މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު ކަމުގެ މަގާމުގައި ކޮންމެ މީހަކު ހުރި ނަމަވެސް، އެ މީހަކަށް އެތައް ގޮން ޖެހުންތަކެއް އޮންނާނެ ކަމަށް އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ބުނެފި އެވެ.
އޭނާ މިހެން ބުނެފައި ވަނީ ޔުނައިޓެޑުގެ ކޯޗުކަމުގެ މަގާމުގައި ހުރި ރުބެން އަމޯރިމްގެ އިރުޝާދުގެ ދަށުން އެ ޓީމުގެ ނަތީޖާތައް ދަށްވެ، އޭނާ އަށް ފާޑު ކިޔުންތައް އަމާޒުވާ ދަނޑިވަޅެއްގަ އެވެ. އަދި ޔުނައިޓެޑުގައި އަމޯރިމް އަށް ޕްރެޝަރު ބޮޑު ވަމުން އަންނަ ކަމަށް މީޑިއާ ތަކުގައި ބުނެފައި ވަނިކޮށެވެ.
ފެނާންޑޭސް ބުނީ ޔުނައިޓެޑުގެ ކޯޗުކަމަށް ކޮންމެ މީހަކު އައި ނަމަވެސް، އެ މީހަކަށް "ކްރައިސިސް"އާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. ކޮންމެ ވެސް ހިސާބަކުން ނުވަތަ ކޮންމެ ވެސް މެޗަކާ ހަމައިން އެ މީހަކަށް އެކަން ކުރިމަތި ވާނެ ކަމަށް ފެނާންޑޭސް ބުންޏެވެ. އެކަން ފާހަގަކޮށް އޭނާ ބުނީ، ޔުނައިޓެޑުގައި ކަންތައް އޮންނާނީ އެގޮތަށް ކަމަށެވެ.
މީގެ އިތުރުން ފެނާންޑޭސް ބުނީ، ޔުނައިޓެޑު މެޗަކުން މޮޅުވެއްޖެ ނަމަ އެ ޓީމަށް ލީގު ކާމިޔާބު ކުރެވިދާނެ ކަމުގެ އިޙުސާސް އޮންނާނެ ކަމަށެވެ. އެހެން ނަމަވެސް، މެޗަކުން ބަލިވެއްޖެ ނަމަ، ކުލަބަށް ބޯ ވިލާގަނޑަކާ ކުރިމަތިލާން ޖެހޭ ފަދަ ޙާލަތެއް އަންނާނެ ކަމަށް އޭނާ ބުންޏެވެ.
އަމޯރިމް އަަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވަމުން އައި ދަނޑިވަޅެއްގައި ޔުނައިޓެޑުގެ 25 އިންސައްތަ ހިއްސާ ގަނެފައިވާ ޖިމް ރެޓްކްލިފް ވަނީ އަމޯރިމްގެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން އޭނާ ވިދާޅުވެފައި، އަމޯރިމް އަށް އެ ކުލަބުގައި އެކަށީގެންވާ ވަގުތު ދޭން ޖެހޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެއްވެސް ކަމަކީ ވަގުތުން ނުވަތަ އޯވާ ނައިޓަކުން ޙާސިލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން، ޔުނައިޓެޑުން އަމޯރިމް އަށް ތިން އަހަރުގެ މުއްދަތެއް ދޭނެ ކަމަށް ރެޓްކްލިފް ވަނީ ވިދާޅުވެފަ އެވެ. އެކަން ފާހަގަކޮށް އޭނާ ވަނީ ބައެއް ކުލަބު ތަކުން ކޯޗުންނަށް އެކަށީގެންވާ ވަގުތު ދިނުމުން، މިހާރު ނަތީޖާ ފެންނަ ކަމަށް ވިދާޅުވެފަ އެވެ.
އަމޯރިމްގެ އިރުޝާދުގެ ދަށުން މިހާތަނަށް ޔުނައިޓެޑުން ވަނީ 50 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ 20 މެޗުންނެވެ. 18 މެޗުން ބަލިވެފައިވާއިރު، 12 މެޗުން ވަނީ އެއްވަރުވެފަ އެވެ. މިހާރު ކުރިއަށް ދާ ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް ޔުނައިޓެޑު އޮތީ 10 ވަނައިގަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑަށް ދެން އޮންނާނީ އާދީއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލްއާ ދެކޮޅަށް ކުޅޭ މެޗެވެ.