އަތޮޅު ކައުންސިލްތައް އުވާލައި ދެން އޮންނަ ކައުންސިލް އިންތިހާބުން ފެށިގެން އަތޮޅު ކައުންސިލަރުން އިންތިޚާބު ކުރަން ނުޖެހޭ ގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީ އަށް ހުށަހެޅި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ، 27 ނޮވެންބަރު 2025 ވީ ބުރާސްފަތި ދުވަހު ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 26 ވަނަ ޖަލްސާގަ އެވެ. ސަރުކާރުން ހުށަހެޅި އިސްލާހު ފާސް ކޮށްފައިވަނީ 75 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އަތޮޅު ކައުންސިލް އުވާލަން ނުފެންނަ ކަމަށް 12 މެންބަރުން ވޯޓު ދެއްވި އެވެ.
މި އިޞްލާޙާއެކު، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ފަހު އަތޮޅު ކައުންސިލުތައް އުވިގެންދާނެ އެވެ. ދިވެހިރާއްޖޭގެ 21 އިދާރީ ދާއިރާގެ ތެރެއިން ސިޓީ ކައުންސިލްގެ ޝަރުޠު ހަމަވާ އިދާރީ ދާއިރާތައް ފިޔަވައި، އެހެން ކޮންމެ އިދާރީ ދާއިރާއެއްގައި ހިމެނޭ މީހުން ދިރިއުޅޭ ކޮންމެ ރަށެއް ހިންގާނީ ރަށު ކައުންސިލް ތަކުންނެވެ. އަދި ރަށު ކައުންސިލް ތަކުން ޖަވާބުދާރީ ވާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އަށާއި އެ ކައުންސިލެއް ހިމެނޭ ރަށެއްގެ ރައްޔިތުންނަށެވެ.
މީގެ އިތުރުން، ކައުންސިލްތައް އެކުލެވިގެންވާ ގޮތްވެސް ވަނީ އިޞްލާޙުކޮށްފަ އެވެ. އެގޮތުން، 2000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބުކުރާނީ 3 މެންބަރުން (އަންހެން 1 މެންބަރު) އަދި 2000 އަށްވުރެ ބޮޑު އަބާދީ އެއް ހިމެނޭ ކޮންމެ ރަށު ކައުންސިލަކަށް އިންތިޚާބު ކުރާނީ 5 މެންބަރުން (އަންހެން 2 މެންބަރުން) ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
މާލެ ސިޓީ ކައުންސިލް އެކުލެވިގެންވަނީ، ކައުންސިލްގެ މޭޔަރުގެ އިތުރުން، މާލެއަށް ކަނޑައަޅާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދާ އެއް ޢަދަދެއްގެ މެންބަރުންގެ މައްޗަށެވެ. ފުވައްމުލަކު ސިޓީ ކައުންސިލު އެކުލެވިގެންވަނީ ކައުންސިލްގެ މޭޔަރުގެ އިތުރުން، ކޮންމެ އަވަށަކަށް (ޖުމުލަ 8 އަވަށް) 1 ގޮނޑީގެ ނިސްބަތުން އިންތިޚާބު ކުރެވޭ މެންބަރުންގެ މައްޗަށެވެ.
މީގެ އިތުރުން، ސިޓީ ކައުންސިލްގެ އިންތިޚާބު ތަކުގައި އަންހެން މެންބަރުން އިންތިޚާބު ކުރާނެ ދާއިރާތައް ކަނޑައަޅާނީ، އެ ސިޓީއެއްގައި ހިމެނޭ ހުރިހާ ދާއިރާއެއް ހަމަހަމަ ވާނެ އުޞޫލަކުން ދައުރުވަމުންދާ ގޮތަށް، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އުޞޫލުގެ ދަށުން ކަމަށް މި އިޞްލާޙުގައިވެ އެވެ.
މި އިޞްލާޙާއެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އެކުލެވިގެންވާ ގޮތަށްވެސް ވަނީ ބަދަލުތަކެއް ގެނެވިފަ އެވެ. އެގޮތުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސަކީ ރައްޔިތުން އިންތިޚާބުކުރާ ފަރާތެއްކަމަށާއި، އަދި އަންހެނުންގެ ކޮމިޓީގެ ރައީސަކީ، ފުލްޓައިމް މެންބަރެއްކަމުގައި ވަނީ ކަނޑައަޅާފަ އެވެ. މީގެ އިތުރުން، އެލްޖީއޭ ބޯޑުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރާ އެއް މެންބަރު ހިމެނުމަށްވެސް ވަނީ ކަނޑައަޅުއްވާފައެވެ.
މި އިޞްލާޙާއެކު ކައުންސިލްގެ މެންބަރުން މަޤާމުން ވަކިވާ ގޮތްތަކުގެ ތެރޭގައި، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ކައުންސިލަށް އިންތިޚާބުވުމަށްފަހު، އެ އިންތިޚާބުވި ދައުރުގެ ތެރޭގައި، އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި އެކަން އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުވުން ނުވަތަ، އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުވުން ނުވަތަ، އަމިއްލަ ގޮތުން ކައުންސިލަށް އިންތިޚާބުވުމަށްފަހު، އެ އިންތިޚާބުވި ދައުރުގެ ތެރޭގައި، އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުވުން ވަނީ ހިމަނުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ.