Advertisement
ކ. މާލެ
|
8 ޑިސެންބަރ 2025 | ހޯމަ 09:19
ހުޅުމާލޭގައި ޕާކު ކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ ހަފްލާފައި ޓްރާސްޕޯޓް މިނިސްޓަރު އަމީނާއި ޕޮލިސް ކޮމިޝަނަރު ނަވީން އަދި އެޗްޑީސީ އާއި ފުލުހުންގެ އިސްވެރިންތައް
ހުޅުމާލޭގައި ޕާކު ކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ ހަފްލާފައި ޓްރާސްޕޯޓް މިނިސްޓަރު އަމީނާއި ޕޮލިސް ކޮމިޝަނަރު ނަވީން އަދި އެޗްޑީސީ އާއި ފުލުހުންގެ އިސްވެރިންތައް
ޕޮލިސް
ޕޮލިސް
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
ޑިސެންބަރު 6 ވަނަ ދުވަހު ފަށާފައިވާ ޓޯވ އޮޕަރޭޝަނުގައި 24 ގަޑިއިރުގެ ތެރޭގައި ޖުމްލަ 252 އުޅަނދެއް ވަނީ ޓޯވކޮށް ތިލަފުއްޓަށް ގެންގޮސްފައި
ޓެކްސީ ނަފާ ލޯނުގެ ދަށުން ގެނައި ކާރުތައް ޕާކިން ސަރަހައްދު ގައި ބަހައްޓާފައި ހުއްޓާ އެޗްޑީސީ އިން އެތަނުން ކާރުތައް ނެރެ މަގުތަކަށް އުކާލި

ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވް ކުރަން ޖެހުނީ، ޕާކިންގެ މައްސަލަ ހައްލުކުރަން ސަރުކާރުން ބޮޑު ހަފްލާ އެއް ބާއްވާ ޕާކިންއަށް ހުޅުވާލި ހުސް ބިން، އެޗްޑީސީ އިން އަތުލައި އެތަނުގައި ހުރި އުޅަނދުތައް ވެރިފަރާތްތަކަށް ނާންގާ މަގުތަކަށް ނެރެ އެއްލާލުމުންކަން ހާމަވެއްޖެ އެވެ.

ފުލުހުން ބުނެފައިވަނީ ޑިސެންބަރު 6 ވަނަ ދުވަހު ފަށާފައިވާ ޓޯވ އޮޕަރޭޝަނުގައި 24 ގަޑިއިރުގެ ތެރޭގައި ޖުމްލަ 252 އުޅަނދެއް ވަނީ ޓޯވކޮށްފަ އެވެ. އަދި މި އުޅަނދުތައް މިހާރު ވަނީ ތިލަފުއްޓަށް ގެންގޮސްފައި ކަމަށެވެ. އަދި މިހުރިހާ އުޅަނދުތަކަކީ ވެސް ބާވެ، ގިނަ ދުވަސްތަކެއް ވަންދެން މަގުތަކުގައި ބޭނުންނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އަދި އެއްވެސް ގޮތަކަށް ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކެއް ކަމަށް ފުލުހުން ބުނެ އެވެ.

ނަމަވެސް ޓޯވ ކުރި އުޅަނދުތަކަކީ ފުލުހުން އެބުނާ އުޅަނދުތައްކަން އެކަނި ދެއްކުމުގެ ގޮތުން ފުލުހުން ސޯޝަލް މީޑިއާގައި ހިއްސާކުރީ ވެސް ގިނަ ދުވަސްވެ ބާވެފައި ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ބަދަލު ނުކޮށް ހުރި އުޅަނދުތަކުގެ ފޮޓޯ އެކަންޏެވެ.

މިކަމައި ގުޅިގެން ހެންވޭރު ރައްޔިތުންނާއި ބައްދަލުކުރުމަށް ރައީސް މުއިއްޒު ބޭއްވި ބައްދަލުވުމުގައި ޓެކްސީ ކުރާ ފަރާތެއް ވަނީ ކަންކަން ހިނގައިދިޔަ ގޮތް ސާފުކޮށްދީފަ އެވެ. އެގޮތުން ޓެކްސީ ނަފާ ލޯނުގެ ދަށުން ގެނައި ކާރުތައް، ހުޅުމާލޭގައި ޕާކިން އަށް ކަނޑައަޅާފައި ހުރި ސަރަހައްދެއްގައި ބަހައްޓާފައި ހުއްޓާ އެޗްޑީސީ އިން އެތަން ހުސްކުރަން އެންގި ކަމަށެވެ.

އަދި އެތަނުގައި ހުރި ކާރުތައް ނުނެގުމުން އެޗްޑީސީ އިން ފޯކް ލިފްޓުގައި ކާރުތައް ނަގާ ހުޅުމާލޭގެ މަގުތަކުގައި ބެހެއްޓި ކަމަށެވެ. އޭނާ ބުނީ އެގޮތަށް އެކަން ކޮށްފައި އޮއްވާ 4 ދުވަސް ފަހުން ފުލުހުން އިއުލާން ކުަރަނީ ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ހުރި ހުރިހާ ކާރެއް ނަގައިގެން ތިލަފުއްޓަށް ގެންދާނެ ކަމަށް އޭނާ ބުންޏެވެ.

ގަވާއިދާ އެއްގޮތަށް އެޗްޑީސީ އިން ދިން ބިމެއްގައި، ކާރުތައް ބަހައްޓާފައި ހުއްޓާ އެޗްޑީސީ މުވައްޒަފުން އެ ކާރުތައް ނަގައިގެން ގެންގޮސް މަގުމަތީގައި އަތުރާފައި، އަނެއް ދުވަހު ފުލުހުން އައިސް ކާރުތައް ނަގައިގެން ތިލަފުއްޓަށް. މިއީ އަޅުގަނޑު ގަބޫލެއް ނުކުރަން ޒިންމާދާރު ގޮތެއްގައި ކުރެވޭ ކަމެއް ކަމަކަށް. އަޅުގަނޑު ގަބޫލެއް ނުކުރަން މިއީ ރައީސް ބޭނުންވާނެ ކަމެއް ކަން ވެސް. އަޅުގަނޑު ގަބޫލުކުރަނީ މިކަމަށް މިހާރުން މިހާރަށް ހައްލެއް ގެނެސްދޭނެ ކަމަށް.

ޓެކްސީ ޑްރައިވަރެއް

ނަމަވެސް މިކަމާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެ ބައްދަލުވުމުގައި އިން ނަމަވެސް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. އަދި ބައްދަލުވުމުގައި ރައްޔިތުންގެ ޝަކުވާތަކަށް ފަހު ރައީސް އެ ޝަކުވާތަކާއި ގުޅިގެން ވާހަކަ ދެއްކެވި ނަމަވެސް ގިނަ އަދަދެއްގެ ބައެއްގެ އާންމު ދިރިއުޅުމުގައި ކޮންމެ ދުވަހަކު އާމްދަނީ ހޯދަން މަސައްކަތް ކުރާ އުޅަނދު ޓޯވ ކުރި މައްސަަލައިގައި ރައީސް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

ރާއްޖެއެމްވީ އަށް މަޢުލޫމާތު ދިން ވެހިކަލްގެ ވެރިޔަކު ބުނީ، ޓްރާންސްޕޯޓް މިނިސްޓްރީ އިން ފޭސް 2 އިން ދީފައިވާ ބިމުގައި ރަޖިސްޓްރީ ކުރެވެންދެން ޕާކުކުރެވޭނެ ކަމަށް ކުރިން ބުނެފައި އޮތް ނަމަވެސް މިހާރު އެ ބިމުން ވެސް ވެހިކަލްތައް ނަގާ ގޮތަށް ވަނީ ހަމަޖައްސާފައި ކަމަށެވެ. އޭނާ ބުނި ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީ އަށް ޤަވާޢިދާއި އެއްގޮތަށް ހުށަހެޅިޔަސް އެމީހުން ބުނާ މުއްދަތަކަށް ރަޖިސްޓަރީ ގެ ކަންކަން ފުރިހަމަ އެއް ނުކޮށްދެއެވެ. އެހެން ނަމަވެސް "ހަދިޔާ" ދީގެން އެކަން ކުރާ މީހުން ހަމަ ވަގުތުން ނިންމާލާ ކަމަށް ވެސް އޭނާ ބުންޏެވެ.

2024 ވަނަ އަހަރުގެ ފަހުކޮޅު އެޗްޑީސީ އިން ޕާކިންގ އިމާރާތްތަކުގެ މަސައްކަތް ފަށާނެ ކަމަށް ބުނި ނަމަވެސް މިހާތަނަށް އައި އިރު މިއިން އެއްވެސް މަސައްކަތެއް ފަށާފައި ނުވެ އެވެ.

- ކޮމެންޓް