މީހެއްގެ ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް، އެމީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ މައްސަލައެއްގައި ހައްޔަރު މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
އާދިއްތަ ދުވަހު ފުލުހުން ބުނީ، މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެމީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަ ދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000 ރުފިޔާ އަށްވުރެ ގިނަ ފައިސާ ހޯދައި، އެފައިސާތަކުގެ ތެރެއިން ބައެއް ނާގާފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މިިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. މާލޭހިޔާ 1-16-03 / މާލެ، އަޙްމަދު ޙައްސާން (33އ) އެވެ.
މި މީހާ ހައްޔަރުކޮށްފައިވަނީ މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒް ކޮށްގެން، އެމީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަ ދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000 ރުފިޔާ އަށް ވުރެ ގިނަ ފައިސާ ހޯދާފައިވާ ކަމަށް 2025 ނޮވެމްބަރު 30 ވަނަ ދުވަހު އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅު މައްސަލައާ ކޯޓު އަމުރެއްގެ ދަށުން ޑިސެންބަރު 4 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެ އެވެ.
މިމައްސަލައިގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި މިމީހާ ވަނީ އެކި ފަހަރު މަތިން މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ޖުމްލަ 150،300 ރުފިޔާ ހޯދައި އެފައިސާގެ ތެރެއިން 75،000 ރުފިޔާ ނަގާފައިވާ ކަމަށެވެ.
މީގެ އިތުރުން މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.