Advertisement
ކ. މާލެ
|
28 ނޮވެންބަރ 2025 | ހުކުރު 13:34
ކަރެކްޝަންސް އޮފިސަރުން
ކަރެކްޝަންސް އޮފިސަރުން
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ހައުސިންގ މިނިސްޓްރީ
ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި
ހޯމް މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް ކަރެކްޝަންސްގެ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތައް އެއް ހަމަކުރުމުގެ ދަށުން ބޮޑު މުސާރަ ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް
ކުރީ ސަރުކާރުން ނިންމި 1000 ފްލެޓުގެ ތެރެއިން ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް ބައެއް ފްލެޓްތައް ޚާއްސަކުރުމަށް ނިންމި ނަމަވެސް އެފްލެޓްތައް ނުލިބުމުން އޮފިސަރުން ކަންބޮޑުވެފައިވޭ
ކަންބޮޑުވުންތައް ސަރުކާރުން ނޭހުމުން އޮފިސަރުން ގެ މެދުގައި ވަރަށް ބޮޑު ނުތަނަވަސްކަމެއް، ކަމާއި ގުޅުން ހުރި ފަރާތްތަކާއި މެދުގައި އޮތްކަން މި ނޫހަށް މައުލޫމާތު ދިން ފަރާތްތަކުން ވަނީ ފާހަގަކޮށްފަ

ޕްރިޒަންސް އޮފިސަރުން ގެ ކަންބޮޑުވުންތައް ސަރުކާރުން އަޑު ނާހާތީ އެކަން މީޑީއާ އަށް ތިލަވެ، ސަރުކާރަށް ޕްރެޝަރ ބޮޑުވެފައި ވަނިކޮށް ހޯމް މިނިސްޓަރ އަލީ އިހުސާން އެ އޮފިސަރުންނާއި ބައްދަލުކުރައްވާ ގިނަ ވައުދުތަކެއް ވެވަޑައިގަންނަވައިފި އެވެ.

ރާއްޖެ އެމްވީ އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދީފައިވާ ގޮތުގައި ހޯމް މިނިސްޓަރ ޕްރިޒަންސް އޮފިސަރުންނާއި ބައްދަލުކުރީ ނިމިދިޔަ ހަފްތާ ގެ ތެރޭގަ އެވެ. ނިމިދިޔަ ހަފްތާ ގެ ހޯމަ ދުވަހު ޕްރިޒަންސް އޮފިސަރުންނާއި ބައްދަލުކުރާނެ ކަމަށް އެންމެ ފުރަތަމަ ވަޒީރު ވިދާޅުވި ނަމަވެސް އެ ދުވަހު ވަޒީރު އެ އޮފިސަރުންނާއި ބައްދަލެއް ނުކުރައްވަ އެވެ.

ނަމަވެސް ފަހުން މި ނިމުނު ހަފްތާގައި ބޭއްވި ބައްދަލުވުމުގައި ގިނަ ކަންތައްތަކެއް ސަރުކާރުން އެ އޮފިސަރުންނަށް ކޮށްދޭނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން އިމާރާތްކުރުމަށް ނިންމި 1000 ފްލެޓު ގެ ތެރެއިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ގެ މުވައްޒަފުންނަށް100 ހައުސިން ޔުނިޓު ހިމެނުމަށް ކުރީ ގެ ސަރުކާރުން ވަނީ ނިންމާފަ އެވެ. މިކަމާއި މެދު ހޯމް މިނިސްޓްރީން މައުލޫމާތު ހޯދުމަށް ސިޓީ އެއް ފޮނުވާފައި ވާނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވަނީ ބައެއް މުވައްޒަފުން ގާތުގައި ވިދާޅުވެފަ އެވެ. ނަމަވެސް އެތަންތަން ނުނިމޭތީ އެތަންތަނުން ބޯހިޔާވަހިކަން ލިބޭނެކަން ނުވަތަ ނޫންކަން ކަށަވަރު ނުވާތީ އެ ފްލެޓް ލިބޭނެކަން ނުވަތަ ނޫންކަން ސާފު ނުވާ ކަމަށް ސީޕީ ވިދާޅުވެފައިވެ އެވެ.

ހޯމް މިނިސްޓަރ ވަނީ ނިމިދިޔަ ހަފްތާ ނޫން އޭގެ ކުރީ ހަފްތާގައި ވެސް ކަރެކްޝަންސް އޮފިސަރުންނާއި ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ވަރަށް އިޚުތިރާމް ކުޑަ ވާގޮތަށް އޮފިސަރުންނާއި އިހުސާން ވާހަކަދައްކަވާފައިވާ ކަަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފަ އެވެ. ފްލެޓް ގެ މައްސަލައިގައި އަޑު އުފުލަން މީޑިއާ އަށް މައުލޫމާތި ދިނުމަކީ އަޚުލާގު ދަށްވުން ކަމަށް ސިފަކުރައްވާ އެކަމާއި މެދު ފިޔަވަޅު އަޅާނެ ކަމަށް އިހުސާން ވަނީ އިންޒާރު ދެއްވާފަ އެވެ.

މި ހަފްތާގައި ބޭއްވި ބައްދަލުވުމަކީ މީގެ ކުރީ ގެ ބައްދަލުވުމުގައި އޮފިސަރުން ހުށަހެޅި ބައެއް ކަންބޮޑުވުންތަކު ގެ ސަބަބުން ސަރުކާރަށް ވަރަށް ޕްރެޝަރ ބޮޑުވެފައިވާ ދަނޑިވަޅެއްގައި ބޭއްވި ބައްދަލުވުމެކެވެ.

އޮފިސަރުންނާއި ބައްދަލުކުރައްވާ އިހުސާން ވިދާޅުވީ އަންނަ އަހަރު ގެ ފެބްރުއަރީ ގެ ނިޔަލަށް ކަރެކްޝަންސް ގެ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތައް އެއް ހަމަ ކުރުމު ގެ ސިޔާސަތު ގެ ދަށުން ބޮޑު މުސާރަ ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. އަދި މެޑިކަލް ސްކީމަށް ބަދަލު ގެނެސް މައިންބަފައިންނާއި އާއިލާގެ އިތުރު ބައެއް ފަރާތްތަކަށް މެޑިކަލް ސްކީމް ގެ ދަށުން ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސާ ދޭނެ ކަަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ފްލެޓް ގެ މައްސަލަ ވެސް ހައްލުކޮށްދެއްވާނެ ކަަމަށާއި އިތުރު ބައެއް ކަންކަން ވެސް އޮފިސަރުން އެދޭ ގޮތަށް ލުއިފަސޭހަ ކޮށްދެއްވާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

ނިމިދިޔަ ވެރިކަމުގައި އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން އިމާރާތްކުރުމަށް ނިންމި 1000 ފްލެޓު ގެ ތެރެއިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ގެ މުވައްޒަފުންނަށް ބައެއް ފްލެޓްތައް ޚާއްސަ ކުރުމަށް އެ ސަރުކާރުން ނިންމި އެވެ. އެ ފްލެޓްތައް ނުލިބުނު ތަނުގައި މި ސަރުކާރުން އިއުލާނު ކުރި ބޯހިޔާވަހިކަމު ގެ ސްކީމު ގެ ދަށުން ވެސް ފްލެޓު ލިބެން ނެތުމުން އެ އޮފިސަރުން ވަނީ ކަންބޮޑުވުންތައް ކަމާއި ގުޅުން ހުރި ފަރާތްތަކާއި ހިއްސާކޮށްފަ އެވެ. ކަންބޮޑުވުންތަކަށް ހައްލެއް ނުލިބުމުން ބައެއް އޮފިސަރުން ވަނީ އެ ކަންބޮޑުވުންތައް މީޑީއާތަކާއި ހިއްސާކޮށްފަ އެވެ.

އެ ކަންބޮޑުވުންތައް ސަރުކާރުން ނޭހުމުން އޮފިސަރުން ގެ މެދުގައި ވަރަށް ބޮޑު ނުތަނަވަސްކަމެއް ކަމާއި ގުޅުން ހުރި ފަރާތްތަކާއި މެދުގައި އޮތްކަން މި ނޫހަށް މައުލޫމާތު ދިން ފަރާތްތަކުން ވަނީ ފާހަގަކޮށްފަ އެވެ.

- ކޮމެންޓް