Advertisement
ކ. މާލެ
|
8 ޑިސެންބަރ 2025 | ހޯމަ 19:47
މީގެ ކުރިން ހިންގި އޮޕަރޭޝަނެއްގައި ދިރުވާލައިގެން ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގެން މަސްތުވާތަކެތި ބުލެޓް ތަކެއް
މީގެ ކުރިން ހިންގި އޮޕަރޭޝަނެއްގައި ދިރުވާލައިގެން ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގެން މަސްތުވާތަކެތި ބުލެޓް ތަކެއް
ޕޮލިސް
ޕޮލިސް
ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!
ހުޅުމާލޭގައި ހުންނަ ގެސްޓް ހައުސްއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ނޭޕާލް މީހާގެ ހަށިގަނޑުގެ ސީޓީ ސްކޭން ހަދާފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގައި
ފުލުހުން ބުނެފައިވާ ގޮތުގައި މައްޔިތާގެ ހަށިގަނޑުން މަސްތުވާތަކެތި ނެގުމުގެ އޮޕަރޭޝަން ސިއްހީ ހިދުމަތްދޭ ތަނެއްގައި ކޮށްފައިނުވަނީ އެފަދަ އޮޕަރޭޝަނެއް ކުރެވޭ ވަރަށްވުރެ ބޮޑަށް ހަށިގަނޑު ޑީކޮމްޕޯސްވެފައި އޮތުމުގެ ސަބަބުން
މިއާ އެކު ގިނަ ބަޔަކު އަންނަނީ ސީޓީ ސްކޭން ހަދަން ހޮސްޕިޓަލަށް ގެންދެވުނު ހަށިގަނޑު، އިތުރު ކަމަކަށް ހޮސްޕިޓަލަށް ނުގެންދެވުނީ ކީއްވެތޯ ސުވާލު އުފައްދަމުން

މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ހުޅުމާލޭ ގައި ހުންނަ ގެސްޓް ހައުސްއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ނޭޕާލް މީހާގެ ހަށިގަނޑުގެ ސީޓީ ސްކޭން ހަދާފައިވަނީ ހުޅުމާލެ ހޮސްޕިޓަލު ގައި ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ނަމަވެސް ސީޓީ ސްކޭން އަށް ފަހު ހަށިގަނޑުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރިކަން ކަށަވަރުވުމުން، ހަށިގަނޑުން މަސްތުވާތަކެތި ނެގުމުގެ މަސައްކަތް ކޮށްފައިވަނީ ހުޅުމާލެ ސަހަރާގައި ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

މި މައްސަލައިގެ މައުލޫމާތު ފުލުހުން ހިއްސާ ކުރީ މީޑިއާތަކުގައި މި ހަބަރު ދައުރުވާން ފެށިފަހުންނެވެ. ފުލުހުން މި ކަމުގެ މައުލޫމާތު ފުރަތަމަ ހިއްސާ ކުރި އިރު ހަށިގަނޑުން މަސްތުވާތަކެތި ނެގުމުގެ މަސައްކަތް ކޮށްފައިވަނީ ކޮންތާކު ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. ފުލުހުން ބުނެފައިވަނީ މައްޔިތާ ގެ ހަށިގަނޑުން މަސްތުވާތަކެތި ނެގުމުގެ އޮޕަރޭޝަން ކޮށްފައިވަނީ އެކަމަށް ހާއްސަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފައާ އެކު ޑޮކްޓަރުން ކަމަށެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މައްޔިތާގެ ހަށިގަނޑުން މަސްތުވާތަކެތި ނެގުމުގެ އޮޕަރޭޝަން ސިއްހީ ހިދުމަތްދޭ ތަނެއްގައި ކޮށްފައިނުވަނީ އެފަދަ އޮޕަރޭޝަނެއް ކުރެވޭ ވަރަށްވުރެ ބޮޑަށް ހަށިގަނޑު ޑީކޮމްޕޯސްވެފައި އޮތުމުގެ ސަބަބުން ކަމަށެވެ. މައްޔިތާގެ ހަށިގަނޑުން ޖުމްލަ 78 ބްލެޓް މަސްތުވާތަކެތި ނަގާފައިވާއިރު، އެތަކެތީގެ ބަރުދަނަކީ 818 ގްރާމް ކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ.

ފުލުހުން ބުނެފައިވާ ގޮތުން 30 ނޮވެމްބަރު ގައި ސީޓީ ސްކޭން ހެދި ހަށިގަނޑުން މަސްތުވާތަކެތި ނެގުމުގެ މަސައްކަތް އޭގެ ދެ ދުވަސް ފަހުން ކުރީ، މިކަމަކީ ރާއްޖޭގައި އަލަށް ކުރެވޭކަމަކަށްވުމާއެކު، ޤާނޫނީ ގޮތުން ހުރި ކަންތައްތަކާއި އަދި މިކަމުގައި ހަމަޖައްސަންޖެހޭ ކަންތައްތަކާ ގުޅޭ ގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި، ކަމާގުޅުން ހުރި ރަސްމީ ފަރާތްތަކާއި މަޝްވަރާކުރުމަށްފަހު ކަމަށެވެ. އަދި އެކަންކަން ހަމަޖެހުމުން މިކަން ކުރީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ލަފާ ލިބުމަށްފަހު ޑޮކްޓަރުންގެ ލަފާގެ މަތިން ކަމުގައި ކަމަށެވެ.

މިއާ އެކު ގިނަ ބަޔަކު އަންނަނީ ސީޓީ ސްކޭން ހަދަން ހޮސްޕިޓަލަށް ގެންދެވުނު ހަށިގަނޑު، އިތުރު ކަމަކަށް ހޮސްޕިޓަލަށް ނުގެންދެވުނީ ކީއްވެތޯ ސުވާލު އުފައްދަމުންނެވެ. މީގެ އިތުރުން މިކަން ހޮސްޕިޓަލެއް ގައި ނުވަތަ ސަހަރާގައި ވެސް ކުރުމުގެ ގާނޫނީ ބާރު ފުލުހުންނަށް ލިބިގެން ނުވާ ކަމަށް ގާނޫނީ ދާއިރާގެ ގިނަ ބަޔަކު ވެސް ފާހަގަކުރެ އެވެ.

މިކަމާ ގުޅިގެން ރާއްޖެ އެމްވީ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހްމަދު މައުރޫފް ވިދާޅުވީ އޮޓޮޕްސީއެއް ހެދުމުގެ ބާރެއް ނުވަތަ އެކަން ކުރުމަށް ރަނގަޅު ވަސީލަތްތަކެއް ދިވެހި ފުލުހުންގެ މުވައްސަސާގައި ނެތް އިރު، މައްޔިތެއްގެ ހަށިގަނޑު މިގޮތަށް ފަޅާލުމަކީ ފުލުހުން ކުރި ޖިނާއީ ކުށެއް ކަމަށެވެ. ފުލުހުންނަށް މިކަން ކުރަން އެންގި ފަރާތް އަދި މިކަމުގައި އަމަލީ ގޮތުން ބައިވެރިވި އެންމެހާ ފަރާތްތައް ޖަވާބުދާރީ ކުރުވައި، ޖިނާއީ ގާނޫނުގެ 512 ވަނަ ނަންބަރާއި 623 ވަނަ ނަންބަރުގެ ދަށުން ދައުވާ އުފުލަންޖެހޭނެ ކަމަށް މައުރޫފް ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ ސީޓީ ސްކޭން އިން މަސްތުވާތަކެތި މައްޔިތެއްގެ ހަށިގަނޑުން ފެނުނަސް އެކަމުގައި އަމަލު ކުރަން ޖެހޭ ގޮތަކީ، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން، އޮންނަ އިޖުރާއުތައް ފުރިހަމަ ކޮށްގެން އޮޓޮޕްސީ އެއް ހެދުން ކަމަށެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ އިރު، އޮޓޮޕްސީ ހެދުމަށް ރާއްޖޭގައި އެކަށީގެންވާ ވަސީލަތެއް ނެތުމުގެ ސަބަބުން، އާއްމު އުސޫލުގެ ތެރެއިން ފުލުހުން އެކަން ކުރަނީ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވައިގެންނެވެ.

މި މައްސަލައިގައި ހަށިގަނޑު ގެ ސީޓީ ސްކޭން ހެދުމަށް ހޮސްޕިޓަލަށް ގެންދެވުނު އިރު، އެއަށްފަހު ހަށިގަނޑުން މަސްތުވާތަކެތި ނެގުމުގެ މަސައްކަތް ހޮސްޕިޓަލެއް ގައި ކުރިއަށް ނުގެންދެވުމަކީ ގިނަ ބަޔަކު ސުވާލު އުފައްދާ ކަމެކެވެ. މި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތާ މެދު ގާނޫނީ ދާއިރާގެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މިކަމުގައި ގާނޫނީ އިޖުރާއުތައް ފުރިހަމަ ކޮށްފައިވޭތޯ ބެލުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރެ އެވެ.

- ކޮމެންޓް