20 އިންސައްތައަށް އިތުރުކޮށް 2035ގައި 45 އިންސައްތަ އަދި 2050ގެ ނިޔަލަށް 100 އިންސައްތައަށް ވާސިލުވެ "ޒީރޯ" ކާބަން އެމިޝަންގެ އަމާޒަށް ވާސިލުވުމަށް ލަނޑުދަނޑި ކަނޑައަޅައި އެކަން ވަނީ ހާމަކޮށްފައެވެ.

'ޝެލް' ކުންފުނިން ވަނީ ކާބަން އެމިޝަން މަދުކުރުމުގެ މަސައްކަތް 2016 ވަނަ އަހަރު ފަށާފައެވެ. މި ލަނޑުދަނޑިތަކަކީ ބަލައިގަނެވޭނެ މިންވަރެއް ނޫންކަމަށް ހޮލެންޑުެ ކޯޓަކުން ނެރުނު އަމުރުގައި ވަނީ ބުނެފައެވެ.

މި އަމާޒަށް ވާސިލުވުމަށް 'ޝެލް'ފަދަ އެހެން ކުންފުނިތަކުން އުންމީދީ އަވަސް ބަދަލުތަކެއް ގެންނައިރު، 'ޝެލް'ގެ މި ލަނޑުދަނޑިތަކަކީ މާޔޫސްކުރުވަނިވި ލަނޑުދަނޑިތަކެއްގެ ގޮތުގައި ކޯޓު އަމުރުގައި ވަނީ ސިފަކޮށްފައެވެ. ހޭގްގެ ކޯޓުން ނެރުނު އަމުރު އިއްވަމުން އެ ކޯޓުގެ ފަނޑިޔާރު ލެރީސާ އަލްވިން ވަނީ 'ޝެލް'އިން 2019 ވަނަ އަހަރު ކާބަން އެމިޝަން ހުރި މިންވަރަށްވުރެ 2030އާއި ހަމައަށް ދާއިރު މި މިންވަރު 45 އިންސައްތައިން މަދުކުރަންޖެހޭނެ ކަމަށް އަމުރުކޮށްފައެވެ.

ކޯޓު އަމުރާއި ގުޅިގެން 'ޝެލް'އިން ވަކި އެއްޗެއް ބުނެފައި ނުވާއިރު، 'ޝެލް'އިން މިމަހު ބޭއްވި އާންމު ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކުންފުނީގެ ޗީފް އެގްޒެކެޓިވް ބެން ވޭން ބިއާރްްޑަން ވަނީ ޝެލް' އިން މިހާރު އިއުލާނުކޮށްފައިވާ ލަނޑުދަނޑިތަކުގެ އިތުރުން "ޒީރޯ" ކާބަން އެމިޝަންގެ އަމާޒަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ވައުދުވެވެން ނެތްކަމަށް ވިދާޅުވެފައެވެ. އިތުރު މަސައްކަތްތަކެއް ކޮށްފިނަމަ ކުންފުނީގެ ވިޔަފާރިއަށް އެކަމުގެ ނުރައްކާ ބޮޑުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

80،000ށް ވުރެ ގިނަ މުވައްޒަފުން ހިމެނޭ 'ޝެލް' ކުންފުންޏަށް 6 މަސް ދުވަހުގެ ތެރޭގައި ދެވަނަ ފަހަރަށް ރިކޯޑް ފައިދާތަކެއް ވަނީ ލިބިފައެވެ. ތެލުގެ ޑިމާންޑް އިތުރުވެ ފުރަތަމަ ކުއާޓަރުގައި ފައިދާވާނެ ކަމަށް ލަފާކުރި ވަރަށްވުރެ އިތުރަށް ކުންފުންޏަށް ވަނީ ފައިދާ ވެފައެވެ. މިއާއެކު ޑިވިޑެން 4 އިންސައްތައަށް އިތުރުކޮށް ޝެލްއިން ވަނީ އިންވެސްޓަރުންގެ އިތުބާރު ހޯދާފައެވެ. މިއަހަރުގެ މާރޗް ނިމުމާއި ހަމައަށް އެ ކުންފުނިން ސާފު ފައިދާގެ ގޮތުގައި 3.2 ބިލިއަން ޑޮލަރު ވަނީ ހޯދާފައެވެ. މިއީ މިދިޔަ އަހަރު މި މުއްދަތުގައި ލިބުނު ފައިދާއަށްވުރެ އިތުރު އަދަދެކެވެ.

މިދިޔަ އަހަރު ކުންފުންޏަށް މި މުއްދަތުގައި ފައިދާވެފައިވަނީ 2.9 ބިލިއަން ޑޮލަރެވެ. ކުންފުނިން ވަނީ ވަރުގަދަ ފެށުމެއް ފަށާފައިކަމަށާއި މި ގޮތުގައި ހިފެހެޓުމަކީ ކުރިއަށްހުރި ޑިމާންޑަތަކަށް ފައިދާވާނެ ކަމެއް ކަމުގައި ޝެލްގެ ސީއީއޯ ވިދާޅުވެފައިވެއެވެ. ފެބްރުއަރީމަހު ޓެކްސަސްއަށް އައި ތޫފާނުން 200 މިލިއަން ޑޮލަރުގެ ގެއްލުން ފުރަތަމަ ކުއާޓަރުގައި ވެފައިވާ ކަމަށް ޝެލްއިން ބުނެއެވެ.

ލަންޑަނުގައި ޝެލްގެ ހިއްސާއެއްގެ އަގު 1.3 އިންސައްތައަށް އިތުރުވެގެން ދިޔައިރު ކުންފުނީގެ ސްޓޮކް މާކެޓްގެ އަގު 9 އިންސައްތައަށްވުރެ އިތުރުވިއެވެ. ޖުމްލަ ދަރަނީގެ އަގު އަހަރުގެ ފުރަތަމަ ތިންމަހު ވަނީ 4 ބިލިއަން ޑޮލަރަށް ތިރިކުރެވިފައެވެ. އަދި ކުންފުނިން ވަނީ އެމީހުންގެ ޖުމްލަ ދަރަނީގެ އަގު 65 ބިލިއަން ޑޮލަރަށް ތިރިކުރުމަށް އަމާޒު ހިފާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް