މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗުކަމާ ހަވާލުވީ ފަހުން މިހާތަނަށް ލިބުނު އެންމެ ބޮޑު މޮޅަކީ، އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން ލިބުނު މޮޅު ކަމަށް، އެ ޓީމަށް އިރުޝާދު ދެމުން އަންނަ ޕޯޗުގަލްގެ ރުބެން އަމޯރިމް ބުނެފި އެވެ.
އޭނާ މިހެން ބުނީ ލިވަޕޫލްގެ އަމިއްލަ ދަނޑު، އެންފީލްޑުގައި އެ ޓީމާ ދެކޮޅަށް ކުޅެ ޔުނައިޓެޑު މޮޅުވި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެ މެޗުން ޔުނައިޓެޑު މޮޅުވެފައި ވަނީ 2-1 އިންނެވެ. މިއީ ޔުނައިޓެޑުގެ ކޯޗުކަމާ އަމޯރިމް ހަވާލުވީ ފަހުން، ޖެހި ޖެހިގެން ދެ މެޗުން މޮޅުވީ ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން، 2016 ވަނަ އަހަރުގެ ފަހުން އެންފީލްޑު ގައި ޔުނައިޓެޑުން މޮޅުވި ފުރަތަމަ ފަހަރެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން އަމޯރިމް ބުނެފައި ވަނީ ޔުނައިޓެޑާ އެކު މިހާތަނަށް އޭނާ އަށް އެހާ ގިނަ މޮޅު ހޯދިފައި ނެތް ކަމަށެވެ. އެހެން ނަމަވެސް، ލިވަޕޫލް އަތުން ލިބުނު މޮޅު އޭނާ އަށް ޚާއްސަވާ ކަމަށް އަމޯރިމް ބުންޏެވެ. އެހެންކަމުން އެ މޮޅަކީ، ޔުނައިޓެޑުގެ ކޯޗުކަމާ އޭނާ ހަވާލުވީ ފަހުން މިހާތަނަށް ލިބުނު އެންމެ ބޮޑު މޮޅުގެ ގޮތުގައި އަމޯރިމް ވަނީ ސިފަ ކޮށްފަ އެވެ.
އެކަން ފާހަގަކޮށް އަމޯރިމް ބުނީ އެ މެޗުގެ ކޮންމެ ވަގުތަކާއި، ކޮންމެ ކަމެއް ވެސް އޭނާ އަށް ޚާއްސަ ވާނެ ކަމަށެވެ. ސަބަބަކީ އެ ދަނޑަކީ އެންފީލްޑަށް ވެފައި، އެ ދަނޑުގައި މޮޅުވުމަކީ ޚާއްސަ ކަމަކަށް ވުން ކަމަށް އަމޯރިމް ވަނީ ބުނެފަ އެވެ. ޚާއްސަ މޮޅާއެކު އަމޯރިމް ވަނީ މީޑިއާ ތަކުން ރަނގަޅު ރޫޙެއްގައި ވާހަކަތައް ގެނެސްދިނުމަށް ވެސް އެެދިފަ އެވެ.
ޔުނައިޓެޑުގެ ކޯޗުކަމުގައި އަމޯރިމްގެ އިރުޝާދުގެ ދަށުން އެ ޓީމުގެ ނަތީޖާތައް ދަށްވެފައިވާތީ އޭނާ އަށް އަންނަނީ އެކި ގޮތް ގޮތުން ފާޑު ކިޔުން އަމާޒު ވަމުންނެވެ. ފާޑު ކިޔުންތަކަށް މާ ބޮޑު ފަރުވާލެއް ނެތް ކަމަށް ފާހަގަކޮށް އަމޯރިމް ބުނީ، ދެން ބޭނުން ވަނީ ޖެހި ޖެހިގެން ތިން މެޗުން މޮޅުވާން ކަމަށެވެ. އަދި ލީގުގެ ގަދަ ހަތަރެއް، ނުވަތަ ގަދަ ހައެއްގައި ނިންމާލަން ބޭނުންވާ ވާހަކަ ހަނދާން ނައްތާލަން ބޭނުންވާ ކަމަށް ވެސް އަމޯރިމް ބުންޏެވެ.
އިތުރަށް ވާހަކަ ދައްކަމުން އަމޯރިމް ބުނީ ޔުނައިޓެޑުގައި އޮތް ޓީމަކީ، މެޗުގެ 90 މިނެޓުގައި ފެނުނު ޓީމު ކަމަށެވެ. ހަމައެކަނި ބަދަލު ވަނީ ޓީމާ މެދު މީހުން ދެކެމުން އަންނަ ގޮތް ކަމަށް ވެސް އަމޯރިމް ބުންޏެވެ. އެހެން ނަމަވެސް، ޔުނައިޓެޑުން ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ހުރި ކަމަށާއި، ބައެއް ވަގުތު ތަކުގައި ޔުނައިޓެޑަށް ނަސީބު ވެސް ކުރިމަތި ވަނީ ކަމަށް އޭނާ ބުންޏެވެ.
މިވަގުތު ޔުނައިޓެޑުގައި ރަނގަޅު ރޫހެއް އޮތް ކަމަށާއި، ޓީމުގެ ކުޅުންތެރިންގެ މެދުގައި ރަނގަޅު ހިތްވަރެއް އޮތް ކަމަށް އަމޯރިމްް ވަނީ ބުނެފަ އެވެ. އެހެންކަމުން މިވަގުތު ޓީމުގައި އޮތް ރޫހާއި، މިވަގުތު ކުޅުންތެރިންގެ ކިބައިގައި ހުރި ހިތްވަރު ކުރިއަަށް އޮތް މެޗުގައި ވެސް ދައްކަން ޖެހޭ ކަމަށް އަމޯރިމް ވަނީ ބުނެފަ އެވެ. އެގޮތުގައި އެކަން ކުރެވިއްޖެ ނަމަ، ޔުނައިޓެޑުން ބޭނުންވާ ކަންކަން ހާސިލު ކުރެވޭނެ ކަމަށް އަމޯރިމް ފާހަގަ ކުރި އެވެ.
އަމޯރިމްގެ އިރުޝާދުގެ ދަށުން މިހާތަނަށް ޔުނައިޓެޑުން ވަނީ 51 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ 20 މެޗުންނެވެ. 19 މެޗުން ބަލިވެފައިވާއިރު، 12 މެޗުން ވަނީ އެއްވަރުވެފަ އެވެ. މި ސީޒަންގެ ޕްްރިމިއާ ލީގުގައި ޔުނައިޓެޑު އޮތީ ނުވަ ވަނައިގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ އަށް މެޗުން 13 ޕޮއިންޓާ އެކު އެވެ.