Advertisement
ކ. މާލެ
|
1 ޑިސެންބަރ 2025 | ހޯމަ 13:07
ކްރިމިނަލް ކޯޓުގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް
ކްރިމިނަލް ކޯޓުގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް
މިހާރު
ރައްޔިތުންގެ މަޖިލިސް
ބަންދުގެ މުއްދަތު ޖެހުމުގައި ކޯޓުތަކުން ތަފާތުކުރުން ގެންގުޅޭތީ މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފި
އެ ގަރާރު ބޭރުކޮށްލީ 56 މެންބަރުންގެ ވޯޓުން
ބޮޑެތި ޖިނާއީ ކުށްތަކުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންނަށް ކުރު މުއްދަތެއް އަދި ކުދި ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނަށް ދިގު މުއްދަތު ޖަހަމުން ދާކަމަށް ގަރާރު ހުށަހެޅުއްވި މެމްބަރު ފާހަގަ ކުރެއްވި

ކޯޓުތަކުން މީހުންގެ ހައްގުތަކަށް ރައްކާތެރިވުމުގެ ބަދަލުގައި ފަރުދުންގެ މެދުގައި ގަސްތުގައި ތަފާތު ކުރަމުންދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ރައީސް މުއިއްޒުގެ ޕީއެންސީ ގެ އަޣުލަބިއްޔަތު ބޭނުން ކޮށްގެން މަޖިލީހުން ބޭރު ކޮށްލައިފި އެވެ.

ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި މި ގަރާރު ބޭރު ކޮށްލާފައިވަނީ 56 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ގަރާރު ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.

މީކާއިލް ހުށަހެޅުއްވި ގަރާރުގައި ބުނީ ރާއްޖޭގެ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގައި ހިމެނޭ އެންމެ މުހިއްމު މުއައްސަސާތައް ކަމުގައިވާ ކޯޓުތަކުން ރައްޔިތުންގެ ހައްގުތަކަށް ރައްކާތެރިވުމުގެ ބަދަލުގައި ފަރުދުންގެ މެދުގައި ގަސްތުގައި ތަފާތު ކުރަމުންދާ ކަމަށެވެ. އަދި ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި ކަނޑައެޅިގެން ތަފާތުކޮށް އަމަލުކުރަމުންދާ ކަން ނުހަނު ބޮޑަށް ފާހަގަވާން ފަށާފައިވާ ކަމަށް ވެސް އެ ގަރާރުގައި ވެއެވެ.

އެގޮތުން މިއަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭގައި، މާލޭގެ އިމާރާތެއްގެ ފުރާޅުމައްޗަށް ޒުވާން އަންހެން ކުއްޖަކު ޒަޚަމްތަކަކާއެކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައި ހައްޔަރުކުރި މީހުންގެ ބަންދަށް އެންމެ ތިން ދުވަސް ދިން ކަން ފާހަގަކޮށްފައި ވެއެވެ.

އޭގެ އިތުރުން އެ ގަރާރުގައި ބުނީ އެމްޑީޕީ އިން އިސްނަގައިގެން އޮކްޓޫބަރު ތިން ވަނަ ދުވަހު ނުހަނު ގިނަ އަދަދެއްގެ ރައްޔިތުންނާއެކު މާލޭގައި ބޭއްވި ސުލްހަވެރި އެއްވުމުގެ ތެރެއިން ފުލުހުން ހާލަތާ ނުބައްދަލު ބޭނުންކޮށް އެތައް ބަޔަކު ހައްޔަރުކޮށްގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެމީހުން 15 ދުވަހު ބަންދުގައި ބޭތިއްބުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.

މީކާއިލް ވިދާޅުވީ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަދެ ބޭންކް އޮފް މޯލްޑިވްސް ގެ މުވައްޒަފުންގެ އަތުން ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރުނު މައްސަލައިގައި ހައްޔަރު ކުރި ހަތަރު މީހުން އެންމެ ފަސް ދުވަހަށް ބަންދުކުރަން އަމުރު ކުރިއިރު ހަމަ އެ ދުވަހު މާލޭގެ ކެފޭއަކުން ކެއުމަށްފަހު ބިލަށް ފައިސާ ނުދައްކާ ފިލަން އުޅުނުކަމަށް ބުނެ ފުލުހުން ހައްޔަރު ކުރި މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ އެކަންކުރީ ކުށެއް ކުރުމުގެ ގަސްތުގައި ނޫން ކަމާއި، ބަނޑުހައިވެގެން ކަމަށް ކޯޓުގައި ބުނުމުން ވެސް އޭނާ 10 ދުވަހަށް ބަންދު ކުރަން އަމުރު ކޮށްފައިވާ ކަމަށެވެ.

މެންބަރު ވިދާޅުވީ ބޮޑެތި ޖިނާއީ ކުށްތަކުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންނަށް ކުރު މުއްދަތެއް އަދި ކުދިކުދި ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނަށް ދިގު މުއްދަތު ޖަހަމުން ދާ ކަމަށެވެ. އަދި ހަމަހަމަ ކަމާއި އިންސާފުން އެއްކިބާވެ ރާއްޖޭގެ އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުން ރައްޔިތުންގެ މެދުގައި ތަފާތު ކުރުން ގެންގުޅުމަކީ ރައްޔިތުންނަށް އިންސާފު ލިބުމަށް ނިޒާމީ ގޮތެއްގައި ހުރަސްއެޅިގެން ދާނެ ކަމެއް ކަމަށް ވެސް ގަރާރުގައި ބުނެފައި ވެއެވެ.

- ކޮމެންޓް