ވޭޕް ކުރުމާއި އެތަކެތި ގެންގުޅުން މަނާކުރި ފަހުން 53،300 ތަކެތި ހިފަހައްޓާފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.
ބުރާސްފަތި ދުވަހު ކަސްޓަމްސް އިން ބުނީ 15 ނޮވެންބަރު 2024 އިން ފެށިގެން އިލެކްޓްރޯނިކް ސިނގިރެޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެ އަށް އެތެރެކުރުން މަނާވުމާއި ގުޅިގެން ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތައް ރާއްޖެ އަށް އެތެރެކުރަން އުޅުމުގެ 176 މައްސަލަ ހޯދާފައިވާ ކަމަށެވެ.
އެގޮތުން މި މައްސަލަތަކުން ވޭޕް ކުރުމަށް ބޭނުން ކުރާ 53،300 ތަކެތި ހިފަހައްޓާފައިވާ ކަމަށް އެސަރވިސްއިން ބުނެ އެވެ.
15 ނޮވެންބަރު 2024 އިން ފެށިގެން އިލެކްޓްރޯނިކް ސިނގިރެޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރުން މަނާވުމާއި ގުޅިގެން ކަސްޓަމްސުން ވަނީ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރަން އުޅުމުގެ 176 މައްސަލަ ހޯދާފައި. #Hafthaa104 pic.twitter.com/uX8DUOUZZg
— Maldives Customs Service (@CustomsMv) November 20, 2025
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހާއެކު ދޭތެރެ ދޭތެރެ އިން ކަސްޓަމްސް އިން ދަނީ ގަވައިދާ ހިލާފަށް ރާއްޖެ އަށް އެތެރެކުރާ ދުންފަތުގެ އެކިއެކި ބާވަތްތައް އަތުލައިގަންނަމުންނެވެ. ނަމަވެސް ދުންފަތުގެ ކަޅު ބާޒާރެއް އުފެދިފައިވާ ކަމަށާއި، ވަގަށް މިފަދަ ބާވަތްތައް އެތެރެ ކުރާ ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.
ވޭޕް ކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރު ކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކޮށްފި ނަމަ 50،000 ރުފިޔާ އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް އާލާތަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރާނެ އެވެ.
ދުންފަތް ބޭނުންކުރަން އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ ޖޫރިމަނާ ކުރާނީ 20،000 ރުފިޔާ އިންނެވެ. ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއްގެ އިތުރުން ހިލޭ ބަހައިފި ނަމަ 10،000 ރުފިޔާގެ ޖޫރިމަނާ ކުރާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އެފަދަ އެއްޗެއް ވިއްކީ ކުޑަކުއްޖަކަށް ނަމަ އެ މީހެއްގެ ޖޫރިމަނާ 50،000 ރުފިޔާ އަށް ބޮޑުވާނެ އެވެ.