ކ. މާލެ
|
22 މެއި 2021 | ހޮނިހިރު 06:55
ދުބާއީއަށް ފުރުމުގެ ކުރިން ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ޖެންގައި
ދުބާއީއަށް ފުރުމުގެ ކުރިން ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ޖެންގައި
އެފްއޭއެމް
ގައުމީ ޓީމު ދުބާއީއަށް ފުރުން
ފައިނަލް ސްކޮޑާއެކު ގައުމީ ޓީމު ދުބާއީއަށް
ހޮނިހިރު ދުވަހުގެ ހެނދުނު ގައުމީ ޓީމު ވަނީ ދުބާއީއަށް ފުރާފައި
ގައުމީ ޓީމު ޗައިނާއަށް ދާނީ ދުބާއީގައި ތަމްރީނުތައް ހެދުމަށްފަހު

ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަން މެޗުތަކަށް ތައްޔާރުވުމަށް ގައުމީ ފުޓްބޯޅަ ޓީމު ދުބާއީއަށް ފުރައިފިއެވެ.

ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ ބާކީ ހުރި މެޗުތައް މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގައި ކުޅެން ވަނީ ތާވަލުކޮށްފައެވެ. މީގެ ކުރިން ގައުމީ ޓީމުން 33 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް އެކުލަވާލައި، މިދިޔަ ހަފުތާގައި ހޮޓެލް ޖެންގައި ކޭމްޕްކުރިއިރު، ދާދި ފަހުން ވަނީ 25 ކުޅުންތެރިންގެ ފައިނަލް ސްކޮޑު އެކުލަވާލާފައެވެ. އެއާއެކު ހޮނިހިރު ދުވަހުގެ ހެނދުނު 23 ކުޅުންތެރިންނާއެކު ގައުމީ ޓީމު ވަނީ ދުބާއީއަށް ފުރާފައެވެ. ސްކޮޑުގައި ހިމެނުނު ދެ ކުޅުންތެރިއެއްގެ ބައެއް ކަންތައްތައް ހަމަނުޖެހޭތީ، އެ ކުޅުންތެރިން ޓީމާ ފަހުން ގުޅޭނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މައުލޫމާތުދެއެވެ.

ގައުމީ ޓީމު ދުބާއީއަށް ފުރިއިރު، ކޮވިޑް-19 އަށް ޕޮޒިޓިވްވުމުންނާއި އަމިއްލަ ސަބަބުތަކާ ހުރެ ގައުމީ ޓީމުގެ ސްކޮޑުން މީގެ ކުރިން ބައެއް ކުޅުންތެރިން ވަނީ ވަކިވެފައެވެ. އަމިއްލަ ސަބަބަކާ ހުރެ ސްކޮޑުން ވަކިވީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ފޯވާޑް ނާއިޒު ހަސަން (ދާދު) އާއި، އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވުމުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ މިޑްފީލްޑަރު އިސްމާޢީލް އީސަ (މެސީ) އާއި، ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ ޔަސްފާދު ހަބީބު (މުލަކޭ) އާއި، ކުލަބު އީގަލްސްގެ ހަަސަން ރާއިފް އަހުމަދު (ހަންނަ) އަދި ކުލަބު ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީން (ޔާން) އަށް ވަނީ ފުރުސަތު ގެއްލިފައެވެ.

ކޮލިފައިން މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ދުބާއީގައި ގައުމީ ޓީމު ކޭމްޕް ކުރާއިރު، މީގެ ކުރިން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަމުން އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ގައުމީ ޓީމުން ދުބާއީގައި ގާތްގަނޑަކަށް 10 ދުވަހު ތަމްރީނުތައް ހަދާނެ ކަމަށާއި، އެކަމަކު ދުބާއީގައި ކުރިއަށްދާ ތަމްރީނުތަކުގައި އެކުވެރިކަމުގެ މެޗެއް ކުޅުމަށް ތާވަލުކޮށްފައިނުވާ ކަމަށެވެ. އަދި އެ ތަމްރީނުތައް ހެދުމަށްފަހު ގައުމީ ޓީމު ޗައިނާއަށް ދާނެ ކަމަށްވެސް ބައްސާމް ވަނީ ވިދާޅުވެފައެވެ.

ތަމްރީނުތައް ހެދުމަށް ގައުމީ ޓީމު ދުބާއީއަށް ފުރިއިރު، މިހާތަނަށް އައިރު ގައުމީ ޓީމަށް ދަނޑުގައި ތަމްރީނު ހެދުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ. އެގޮތުން ގައުމީ ޓީމުގެ ކުޅުންތެރިން މިހާތަނަށް ތަމްރީނު ހަދަމުން އައީ ޖެންގެ ބޯލްރޫމްގައެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ގައުމީ ޓީމުން ހޮޓަލް ޖެންގެ ބޯލްރޫމުގައި ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ވީޑިއޯތަކެއް ދާދި ފަހުން ބައްސާމް ހިއްސާކުރެއްވިއިރު، އޭނާ ވިދާޅުވީ ރާއްޖެއަކީ ވޯލްޑް ކަޕް ކޮލިފައިންއަށް ތައްޔާރުވާ ހުރިހާ ގައުމުތަކުގެ ތެރެއިން، ބޯލްރޫމެއްގައި ފަރިތަކުރުންތައް ކުރިއަށްގެންދަން ޖެހިފައިވާ ހަމައެކަނި ޓީމު ކަމަށެވެ.

އަދި މީގެ ކުރިން "ރާއްޖެ.އެމްވީ" އާ ހިއްސާކުރެއްވި މެސެޖެއްގައި ގައުމީ ޓީމުގެ ކޯޗު މާޓިން ކޫޕްމަން ވަނީ ގައުމީ ޓީމުގެ ކުޅުންތެރިން ބޯލްރޫމެއްގައި ތަމްރީނުކުރަން ޖެހުމުން، އެއީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށް ބުނެފައެވެ. އަދި ކުރިއަށް އޮތް ކޮލިފައިން މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ތަމްރީނުތައް ހެދުމުގެ ފުރުސަތު ލިބިގެންދާނީ ގާތްގަނޑަކަށް ހަ ވަރަކަށް ދުވަހަށް ކަމަށާއި، އެހެންކަމުން އޭގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ކޮވިޑާ ގުޅިގެން ކޮލިފައިން މެޗުތައް ޗައިނާގައި ކުޅޭއިރު، ރާއްޖެއަށް ބާކީ ތިން މެޗު އެބައޮތެވެ. އެއީ ޗައިނާ އާއި، ސީރިއާ އަދި ފިލިޕީންސާ ދެކޮޅަށް ކުޅެން އޮތް މެޗުތަކެވެ. މީގެ ތެރެއިން ސީރިއާ މެޗަކީ ރާއްޖޭގެ ހޯމް މެޗެކެވެ.

އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެއިން އަމާޒުހިފާފައިވާއިރު، ކޮލިފައިންގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ހަތަރު މެޗުން ހަތް ޕޮއިންޓާއެކު ދެވަނައިގައި ޗައިނާ އޮތްއިރު، ތިންވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އަދި ރާއްޖޭގެ ފަހަތުން ފަސްވަނައިގައި އޮތީ ފަސް މެޗު ކުޅެގެން އަދި ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

ގައުމީ ޓީމުގެ 25 ކުޅުންތެރިންގެ ފައިނަލް ސްކޮޑް:

  • ގޯލްކީޕަރުން: ހުސެއިން ޝަރީފް (ހުސެން)، މުޙައްމަދު ފައިސަލް، މުޙައްމަދު ޝަފީއު (ޗެކް)، އަލީ ނާޖިހު (ނާޖީ)
  • ޑިފެންޑަރުން: އަކުރަމް އަބްދުލް ޣަނީ (އަކޫ)، ސަމޫހު އަލީ (ސަމުއްޓެ)، އަޙްމަދު ނޫމާން (ހެލްމެޓް)، މުޙައްމަދު ސާއިފް، ހުސައިން ސިފާއު ޔޫސުފް (ކުރޯ)، ހައިޝަމް ހަސަން (ބިޑި)، އަލީ ޝާމިސް (ތޮއްޕެ)، އަލީ ޝަމާލް އަބްދުﷲ (ޝައްމު)
  • މިޑްފީލްޑަރުން: އިމްރާން ނަޝީދު (އިންމަ)، މުޙައްމަދު އިރުފާން (އިރޭ)، ހުސައިން ނިހާން (ނިހާޓް)، މުހައްމަދު އުމެއިރު، އިބްރާހިމް އައިސަމް، ހަމްޒާ މުޙައްމަދު (ހަމްޕު)
  • ފޯވާޑުން: އަލީ އަޝްފާގު (ދަގަނޑޭ)، އަލީ ފާސިރު (ސެންޓޭ)، އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)، އަސަދުﷲ އަބްދުﷲ، މުޙައްމަދު ނާއިމް، އަލީ ހައިޝަމް (ޗުމްޕު)، ހަސަން ނަޒީމް ގާސިމް (ޗޯޓު)
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް