ރާއްޖެ އަށް ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލައިގައި ބައިވެރިވި ކަމަށް ތުހުމަތުކޮށް މަޤާމުން ވަކިކޮށްފައި ވާ މަހްމޫދު ރިޔާޒުގެ މަގާމު އިޔާދަ ކުރުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމައިފި އެވެ.
މި މައްސަލަ އާއި ގުޅިގެން މަހްމޫދު ރިޔާޒް ޑެޕިއުޓީ ކޮމިޝަނަރުގެ މަޤާމުން ވަކިކުރުމަށް ނިންމާފައި ވަނީ މިދިޔަ މަހުގެ 29ގަ އެވެ.
މަޖިލީހުގެ 241 ކޮމިޓީ އިން ބުނެފައި ވަނީ އޭނާގެ މަޤާމް އިއާދަކުރުމަށް ލަފާ ދޭން ނިންމީ ފާއިތުވި ބުރާސްފަތި ދުވަހުގެ ރޭ އެ ކޮމިޓީ އިން ބާއްވާފައިވާ ބައްދަލުވުމުގައި ކަމަށެވެ. އެ ނިންމުން އާއްމު ކުރުމަށް ނިންމާފައި ވަނީ ހޮނިހިރު ދުވަހުގެ ރޭގެ 241 ކޮމިޓީގެ ބައްދަލުވުމުގަ އެވެ.
މީގެ ކުރިން އެ ކޮމިޓީ އިން ވަނީ ރިޔާޒް މަޤާމުން ވަކި ކުރުމަށް ލަފާ އަރުވާފަ އެވެ. އޭގެ ފަހުން އެ މައްސަލަ އަލުން ބަލާ ދިނުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ ހުށަހަޅުއްވާފަ އެވެ. ކުޑޫގެ ހުށަހެޅުއްވުމާއި ގުޅިގެން އަލުން އެ މައްސަލަ ވަނީ ބަލާފަ އެވެ.
މަހުމޫދު އަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށް އޭނާ ބުނެފައި ވަނީ 33 އަހަރުގެ ޚިދުމަތުގައި ދުވަހަކު ވެސް ގޯސް އަމަލެއްގައި ބައިވެރިވެވަޑައިގަންނަވާފައި ނުވާނެ ކަމަށެވެ. އަދި އެއްވެސް ގޯސް އަމަލެއްގައި ބައިވެރި ވެސް ނުވާނެ ކަމަށް އޭނާ ހުވާކުރެއްވި އެވެ. އޭނާ މިފަދައިން ވިދާޅުވީ ކަސްޓަމްސްގެ ގްރޫޕްގައި އޭނާ ހިއްސާކުރައްވާފައިވާ މެސެޖެއްގަ އެވެ.