Advertisement
ކ. މާލެ
|
9 ނޮވެންބަރ 2025 | އާދީއްތަ 11:52
މަހްމޫދު ރިޔާޒް - ކަސްޓަމްސްގެ ޑިޕިއުޓީ ކޮމިޝަނަރ
މަހްމޫދު ރިޔާޒް - ކަސްޓަމްސްގެ ޑިޕިއުޓީ ކޮމިޝަނަރ
ގޫގުލް
މަހްމޫދު ރިޔާޒް
މަޙްމޫދު ރިޔާޒްގެ ވަޒީފާ އަލުން އިއާދަކުރައްވާ، ރައީސް މުއިއްޒު އުނބަށް ޖައްސަވައިފި
މަހްމޫދު ރިޔާޒް ޑެޕިއުޓީ ކޮމިޝަނަރުގެ މަޤާމުން ވަކިކުރުމަށް ނިންމާފައި ވަނީ މިދިޔަ މަހުގެ 29ގަ
މަހްމޫދު ބުނެފައި ވަނީ 33 އަހަރުގެ ޚިދުމަތުގައި ދުވަހަކު ވެސް ގޯސް އަމަލެއްގައި ބައިވެރިވެވަޑައިގަންނަވާފައި ނުވާނެ ކަމަށް
މަޖިލީހުގެ 241 ކޮމިޓީ އިން ބުނެފައި ވަނީ އޭނާގެ މަޤާމް އިއާދަކުރުމަށް ލަފާ ދޭން ނިންމީ ފާއިތުވި ބުރާސްފަތި ދުވަހުގެ ރޭ ކަމަށް

ރާއްޖެ އަށް ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލައިގައި ބައިވެރިވި ކަމަށް ތުހުމަތުކޮށް މަޤާމުން ވަކިކޮށްފައިވާ، ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު މަޙްމޫދު ރިޔާޒްގެ ވަޒީފާ ރައީސުލްޖުމްހޫރިއްޔާ އަލުން އިއާދަކުރައްވައިފި އެވެ.

މިގޮތަށް ނިންމެވިކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ސްޕޯކްސް ޕާރސަން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ހީނާގެ ޕޯސްގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ކުރިއަށް ގެންދިޔަ ތަހުގީގަކާ ގުޅިގެން މަޤާމުން ވަކިކުރެއްވި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު މަޙްމޫދު ރިޔާޒްގެ މައްސަލަ، އެ ކޮމިޓީން އިތުރަށް ތަހުގީގު ކުރެއްވުމަށްފަހު އެ މައްސަލައިގައި މަޙްމޫދު ރިޔާޒްގެ ބައިވެރިވުމެއް ނެތްކަމަށް ނިންމަވައި، ވަޒީފާ އަލުން އިއާދަކޮށްދޭން ކޮމިޓީން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާފައިވާތީ، މަޙްމޫދު ރިޔާޒްގެ ވަޒީފާ ރައީސުލްޖުމްހޫރިއްޔާ އަލުން އިއާދަކުރައްވައިފި ކަަމަށެވެ.

މަޖިލީހުގެ 241 ކޮމިޓީ އިން ބުނެފައި ވަނީ އޭނާގެ މަޤާމް އިއާދަކުރުމަށް ލަފާ ދޭން ނިންމީ ފާއިތުވި ބުރާސްފަތި ދުވަހުގެ ރޭ އެ ކޮމިޓީ އިން ބާއްވާފައިވާ ބައްދަލުވުމުގައި ކަމަށެވެ. އެ ނިންމުން އާއްމު ކުރުމަށް ނިންމާފައި ވަނީ ހޮނިހިރު ދުވަހުގެ ރޭގެ 241 ކޮމިޓީގެ ބައްދަލުވުމުގަ އެވެ.

މީގެ ކުރިން އެ ކޮމިޓީ އިން ވަނީ ރިޔާޒް މަޤާމުން ވަކި ކުރުމަށް ލަފާ އަރުވާފަ އެވެ. އޭގެ ފަހުން އެ މައްސަލަ އަލުން ބަލާ ދިނުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ ހުށަހަޅުއްވާފަ އެވެ. ކުޑޫގެ ހުށަހެޅުއްވުމާއި ގުޅިގެން އަލުން އެ މައްސަލަ ވަނީ ބަލާފަ އެވެ.

މިމަައްސަލާގައި އޮކްޓޯބަރ މަހުގެ 29 ވަނަ ދުވަހު ރައީސް މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން (241 ކޮމިޓީ އިން) ދިރާސާކުރައްވާފައިވާ "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް" ގެ ތެޔޮ ބޯޓެއްގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް ދިވެހިރާއްޖެއަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލައާއި، ބޮންޑެޑް ވެއަރހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ނޭނގި ޤާނޫނާއި ގަވާއިދާ ޚިލާފަށް އެ ބޮންޑެޑް ވެއަރހައުސްއިން ނެރެފައިވާ މައްސަލައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުން އަޅުގަނޑަށް ފޮނުއްވި ސިޓީގައި ދެއްވާފައިވާ މަޢުލޫމާތާއި ލަފާއަށް ރިޢާޔަތްކޮށް، ޑެޕިޔުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް ގެ މަޤާމުގައި ތިއްބެވި 2 ބޭފުޅަކު ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އޮކްޓޯބަރ މަހުގެ 29 ވަނަ ދުވަހު ވަކިކޮށް، ކަސްޓަމްސް ގެ އިތުރު 3 މުވައްޒަފަކާއި ގުޅޭގޮތުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ޢަމަލުކުރައްވަމުންގެންދަވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން، ބައްލަވަންޖެހޭ ކަންކަން ބެއްލެވުމަށްފަހު ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން، އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް އަންގައިފިން" ކަމަށެވެ.

މަހުމޫދު އަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށް އޭނާ ބުނެފައި ވަނީ 33 އަހަރުގެ ޚިދުމަތުގައި ދުވަހަކު ވެސް ގޯސް އަމަލެއްގައި ބައިވެރިވެވަޑައިގަންނަވާފައި ނުވާނެ ކަމަށެވެ. އަދި އެއްވެސް ގޯސް އަމަލެއްގައި ބައިވެރި ވެސް ނުވާނެ ކަމަށް އޭނާ ހުވާކުރެއްވި އެވެ. އޭނާ މިފަދައިން ވިދާޅުވީ ކަސްޓަމްސްގެ ގްރޫޕްގައި އޭނާ ހިއްސާކުރައްވާފައިވާ މެސެޖެއްގަ އެވެ.

- ކޮމެންޓް