ކ. މާލެ
|
28 ފެބްރުއަރީ 2021 | އާދީއްތަ 17:26
އިދިކޮޅު ކޯލިޝަނުން އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފަށް ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން
އިދިކޮޅު ކޯލިޝަނުން އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފަށް ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން
ޝުރުފާ މުހައްމަދު
އިދިކޮޅުން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާ
ޕީޕީއެމްއިން ދެން ނުކުންނާނީ މާލޭ އެކި ސަރަޙައްދުތަކުން ޓީމުތައް ހަދައިގެން
ކޮންމެ ދުވަހަކުވެސް ހަވީރު 4:15ން ފެށިގެން 6:10ށް މުޒާހަރާ ކުރާނެ
100 މީހުންގެ ގްރޫޕުތަކެއް ހިމަނައިގެން ޓީމުތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދޭ
އެކި ސަރަޙައްދުތަކުން މުޒާހަރާ ފަށައި، ޕީޕީއެމް މައި އޮފީސް ކައިރިއަށް އެއްވާނެ

މާލޭގެ އެކި ސަރަޙައްދުތަކުގައި ވަކިވަކި ޓީމުތައް ހަދައިގެން މުޒާހަރާ ކުރިއަށް ގެންދިއުމަށް އިދިކޮޅު ކޯލިޝަނުން ރާވަމުންދާކަމަށް އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދީފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވީ، އާދިއްތަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް ހަވީރު 4:15ން ފެށިގެން 6:10ށް ޕީޕީއެމް ޕާޓީ މައި އޮފީސް ހިމެނޭ ސަރަޙައްދުގައި މުޒާހަރާ ކުރިއަށް ގެންދިއުމަށް އެ ޕާޓީން ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި 100 މީހުންގެ ގްރޫޕުތަކެއް ހިމަނައިގެން ޓީމުތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާއިރު، އަންނަ ހުކުރު ދުވަހު އެ ޓީމުތައް މަގުތަކަށް ނުކުތުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ނިމިދިޔަ ހުކުރުގައިވެސް އިދިކޮޅު ކޯލިޝަނުން ވަނީ އެކި ސަރަޙައްދުތަކަށް ބެހިގެން މުޒާހަރާ ކުރިއަށް ގެންގޮސްފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި މެމްބަރު ވިދާޅުވީ، މުޒާހަރާތައް ރާވާފައިވަނީ އެކަމަށް ޚާއްސަ 10 ޓީމެއް އެކުލަވާލައިގެން ކަމަށެވެ. ބޭނުމަކީ އެކި ސަރަޙައްދުތަކުން މުޒާހަރާ ފަށައި، ޕީޕީއެމް މައި އޮފީސް ކައިރިއަށް އެއްވުމެވެ. އެގޮތުން އަންނަ ހުކުރު ދުވަހުގެ 4:00 ގައި މުޒާހަރާ ފެށި ނަމަވެސް، ޓީމުތައް ޖަމާވަމުންދާނީ ފުލުހުންގެ ޙަރަކާތްތަކަށް ބެލުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ. ނިމިދިޔަ ހުކުރުގައިވެސް ޕީޕީއެމްއިން މުޒާހަރާ ކުރިއަށް ގެންގޮސްފައިވަނީ އެގޮތަށެވެ.

އިދިކޮޅުން އެކި ނަންނަމުގައި ސިލްސިލާ މުޒާހަރާތައް ކުރަމުންދާއިރު، ހުކުރު ދުވަހު ކުރި މުޒާހަރާގެ ތެރެއިންވެސް 30 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އަދި އޭގެ ތެރެއިން 27 މީހަކު ޖޫރިމަނާ ކޮށްފައިވާއިރު، އިދިކޮޅުން އަލަށް އެކުލަވާލާފައިވާ މި ޕްލޭންގެ ދަށުން ފުލުހުންގެ ކިބައިން ރެކި، މާލޭގެ އެކި ސަރަޙައްދުތަކުގައި އެއްވުންތައް ބޭއްވުމަށް މަގުފަހި ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އޭގެ އިތުރުން، މުޒާހަރާގެ އެކި މަންޒަރުތައް ބޭނުން ކޮށްގެން ފުލުހުން އަނިޔާކުރި ކަމަށް ދެއްކުމާއި، ރާއްޖޭގައި މިނިވަން ސިޔާސީ ޙަރަކާތް ހިންގުމުގެ ޖާގަ މި ސަރުކާރުން ނުދޭކަން ދައްކައިގެން ބޭރު ދުނިޔޭގެ ސަމާލުކަން ހޯދުމަކީވެސް އިދިކޮޅުގެ މަޤްސަދެއްކަމަށް ގިނަ މީހުން ދަނީ ބުނަމުންނެވެ.

ރާއްޖޭގެ ކޮވިޑް ކޭސްތަކުގެ އަދަދުތައް 100ން މަތީގައި އުޅޭއިރު، މާލޭ ސަރަޙައްދުން ކޮންމެ ދުވަހަކުވެސް ގިނަ ކޭސްތަކެއް ދަނީ ރިޕޯޓު ކުރެވެމުންނެވެ. އެއާއެކު، މާލޭ ސަރަޙައްދުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު، އިދިކޮޅުން ބާއްވަމުންދާ އެއްވުންތަކަކީ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރުން، އެއްވެ އުޅުމުގެ ޤާނޫނާވެސް ޚިލާފަށް ކުރިއަށް ގެންދާ ޙަރަކާތްތަކެއް ކަމަށް ފުލުހުންވެސް ބުނެފައިވެއެވެ. އަދި މުޒާހަރާގެ ބައިވެރިން ހައްޔަރު ކުރިއިރު ދިން ޤާނޫނީ އިންޒާރުތަކުގައި މީގެ ކުރިންވެސް ފުލުހުން އެކަން ފާހަގަ ކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް
2 މާރޗް 2021 | އަންގާރަ 01:19
އެލެކްސް
މައުލޫމާތު ދިނީ މައުމޫނުތޯ؟ އޭނާގެ ބޮޑީ ބިލްޑަރ ދަރި 2023 އަށް ތައްޔާރު ކުރުމުގެ ތެރެއިން
28 ފެބްރުއަރީ 2021 | އާދީއްތަ 20:58
މުހައްމަދު
ބޭރު ގައުމެއްގެ ސަމާލުކަމެއް ތި ޕާޓިއަކަށް ނުލިބޭނެއްނު. ހުސް ވަގުންވިއްޔަ ތިބީ.