ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1,830,000 މެންޗެސްޓަރ ސިނގިރޭޓް ސްޓިކްސް ނައްތާލައިފި އެވެ.
ކަސްޓަމްސް އިން ބުނީ މިތަކެއްޗަކީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމަންޓެއް ކަމަށެވެ. އެއީ ސ. ހިތަދޫ ކަސްޓަމްސް އިން ބަލައިފާސްކުރުމުގެ ތެރޭގައި އައްޑޫ ސިޓީ ހިތަދޫ ޕޯޓުން އަތުލައިގަނެފައިވާ ސިނގިރޭޓް ޝިޕްމަންޓެކެވެ. މި ސިނގިރޭޓްތައް ނައްތާލާފައިވަނީ 2025 ޑިސެންބަރު 7 ވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫ ޕޯޓް ލިމިޓަޑް ސަރަޙައްދުގަ އެވެ.
މި ތަކެއްޗަކީ، ޤާނޫނު ނަންބަރު 15/2010 (ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނު)ގެ 29 ވަނަ މާއްދާ އަދި ގަވާއިދު ނަންބަރު R21/2025 (ދުންފަތް ކޮންޓްރޯލްކުރުމާގުޅޭ ޢާއްމު ގަވާއިދު)ގެ 50،51 އަދި 54 ވަނަ މާއްދާ އާއި ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލެވިފައިވާ ތަކެއްޗެވެ.
އަދި މި މައްސަލަ މިހާރު ދަނީ ޤާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސް ޤާނޫނު)ގެ 97 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަސްޓަމްސުން އިތުރަށް ތަޙުޤީޤުކުރަމުންނެވެ.