ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒް ކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލަ އެއް ގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި އެވެ.
ފުލުހުން ބުނީ، މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެމީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަ ދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000 ރުފިޔާ އަށްވުރެ ގިނަ ފައިސާ ހޯދައި، އެފައިސާތަކުގެ ތެރެއިން ބައެއް ނާގާފައިވާ މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މިިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. މަނަދޫ / ވެށި، ޙުސައިން ސަމާޙު (33އ) އެވެ. އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ޑިސެންބަރު 6 ވަނަ ދުވަހު އެވެ.
މި މައްސަލައިގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި އޭނާ ވަނީ މިކަމަށް އަމިއްލަ އެކައުންޓެއް ބެންކުގައި ހުޅުވައި މަންފާ ހޯދުމަށް އެއެކައުންޓް ކުއްޔަދީ މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ހޯދާފައިވާ ފައިސާގެ ތެރެއިން 75000 ރުފިޔާ އެކައުންޓަށް ޖަމާކޮށް އެފައިސާ ނަގާފަ އެވެ.
މިމައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 12 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މިއީ މިމައްސަލައާ ގުޅިގެން ހައްޔަރުކުރި ދެވަނަ މީހާއާ އެވެ. ފުރަތަމަ މީހާ ހައްޔަރުކޮށްފައި ވަނީ ޑިސެންބަރު 4 ވަނަ ދުވަހުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ. ގ. މާލޭހިޔާ 1-16-03 / މާލެ، އަޙްމަދު ޙައްސާން (33އ) ގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ޖަހާފަ އެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.