މިއަދު ގައުމު ވެއްޓިފައި މިއޮތް ހާލަތަށް ދިއުމުގައި އޭނާވެސް ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ވަރަށް ބޮޑު އިހުމާލުތަކެއް އެބައޮތް ކަމަށާއި، އެހެންނޫންނަމަ މިއަދު މިހާ ހިސާބަކަށް ނުދާނެ ކަމަށް މާމިގިލިދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ބަޖެޓް ދިރާސާ ކޮމިޓީގައި ވާހަކަދައްކަވަމުން ޤާސިމް ވިދާޅުވީ 2008ން ފެށިގެން ބަދަލުވަމުން މި އަންނަނީ އެއްވާހަކައެއް ކަމަށެވެ. މިދާ ގޮތުން އަޅުގަނޑުމެންގެ ގައުމު ސަލާމަތުގެ އައްސޭރިއަކަށް ނުދެވޭނެ ކަމަށާއި ހިތާމަކުރައްވާ ކަމަށް ޤާސިމް ވިދާޅުވިއެވެ.
މިއަހަރުގެ ޖުލައި ނުވަތަ ޖޫންގެ ތެރޭގައި ރައީސް މުއިއްޒު ބަދަލުތަކެއް ގެންނަވާނެކަމަށް ދެއްކެވި ވާހަކަފުޅަޅަށް އިޝާރާތްކުރައްވާ ގާސިމް ވިދާޅުވީ އެ ބަދަލު މިއަދާ ހަމައަށް ވެސް ނުގެނެވިގެން ދާކަމަށެވެ. އަދި ޚަރަދު ކުޑަކުރަން ޑިސިޕްލިން ފިޔަވަޅު އަޅުއްވާނެކަމަށް ވިދާޅުވި ނަމަވެސް އެކަން ނުކުރެވިގެން ދިޔަ ސަބަބު، މިނިސްޓަރުގެ ވާހަކައިން ސާފުވާ ކަމަށެވެ.
ދެން އަޅުގަނޑުމެންނަށްވެސް އިނގޭ ސަބަބުތަކެއް އެބަހުރިކަން. އެހެންނަމަވެސް ގެރި ފެންގަނޑަށް ވެއްޓިގެން މަރުވީމާ ދެން ނަގަން ދާނެ ކަމެއް ނެތޭ އަޅުގަނޑު ހިތަށް އަރަނީ. އެހެންކަމުން މިއަދު އަޅުއްވަންޖެހޭ ފިޔަވަޅުތަކެއް އަޅުއްވަންޖެހޭ.މާމިގިލިދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް
ޤާސިމް ވިދާޅުވީ ދަންނަވަން ބޭނުންވަނީ ގައުމު އިނދަ ޖައްސާނުލާ މިއަދު އޮތް ސަރުކާރުން ސަލާމަތްކޮށްދެއްވުމަށެވެ. އަދި ސަލާމަތްކޮށްދެއްވަން އަޅުއްވަންޖެހޭ ކޮންމެ ފިޔަވަޅެއް ވެސް އަޅުއްވައިގެން ނޫންގޮތަކަށް މިކަމުން ސަލާމަތެއް ނުވާނެ ކަމަށާއި ސަލާމަތްކޮށްދޭން އެހެން ބަޔަކު ނާންނާނެ ކަމަަށެވެ.
ދައުލަތުން ޚަރަދު ކުޑަކުރެއްވުމަށް ކުރައްވަންޖެހޭ ފިޔަވަޅުތައް އޭރު ވިދާޅުވި ގޮތަށް އެޅުއްވުނު ނަމަ.. ވަރަށް ކެރިވަޑައިގަންނަވަން ވާނެ. ވެދާނެ ފަހަރެއްގަ ސަރުކާރުގައި އެމަނިކުފާނު ނުހުންނެވޭނެ ކަމަށްވެސް. އަދި ހުންނެވޭނެ ކަމަށްވެސް. ދައުލަތުން ހަވާލުވެވަޑައިގެންނެވި އިރު ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު، ދައުލަތުގެ ހާލަތު އޮތް ގޮތް ރައްޔިތުންނަށް ބަޔާންކޮށްދެއްވާށޭ. އެކަމަކު އެކަން ކުރެއްވުމަށްޓަކައި އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރެއްވިން މި މާލިއްޔަތު ކޮމިޓީގައި. އެކަމަކު އެކަން އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނެ ގޮތެއް ނުވި. ވަރަށް ހިތާމަ ކުރަން. އެކަން ކުރިއަށް ނުގެންދެވުމުގެ ނަތީޖާއެއްގެ ގޮތުން މަނިކުފާނަށް ބުރަ ބޮޑުވެގެން.. ދައުލަތަށް ބުރަ ބޮޑުވެގެން މިދަނީ.މާމިގިލިދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް
ޤާސިމް ވިދާޅުވީ މިއަދު ގައުމު ވެއްޓިފައި މިއޮތް ހާލަތަށް ދިއުމުގައި އޭނާވެސް ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ވަރަށް ބޮޑު އިހުމާލުތަކެއް އެބައޮތް ކަމަށެވެ. އެހެންނޫންނަމަ މިއަދު މިހާ ހިސާބަކަށް ނުދާނެ ކަމަށާއި، ބަޖެޓް ފާސްކޮށްދިނުމާ ޕްރޮޖެކްޓްތައް ދިނުމާ މި ހުރިހާ އިޚްތިޔާރެއް މި އޮންނަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ.