އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރުވިއިރު، އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން މުހިންމު މޮޅެއް ހޯދައިފިއެވެ.
އާދީއްތަ ދުވަހުގެރޭ ޗެލްސީގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. ދެ ޓީމަށްވެސް ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައިރު، އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނީ ފުރަތަމަ ހާފުގައި ޕެނަލްޓީ އޭރިއާ ތެރެއިން ޗެލްސީގެ ކަލުމް ހަޑްސަން-އޮޑޯއިގެ އަތުގައި ބޯޅަ ޖެހުމުންނެވެ. އެކަމަކު ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހުވެސް ރެފުރީ ޔުނައިޓެޑަށް ޕެނަލްޓީއެއް ދީފައެއް ނުވެއެވެ.
މި މެޗުގެ ދެވަނަ ހާފު ޗެލްސީން ކޮންޓްރޯލް ކޮށްގެން ކުޅުނުއިރު، މި ހާފުގައި އެ ޓީމުގެ ހަކީމް ޒިޔެޗާއި މޭސަން މައުންޓް ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. އެކަމަކު އެ ހަމަލާތައް ޔުނައިޓެޑުގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ ވަނީ ހުއްޓުވާފައެވެ. އަދި މި ހާފުގައި ޔުނައިޓެޑުގެ ސްކޮޓް މެކްޓޮމިނޭ ފޮނުވާލި ބާރު ހަމަލާއެއް ޗެލްސީގެ ގޯލްކީޕަރު އެޑޮއާޑް މެންޑީ ވަނީ ހުއްޓުވާފައެވެ.
މި ނަތީޖާއާއެކު ޔުނައިޓެޑް ދެވަނައިގައި އޮތީ ކުޅުނު 26 މެޗުން ލިބުނު 50 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 26 މެޗުން 62 ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީ އޮތީ ތާވަލުގެ ފަސްވަނައިގައި 26 މެޗުން 44 ޕޮއިންޓާއެކުއެވެ.
މީގެ އިތުރުން އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ ރަށުން ބޭރުގައި ޝެފީލްޑް ޔުނައިޓެޑް އަތުން 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުން ލިވަޕޫލް މޮޅުވިއިރު، އޭގެ ކުރިން ލީގުގައި ކުޅުނު ހަތަރު މެޗުންވެސް ލިވަޕޫލް ވަނީ ބަލިވެފައެވެ.
ޝެފީލްޑުގެ ދަނޑުގައި ކުޅުނު މެޗުގައި ލިވަޕޫލުން ރަނގަޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ނުރައްކާތެރި ފަސް ހަމަލާއެއް ފޮނުވާލާފައެވެ. އެކަމަކު އެ ހަމަލާތަކުގެ ހުރަހަކަށްވީ މި ހާފުގައި މޮޅު ކުޅުމެއް ދެއްކި ޝެފީލްޑުގެ ގޯލްކީޕަރު އާރޮން ރާމްސްޑޭލެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ކާޓިސް ޖޯންސް ވަނީ ލިވަޕޫލަށް ލީޑު ނަގައިދީފައެވެ. އަދި މި މެޗުގައި ލިވަޕޫލުން ލީޑު ފުޅާކޮށްފައިވަނީ 64 ވަނަ މިނެޓުގައި ޝެފީލްޑުގެ ކީން ބްރަޔަން އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.
މި މޮޅާއެކު ތާވަލުގެ ހަވަނައިގައި ލިވަޕޫލް އޮތީ 26 މެޗުން 43 ޕޮއިންޓް ހޯދައިގެންނެވެ. އަދި ލިވަޕޫލް އަތުން ބަލިވި ޝެފީލްޑް އޮތީ ތާވަލުގެ ފުލުގައި 26 މެޗުން އެންމެ 11 ޕޮއިންޓާއެކުއެވެ.