ކ. މާލެ
|
18 މެއި 2021 | އަންގާރަ 14:32
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލީހަށް ތްރެޓް އޮތުން
ރައްޔިތުންގެ މަޖިލީހަށް ތްރެޓް އޮތްކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ސެކިޔުރިޓީ ލެވެލް މަތިކޮށްފި
 
މަޖިލިސް އިމާރާތާއި އިމާރާތް ވަށައިގެންވާ ސަރަހައްދުގެ ސެކިޔުރިޓީ ވަނީ މަތިކޮށްފައި
 
މިވަގުތުގެ ހާލަތަށް ބަލައި ސެކިޔުރިޓީގެ ކަންކަން ދަނީ ބަލަހައްޓަމުން

ރައްޔިތުންގެ މަޖިލީހަށް ތްރެޓެއް އޮތްކަމަށް ލިބުނު މައުލޫމާތާ ގުޅިގެން މަޖިލިސް އިމާރާތާއި އަދި އިމާރާތް ވަށައިގެންވާ ސަރަހައްދުގެ ސެކިޔުރިޓީ މަތިކޮށްފައިވާކަމަށް އެމްއެންޑީއެފްގެ މޭޖަރ އިބްރާހީމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ވިދާޅުވީ މިވަގުތުގެ ހާލަތަށް ބަލައި ސެކިޔުރިޓީގެ ކަންކަން ދަނީ ބަލަހައްޓަމުން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ހޯމަ ދުވަހު ފަށާފައިވާއިރު އެސަރަހައްދު ފުލުހުންނާއި ސިފައިން ހަތިޔާރާއެކު އަންނަނީ ބަލަހައްޓަމުންނެވެ. އަދި ވަކި ހިސާބަކަށް ނުވަދެވޭގޮތަށް އެސަރަހައްދު ވަނީ ބަންދުކޮށްފައެވެ.

އަނެއްކޮޅުން ހޯމަ ދުވަހުގެ ޖަލްސާ ކުރިއަށްދަނިކޮށް ރާއްޖެޓީވީގެ ފޭސްބުކް ލައިވަށް ފިރިހެނަކު "ތި މަޖިލިސް ގޮއްވާލަންވީ" ކަމަށް ބުނެ ކޮށްފައިވާ ކޮމެންޓެއްގެ މައްސަލަ ފުލުހުން ވަނީ ތަހުގީގުކުރަން ފަށާފައެވެ.

އާޒިމް މިގޮތަށް ވިދާޅުވިއިރު މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ވަނީ ދީފައެވެ. އައިއީޑީއެއް ގޮއްވައިލައިގެން މިހަމަލާދީފައި ވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކައިރީގައެވެ. އަދި އެވަގުތު އެމަނިކުފާނުގެ ބޮޑީ ގާޑުން ވެސް ކައިރީގައި ތިއްބެވިއެވެ. މިހަމަލާގައި ރައީސް ނަޝީދަށް ސީރިއަސް އަނިޔާތަކެއް ލިބިވަޑައިގެން މިހާރު ޖަރުމަނުވިލާތުގައި އިތުރު ފަރުވާ ހޯއްދަވަމުން ގެންދަވާއިރު އެމަނިކުފާނުގެ ތިން ބޮޑީގާޑުންނަށް ވެސް އެކިވަރުގެ އަނިޔާ މިހަމަލާގައި ވަނީ ލިބިވަޑައިގަންނަވާފައެވެ.

ބޮޑީގާޑުންނަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭ އާއި އައިޖީއެމްއެޗްގައި ވަނީ ފަރުވާ ހޯއްދަވާފައެވެ. މިހަމަލާއަށް ފަހު އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެފައިވަނީ ރައީސް ނަޝީދަކީ އެބޭފުޅުން ހައްދަވަމުން ގެންދަވާ އެސެސްމަންޓްތަކަށް ބަލާއިރު އެންމެ ހައިރިސްކު ބޭފުޅާކަމަށެވެ. އެހެންކަމުން ރައީސް ނަޝީދަށް އަރުވަމުން ގެންދަނީ އެންމެ މަތީ ސެކިޔުރިޓީކަމަށް ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު ދެވަނަ ދައުރުގެ ޖަލްސާތައް ހޯމަ ދުވަހު ފަށައިގެން ކުރިޔަށްދާއިރު އެކަމާ ގުޅުންހުރި ގިނަ މަސައްކަތްތަކެއް މިވަގުތު މަޖިލީހުގައި އަންނަނީ ކުރެވެމުންނެވެ. އެގޮތުން ރައީސް ނަޝީދުގެ ސެކިޔުރިޓީ ފެއިލްވެފައިވާ ގޮތް ބެލުމަށް ޕާލަމެންޓްރީ ޚާއްސަ އިންކުއަރީއެއް ހެދުމަށް މުޅި މަޖިލިސް އިގުރާރުވެ އެކަން އަންނަނީ ކުރަމުންނެވެ. އަދި ރައީސް ނަޝީދާ ދެކޮޅަށް ދެވުނު ހަމަލާ ކުށްވެރިކޮށް މެމްބަރުން ވަނީ ވާހަކަދައްކަވާފައެވެ. މީގެއިތުރުން ހަރުކަށި ފިކުރާއި ނަފްރަތު އުފެދޭ ގޮތަށް ދެކެވޭ ވާހަކަތަކާއި ދެކޮޅަށް ވެސް މަޖިލީހުގެ ތަޅުމުގައި މެމްބަރުން ގެންދަވަނީ ވާހަކަދައްކަވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް