ކ. މާލެ
|
20 މެއި 2021 | ބުރާސްފަތި 08:43
އިސްރާއީލްގެ ސިފައިން ފަލަަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ނެރެފައި:
އިސްރާއީލްގެ ސިފައިން ފަލަަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ނެރެފައި:
ޑެއިލީސްޓަރ
ފަލަސްތީން
"ފެއްސިގަންނާށެވެ. ނޫނީ ދުނިޔެ ދޫކޮށް ދާށެވެ."
 
ފަލަސްތީނު ދެބަޔަށް ބައިކުރުމަށް 1947 ގައި އ.ދގެ ޖެނެރަލް އެސެމްބްލީއަށް ހުށަހެޅުނު
 
ބެލްފޯގެ ސިޓީގައި ފަލަސްތީނަކީ ޔަހޫދީންގެ ވަތަން ކަމުގައި ހަދައިދޭން އެއްބަސްވެފައިވޭ
 
ޒަޔަނިޒަމްގެ ފިކުރުގެ ދަށުން ޔަހޫދީން ފަލަސްތީނަށް ހިޖުރަ ކުރަން ފެށީ 1800ގެ ފަހުކޮޅު

ތާރީޚި ނަޒަރަކުން ބަލާއިރު ފަލަސްތީނަކީ އެކި ފިކުރުގެ މީހުން އެ ގައުމެއްގައި ދިރިއުޅެމުން ދިޔަ ވަޒަނެކެވެ. ޤަދީމީ ޒަމާނުގައި ފަލަސްތީނަކީ އެކި ދީނުގެ މީހުން އެބިމެއްގައި ދިރިއުޅެމުން ދިޔަ ބިމެކެވެ. އެހެން ނަމަވެސް އޭރު އެ ބިމަކީ އަމާން ގޮވައްޗެކެވެ. މާބޮޑެތި ހަމަނުޖެހުންތަކެއް އެ ބިމުގައި އޭރަކު ނެތެވެ. ހުރިހާ ރައްޔިތުންވެސް އުޅެމުން ދިޔައީ އެއްބައިވަންތަ ކަމާއެކުއެވެ. އޭރު ފަލަސްތީނުގެ އާބާދީގެ 86 އިންސައްތަ އަކީ މުސްލިމުންނެވެ. ސަމާވީ ދީންތަކުގެ ތެރެއިން ނަޞާރާއިންގެ 10 އިންސައްތަ އަދި ޔަހޫދީންގެ ހަތަރު އިންސައްތަ ފަލަސްތީނުގައި ދިރިއުޅެމުން ދިޔައީ ސުލްހަ މަސަލަސް ކަމާއެކުގައެވެ.

ސަޙްޔޫނީ ފިކުރު ނުވަތަ ޒަޔަނިޒަމް:

ހުޅަނގުގެ ގައުމުތަކަށް ޔަހޫދީން ފެތުރިގެން ދިޔައީ ފަލަސްތީނުގައި ރޯމަނުން ވެރިކަން ކުރި ދުވަސްވަރުގައެވެ. ފެށުނީއްސުރެ ޔަހޫދީން ހުޅަނގުގެ ގައުމުތަކުގައި ދިރިއުޅެމުން ދިޔައީ އަޅުވެތިކަމެއްގެ ތެރޭގައެވެ. އެހެނީ ނަޞާރާއިން ދެކޭ ގޮތުގައި ޔަހޫދީންނަކީ 'ވެރި އިލާހު' މަރާލުމުގެ ނުބައި ޖަރީމާ ހިންގި މީހުނެވެ. ޔަހޫދީންނަށް ނަފްރަތު ކުރުމަކީ ދީނީ ގޮތުން ނަޞާރާއިންގެ މައްޗަށް ފަރުޟެއް ކަމުގައި އެބައިމީހުން ގަބޫލުކުރިއެވެ. ވުމާއެކު، ޔަހޫދީން ހުޅަނގުގައި ދިރިއުޅުނީ ތާރީޚުގައި މިސާލެއް ނުވާ ފަދަ ބޮޑު ނިކަމެތި ކަމެއްގެ ތެރޭގައެވެ. މި އަނިޔާވެރިކަމަށް ނިމުމެއް އައީ މީލާދީން 1700ގެ ފަހުކޮޅުގައެވެ.

މީލާދީން 1700 ގެ ފަހުކޮޅު ޔަހޫދީންގެ ހާލަތަށް އައި ބަދަލުގެ އެންމެ ބޮޑު އެއް ސަބަބަކީ ދީނީ ތަޢައްސުބެއް ޔަހޫދީންނާމެދު ގެންގުޅުމަށް ނަޞާރާއިންނަށް ވިސްނައިދެމުން ދިޔަ ރޯމަންގެ ކެތަލިކް ފައްޅީގެ ބާރު ހުޅަނގުން ފަނޑުވަމުން ދިޔުމެވެ. ހަމައެހެންމެ ޔަހޫދީންގެ ތެރެއިން އިލްމީ ޖީލެއް ބިނާވެގެން ދިޔުމަކީ ވެސް މީގެ އެއް ސަބަބެވެ. އެއާއެކު ޔަހޫދީންނަށް ވެސް އިންސާނީ ކަރާމާތުގެ ފޮތުން ޖާގައެއް ދިނުމަށް ގޮވާލާ އަޑުތައް ގަދަވިއެވެ. ޔަހޫދީންގެ ހާލަތަށް އެންމެ ބޮޑު ބަދަލެއް އައީ 1789 ވަނަ އަހަރު ގެނެވުނު ޔަހޫދީންގެ މިނިވަންކަމަށް ގޮވާލާ ޚާއްސަ އިންގިލާބަށްފަހުއެވެ. މި އިންގިލާބަށްފަހު ޔަހޫދީން ދިޔައީ އިގްތިޞާދީ ބޮޑެތި ކުރިއެރުންތައް ހޯދަމުންނެވެ.

ޔަހޫދީންނަށް ލިބިގެން ދިޔަ މި ބޮޑު ކާމިޔާބީއާއި، ހުޅަނގުގައި ގަދަވަމުން ދިޔަ ޔަހޫދީ ނުފޫޒުގެ ސަބަބުން ހުޅަނގުގެ މީހުން އަނެއްކާވެސް ޔަހޫދީންނާ މެދު ހަސަދަވެރި ވާން ފެށިއެވެ. އެންޓިސެމިޓިޒްމް ގެ ނަމުގައި ޔަހޫދީންނަށް ނަފްރަތު ކުރުމުގެ އޮއިވަރެއް ހުޅަނގުގެ މެދުތެރޭ ގަދަވާންފެށިއެވެ. އެއާއެކު ފަލަސްތީނުގައި ވަޒަންވެރިވެ އަމިއްލަ ދައުލަތެއް ބިނާކުރުމަށް ޔަހޫދީންގެ މެދުގައި ޒަމާނުއްސުރެ ގެންގުޅެމުން އައި ވިސްނުމަށް ނަމެއް ދެވުނެވެ. އެއީ ސަޙްޔޫނީ ފިކުރު ނުވަތަ ޒަޔަނިޒަމްއޭ މިކިޔޭ ވަރުގަދަ ފިކުރެވެ.

ޔަހޫދީން ފަލަސްތީނުގައި ވަޒަންވެރިވުން:

ހުޅަނގުގެ ގައުމުތަކުގައި ޒަޔަނިސްޓު ހަރަކާތުގެ މޫލައި ފެތުރިގަތް ދުވަސްވަރު ފަލަސްތީނު އޮތީ އުޘްމާނީ ވެރިކަމުގެ ބާރުގެ ދަށުގައެވެ. އެދުވަސްވަރު ފަލަސްތީނަކީ އަޅާލުމެއް ނެތި ދޫކޮށްލެވިފައި އޮތް ބިމެކޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. އެ ދުވަސް ވަރު ފަލަސްތީނުގެ ވަޒަންވެރީންނަކީ ފަގީރު ނިކަމެތި ބައެކެވެ. ދުނިޔެ ހޯދަމުން ދިޔަ ކުރިއެރުމާއި ތަރައްގީގެ އަސަރެއް ރާހަތެއް ފަލަސްތީނުގެ ބިމަކުން އޭރަކު ފެންނާކަށް ނެތެވެ. އެހެން ނަމަވެސް ޔަހޫދީ ޒަޔަނިސްޓުން ކުރަމުން އަންނަ ބަހުސާއި ޚިލާފަށް ފަލަސްތީނަކީ އޭރު ވެސް ފަޅު ތަނެއް ނޫނެވެ. އެ ބިމުގައި އޭރުވެސް މިލިއަނަކާއި ގާތްކުރާ އާބާދީއެއް ދިރިއުޅެމުން ދިޔައެވެ.

ޒަޔަނިޒަމްގެ ފިކުރުގެ ދަށުން ޔަހޫދީންގެ ޖަމާއަތްތައް ފަލަސްތީނަށް ހިޖުރަ ކުރަން ފަށާފައި ވަނީ 1800ގެ ފަހުކޮޅުގައެވެ. އެގޮތުން އެންމެ ފުރަތަމަ ޔަހޫދީން ފަލަސްތީނުގައި ވަޒަންވެރިވާން ފެށުމާއެކު، ފަލަސްތީނުގެ އަހުލުވެރިންގެ މެދުގައި މާ ބޮޑު ނުތަނަވަސްކަމެއް ނެތެވެ. އެއާއެކު ފުރަތަމަ ބޮޑު ހަނގުރާމަ ފެށުމާ ހަމައަށް ޔަހޫދީ ޖަމާއަތްތަކުގެ މީހުން ފަލަސްތީނުން ބިންގަނެ އެމީހުންގެ ފަންސާހެއްހާ އަވަށް ފަލަސްތީނުގައި ގާއިމު ކުރިއެވެ. އެއީ ޒަޔަނިސްޓް ޕްރޮޕެގެންޑާގެ ދަށުން ފަލަސްތީނުގެ ބިމުން އަރަބިން ފައްސާލުމަށް ޔަހޫދީން ގެންގުޅުނު ކާމިޔާބު ސިޔާސަތެކެވެ. މިކަމަށް ފަންޑު ކުރަމުން ދިޔައީ ހުޅަނގުގެ މުއްސަނދި ޔަހޫދީންނެވެ.

ބެލްފޯ ޑެކްލަރޭޝަން:

ފުރަތަމަ ބޮޑު ހަނގުރާމައަށް ފަހު އުޘްމާނީ ވެރިކަމުގެ ބާރު ފަލަސްތީނުން ނެތިގެން ދިޔައެވެ. އަދި އިނގިރޭސީންގެ އިސްތިއުމާރުގެ ދަށަށް ފަލަސްތީން ދިޔައެވެ. އެއާއެކު ޒަޔަނިސްޓުންނާއެކު އިނގިރޭސިން ރޭވި ރޭވުމާއި އެއްގޮތަށް ފަލަސްތީނުގައި ޔަހޫދީ ދައުލަތެއް ގާއިމުކުރުމުގެ މަސައްކަތް ފެށިގެން ދިޔައެވެ. ހަމައެހެންމެ ޔަހޫދީ ޒަޔަނިސްޓުން އޭރު ގެންދިޔައީ ފަލަސްތީނަށް ޔަހޫދީންގެ ބޮޑެތި ވަފުދުތައް ހިޖުރަ ކުޅައުމުގައި ހުޅަނގުގެ ތާއީދާއި އެހީތެރިކަން ހޯދުމުގައި އަވަދިނެތި މަސައްކަތް ކުރަމުންނެވެ.

މީލާދީން 1917 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިނގިރޭސި ފޮރިން މިނިސްޓަރު އާތާ ޖޭމްސް ބެލްފޯ އިނގިރޭސި ޒަޔަނިސްޓުންގެ ލީޑަރެއް ކަމަށްވާ ބޭރޮން ރޮތްސްޗައިލްޑްއަށް ސިޓީފުޅެއް ފޮނުއްވިއެވެ. މި ސިޓީފުޅަކީ އިނގިރޭސިވިލާތުގެ އޭރުގެ ބޮޑު ވަޒީރު ޑޭވިޑް ލޯއިޑްސް ޖޯޖްގެ ފުރިހަމަ އެއްބާރުލުމާ އެއްކޮށް ފޮނުއްވުނު ސިޓީފުޅެއް ކަމަށް ބުނެވެއެވެ. އޭނާއަކީ 1915 ވަނަ އަހަރު ޒަޔަނިސްޓަކަށް ވެވަޑައިގެންނެވި ބޭފުޅެކެވެ.

ބެލްފޯގެ ސިޓީފުޅުގައި ފަލަސްތީނަކީ ޔަހޫދީންގެ ވަތަން ކަމުގައި ހައްދަވައިދެއްވާނެ ކަމަށް އެއްބަސްވެފައިވެއެވެ. ހަމަ އެހެންމެ އިނގިރޭސީންގެ އަތުގައިވާ ހުރިހާ ބާރެއް މިކަން ހާސިލް ކުރުމަށް ބޭނުންކުރާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. ތާރީޚުގައި މި އިގުރާރަށް ދެވިގެންވާ ނަމަކީ ބެލްފޯ ޑެކްލަރޭޝަންއެވެ. މި އިގުރާރަކީ ޔަހޫދީ ޒަޔަނިސްޓުންނަށް ލިބިގެންދިޔަ އެންމެ ބޮޑު އެއް ކާމިޔާބީއެވެ.

ފަލަސްތީނުގައި ހަމަނުޖެހުން އިތުރުވުން:

މީލާދީން 1917 ވަނަ އަހަރު ނިމުން އިރު އިނގިރޭސި ސިފައިން މުޅި ފަލަސްތީނުގެ މައްޗަށް ވެރިވެގަތެވެ. އޭރު ހުޅަނގުގެ އެންމެ ބޮޑު މަގުސަދަކަށް ވެފައި އޮތީ ފަލަސްތީނުގައި ޔަހޫދީންގެ ދައުލަތެއް އުފައްދައި ދިނުމެވެ. އެމީހުންގެ ބޭނުމަކީ ޒަމާނުއްސުރެ އެމީހުން އިންތިހާއަށް ރުޅިއަންނަ ޔަހޫދީން ހުޅަނގުން ނެރެލުމެވެ. އަދި އަރަބީންގެ ތެރޭގައި ހަމަނުޖެހުން ފަތުރާ އަމާންކަން ނަގާލާނެ މެދުވެރިއަކު އުފެއްދުމެވެ.

ޔަހޫދީން ފަލަސްތީނުގައި ވަޒަންވެރި ކުރުމުގެ ސިޔާސަތުގެ ދަށުން 10،000ށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ގޯތި ގެދޮރުން ނެރެލާ ރެފިއުޖީންނަށް ހެދިއެވެ. މި ހަރަކާތުގެ ރޫހު ވައިގައި ހިފާލި އިރު ފަލަސްތީނުގެ ރައްޔިތުންނަށް ވެސް އޮތީ ހުޅަނގާއި ޒަޔަނިސްޓުންގެ ނުބައި ރޭވުން ރޭކާލާފައެވެ. އެހެންކަމުން ފަލަސްތީނުގެ ރައްޔިތުން ގެންދިޔައީ މި ރޭވުމަށް ހުރަސްއަޅަމުންނެވެ. އެގޮތުން ޤުދުސުގައި ތިބި ފަލަސްތީނުގެ އިސްވެރިން އިނގިރޭސީންނާއި ދެމެދު ސުލްހައިގެ ވާހަކަތަށް ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރަމުން ދިޔައެވެ. އެހެން ނަމަވެސް ހައިފާގައި ދިރިއުޅެމުން ދިޔަ ސީރިޔާގެ ލީޑަރެއް ކަމަށްވާ އިއްޒުއްދީނުލްޤައްސާމް 1922 ވަނަ އަހަރުން ފެށިގެން ގޮވާލައްވަމުން ދިޔައީ އިނގިރޭސީންނާއި ޒަޔަނިސްޓުންނާއި ދެކޮޅަށް ހަނގުރާމަކުރުމަށެވެ. އިނގިރޭސީން އަލްޤައްސާމްއާއި އޭނާގެ ބައިވެރިން އަވަހާރަކޮށްލީ 1935 ވަނަ އަހަރުއެވެ.

އިނގިރޭސީންނާ ދެކޮޅަށް ޤައްސާމް ދެއްކެވި ހިއްވަރުން ފަލަސްތީންގެ ރައްޔިތުން ހިއްވަރުލިބިގަތެވެ. އަދި ފަލަސްތީނުގެ ބިމުގެ މައްޗަށް ވެރިވެގަތުމަށް މަސައްކަތްކުރަމުން ދިޔަ އިނގިރޭސީންނާއި ޒަޔަނިސްޓުންނާއި ދެކޮޅަށް ތެދުވިއެވެ. އެކަމަކު އިނގިރޭސީން 1939 ވަނަ އަހަރު ފަލަސްތީނުން ނިކުތް މީހުން ބަލިކުރިއެވެ.

ސުމާރެއްނެތި ފަލަސްތީނަށް އެތެރެވަމުންދިޔަ ޔަހޫދީންގެ ޖަމާއަތްތަކަށް ހުޅަނގުން ވާގިވެރިވަމުން ދިޔަ ނަމަވެސް، މިކަމުގައި ހައްދެއް ކަނޑައެޅުމަށް އިނގިރޭސިން ނިންމިއެވެ. ފަލަސްތީނުގެ އަރަބީންގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކާވެސް އެކުއެވެ. އެކަމަކު ފަލަސްތީނަށް ޔަހޫދީން އެތެރެވާ އަދަދަށް ވަކި ހައްދެއް ކަނޑައެޅުންވީ ޒަޔަނިސްޓުން ފިސާރި ރުޅިގަދަވި ކަމަކަށެވެ. އެއާއެކު އިނގިރޭސިން ފަލަސްތީނުން ބޭލުމަށް ނިރުބަވެރި ހަމަލާތަކެއް ޒަޔަނިސްޓުން އަމާޒުކުރިއެވެ.

ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ދޮވެލުން:

ޔަހޫދީ ޒަޔަނިސްޓުންނާއި އިނގިރޭސީންނާއި ދެކޮޅަށް ފަލަސްތީނުން ނެތް ހިއްވަރު ދައްކަމުން ދިޔަ ނަމަވެސް ހަގީގަތަކީ، ހުޅަނގުގެ ބާރުގެ ކުރިމަތީގައި ފަލަސްތީނަކީ އެއްވެސް ބައެއް ނޫންކަމެވެ. ހަތިޔާރާއި އަދަދުގެ ގޮތުން ބެލި ނަމަވެސް ފަލަސްތީނު އޭރު މާ ބަލިކައްޓެވެ. ވުމާއެކު ޒަޔަނިސްޓުން ގެންދިޔައީ މިކަމުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަމުންނެވެ. ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ދޮވެލުމަށް ޒަޔަނިސްޓުން ގެންގުޅުނީ އަނިޔާވެރި ލަސް ސިޔާސަތެކެވެ.

ޒަޔަނިސްޓުންގެ ހަމަލާތައް ވަރުގަދަކުރުމާއެކު އިނގިރޭސީން ނިންމީ އެމީހުންގެ ބާރުގެ ދަށުގައި އޮތް ފަލަސްތީނު ދޫކޮށްލުމަށެވެ. އިނގިރޭސީން ފަލަސްތީނާމެދު ގޮތެއް ނިންމުމަށް ހަވާލުކުރީ އ.ދ އަށެވެ.

މީލާދީން 1947 ވަނަ އަހަރު އ.ދގެ ޖެނެރަލް އެސެމްބްލީގައި ފަލަސްތީނު ދެ ބަޔަށް ބައިކޮށް ދެ ދައުލަތެއް އުފެއްދުމަށް ހުށަހެޅުނެވެ. އަރަބި ދައުލަތަކާއި ޔަހޫދީ ދައުލަތެއް ފަލަސްތީނުގައި އެކުލަވާލުމަށް ހުށަހެޅުނު އިރު އެގައުމުގައި ތިބީ ޔަހޫދީ އާބާދީގެ ނިސްބަތަކީ ތިންބައިކުޅަ އެއްބައެވެ. އެ ޔަހޫދީންނަކީ ވެސް ފަލަސްތީނުގައި ވަޒަންވެރިވިތާ މާ ގިނަ ދުވަސްތަކެއް ނުވާ ހުޅަނގުގެ ޔަހޫދީންނެވެ.

އ.ދން ޔަހޫދީންގެ ދައުލައް ފަލަސްތީނުގައި ގާއިމު ކުރުމަށް ހުށަހެޅި އިރު އެމީހުގެން ބާރުގެ ދަށުގައި އޮތީ ހިސްޓޮރިކަލް ޕަލެސްޓައިން ނުވަތަ ޤަދީމީ ފަލަސްތީނުގެ 5.5 އިންސައްތައެވެ. ކަން މިހެން ހުރުމާއެކު ވެސް ފަލަސްތީނުގެ ބިމުން 55 އިންސައްތަ ޔަހޫދީންނަށް ދިނުމަށް އ.ދން ނިންމިއެވެ. އެހެންކަމުން ފަލަސްތީނާއި އެކުވެރި އަރަބި ގައުމުތަކުން މިކަމާ ދެކޮޅުހެދިއެވެ. އެކަމަކު ޔަހޫދީންގެ ދައުލަތެއް ފަލަސްތީނުގެ ބިމުގައި ގާއިމުކުރުން ގާނޫނީ ގޮތުން ހުއްދަކުރެވިގެންދާ މި ހުށަހެޅުމަށް ޒަޔަނިސްޓުން އެއްބަސްވިއެވެ.

އިޒްރޭލު އުފެދުން:

އ.ދން ހުށަހެޅި ހުށަހެޅުމަށް ޒަޔަނިސްޓުން އެއްބަސްވި ނަމަވެސް ފަލަސްތީނާއި ޔަހޫދީ ދައުލަތާއި ދެމެދު ބޯޑަރެއް ހެދުމުގެ ހުށަހެޅުމަށް ޒަޔަނިސްޓުން އިންކާރު ކުރިއެވެ. އެމީހުން ބޭނުންވީ ޤަދިމީ ފަލަސްތީނުގެ އިތުރު ބިންތަކުގެ މައްޗަށް އަތްގަދަކުރާށެވެ. 1948 ވަނަ އަހަރު ފެށުނު އިރު ޒަޔަނިސްޓުން ވަނީ ފަލަސްތީނުގެ ބޮޑު ބައެއް ހިފާފައެވެ. އޭރު އަދި އިނގިރޭސި މެންޑޭޓުގެ މުއްދަތުވެސް ހަމަވެފައެއް ނުވެއެވެ.

އިނގިރޭސީ މެންޑޭޓުގެ މުއްދަތު ހަމަވުމާ ކައިރިވެގެން އައި އިރު ޔަހޫދީން ވަނީ އެމީހުންގެ ބާރުވެރިކަން މެކުހަށް ޖަހާފައެވެ. މީލާދީން 1948 ވަނަ އަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހު އިނގިރޭސި މެންޑޭޓުގެ މުއްދަތު ހަމަވާން އޮއްވާ އެއަހަރުގެ އޭޕްރީލްމަހު ފަލަސްތީނުގެ އެންމެ ބޮޑު އެއް ޝަހަރު ކަމަށްވާ ހައިފާ ހިފިއެވެ. ދެން ޒަޔަނިސްޓުންގެ ކަޅި ހުރީ ޖައްފާ އަށެވެ.

އިނގިރޭސިން ފޭބުމާއެކު ލަހެއް ފަހެއް ނެތި ޔަހޫދީ ދައުލަތް ފަލަސްތީނުގައި ގާއިމުކުރިކަން ޒަޔަނިސްޓުން އިއުލާނު ކުރިއެވެ. އެކަން އިއުލާނު ކުރީ ޒަޔަނިސްޓް ޖަމާއަތުގެ އިސްވެރިޔާ ޑޭވިޑް ބެން-ގޫރިއަން އެވެ. އެއާ އެކު ފަލަސްތީން ވެގެން ދިޔައީ ދައުލަތެއް ނެތް ގައުމަކަށެވެ. ޒަޔަނިސްޓުން އިއުލާނު ކުރި ޔަހޫދީ ދައުލަތް ގަބޫލުކުރުމަށް އޭރު ދުނިޔޭގެ އެންމެ ބޮޑު ދެބާރު ކަމުގައިވާ އެމެރިކާއާއި ސޯވިއެޓް ޔޫނިއަނުން އަވަސްވެގަތެވެ. މި ދެންނެވި  ޒަޔަނިސްޓް ޔަހޫދީ ދައުލަތުގެ ނަމަކީ އިޒްރޭލެވެ. އިޒްރޭލަކީ ޒަޔަނިސްޓުން ފަލަސްތީނަށް ތާއަބަދު ދެމުންދާ އިންޒާރުގެ ކުލަ ތަސްވީރެވެ. އެއީ އެއީ "ފެއްސިގެން ދާށެވެ. ނޫނީ ދުނިޔެ ދޫކޮށް ދާށެވެ." މި އިންޒާރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
33%
8%
0%
25%
0%
33%
ކޮމެންޓް
20 މެއި 2021 | ބުރާސްފަތި 18:52
ހަސަންބެ
ތި ޔަހޫދީން ތީ ހަމަ ނަގޫބަޅުން ތަކެއް