އައިޝްވާރްޔާ ރާއީ ބައްޗަންގެ އަންހެން ދަރިފުޅު އަރާދްޔާ ބައްޗަން ބެލި އޭނާގެ މަންމަގެ ފުރަތަމަ ފިލްމަކީ 'ފަންނޭ ޚާން' ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އޮގަސްޓް މަހުގެ 3 ވަނަ ދުވަހު ރިލީޒްކުރި 'ފަންނޭ ޚާން' އަކީ އޭޝްގެ އަންހެން ދަރިފުޅު ބެލި އޭނާގެ ފުރަތަމަ ފިލްމު ކަމަށާއި އެހެން ނަމަވެސް އޭޝްގެ ބައެއް އެހެން މަސައްކަތްތައް ކޮންމެވެސް ވަރަކަށް ޓީވީން ބަލާފައިވާ ކަމަށް އޭޝް ބުންޏެވެ.
މީޑިޔާއަށް ދިން އިންޓަވިއުއެއްގައި އޭޝް ބުނީ އަރާދްޔާ، ފަންނޭ ޚާންގެ ލަވައަކަށް އޭނާ ޝޫޓް ކުރި މަންޒަރު ފެނިފައިވާ ކަމަށާއި އަދި ފިލްމު ސްކްރީންނަށް އަންނަ ކަން އެނގުމުން އެކަމާ ވަރަށް އުފަލުން ހުރި ކަމަށެވެ. އަދި އަރާދްޔާ ބޭނުންވީ އޭނާގެ ރައްޓެހިންނާ އެކު އައިސް ފިލްމު ބަލަން ކަމަށާއި ފިލްމު ބެލުމަށް ފަހު ވަރަށް މަޖާ ކުރި ކަމަށް އޭޝް ބުންޏެވެ.
މީގެ އިތުރަށް އޭޝް ބުނީ މިއީ އަރާދްޔާ ބެލި އޭނާގެ ފުރަތަމަ ފިލްމު ކަމަށް ވުމުން އެކަމާ އޭނާ ވެސް ވަރަށް އުފާވާ ކަމަށާއި މިފިލްމުން ރަނގަޅު މެސެޖެއް ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ދެވޭ ކަމަށެވެ.
އަރާދްޔާ ރަނގަޅު ސިއްހަތެއްގައި ބޮޑު ކުރުމަށް އަބަދު ވެސް އިސްކަމެއްދޭ ކަމަށް އައިޝްވާރްޔާ ބުނެއެވެ. ގޭގެ މާހައުލުގައި ވެސް އަރާދްޔާއަކީ ލަވަ އާއި މިއުޒިކަށް ވަރަށް ލޯބިކުރާ ކުއްޖެއް ކަމަށާއި އެގޮތުން ބައެއް ފަހަރު އޭނާގެ ލަވަތަކާއި އަބީޝެކްގެ ލަވަތަކަށް އަރާދްޔާ ނަށާ ހަދާ ކަމަށް ވެސް އޭޝް ބުންޏެވެ.
ފަންނޭ ޚާންއަކީ ހުރިހާ އުމުރު ފުރާއެއްގެ މީހުންނަށް ވެސް ބަލާލެވޭ ފިލްމަކަށްވާއިރު މިފިލްމުގައި އަނިލް ކަޕޫރާއި ރާޖްކުމާރު ރާއޯ ވެސް ފެނިގެންދާނެއެވެ.