Advertisement
ކ. މާލެ
|
25 ނޮވެންބަރ 2025 | އަންގާރަ 18:55
ހޯމް މިނިސްޓަރު އަލީ އިހުސާން
ހޯމް މިނިސްޓަރު އަލީ އިހުސާން
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ޖަލު މުވައްޒަފުން
ފްލެޓްތައް ނުލިބިގެން ޕްރިޒަންސް އޮފިސަރުން ކަންބޮޑުވުން ފާޅުކުރުމުން، އިހުސާނުގެ ރުޅިގަނޑު ފަޅައިގެން ގޮސް އިންޒާރު ދީފި
ނިމިދިޔަ ސަރުކާރުން ކަނޑައެޅި ގޮތަށް އެޕޯލޯގެ 1000 ފްލެޓުގެ ތެރެއިން ޕްރިޒަންސް އޮފިސަރުންނަށް 100 ޔުނިޓު ކަނޑައެޅި ނަމަވެސް އެ ފްލެޓްތައް ނުލިބި ކަންބޮޑުވުން މީޑިއާއާ ހިއްސާކުރި
މިނިސްޓަރ އަލީ އިހުސާން ކޯފާ އިސްކުރައްވާ ކަމެއްވާ އިރަށް މީޑިއާއަށް ދިނުމަކީ ކުށްވެރިވާ ކަމެއް ގެ ގޮތަށް ސިފަކޮށް އޮފިސަރުންނާ ވާހަކަ ދެއްކެވި

ނިމިދިޔަ ސަރުކާރުން ކަނޑައެޅި ގޮތަށް ޕްރިޒަންސް އޮފިސަރުންނަށް ފްލެޓްތައް ނުލިބިގެން އެ އޮފިސަރުން ކަންބޮޑުވުން ފާޅުކުރުމުން، ހޯމް މިނިސްޓަރ އަލީ އިހުސާނު ގެ ރުޅިގަނޑު ފަޅައިގެން ގޮސް އޮފިސަރުންނަށް އިންޒާރު ދީފި އެވެ.

ނިމިދިޔަ ވެރިކަމުގައި އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން އިމާރާތްކުރުމަށް ނިންމި 1000 ފްލެޓު ގެ ތެރެއިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ގެ މުވައްޒަފުންނަށް ބައެއް ފްލެޓްތައް ޚާއްސަ ކުރުމަށް އެ ސަރުކާރުން ނިންމި އެވެ. އެ ފްލެޓްތައް ނުލިބުނު ތަނުގައި މި ސަރުކާރުން އިއުލާނު ކުރި ބޯހިޔާވަހިކަމު ގެ ސްކީމު ގެ ދަށުން ވެސް ފްލެޓު ލިބެން ނެތުމުން އެ އޮފިސަރުން ވަނީ ކަންބޮޑުވުންތައް ކަމާއި ގުޅުން ހުރި ފަރާތްތަކާއި ހިއްސާކޮށްފަ އެވެ. ކަންބޮޑުވުންތަކަށް ހައްލެއް ނުލިބުމުން ބައެއް އޮފިސަރުން ވަނީ އެ ކަންބޮޑުވުންތައް މީޑީއާތަކާއި ހިއްސާކޮށްފަ އެވެ.

އެ ކަންބޮޑުވުންތަކު ގެ މައުލޫމާތު މީޑީއާ އަށް ބޮޑަށް ތިލަވީ މި ހިނގާ ނޮވެމްބަރު މަހު ގެ 18 ވަނަ ދުވަހު އެވެ. އެއާއި އެކު ސަރުކާރު ވަރަށް ބޮޑަށް ޕްރެޝަރ އަށް ވެއްޓުނެވެ. ޕްރިޒަންސް އޮފިސަރުން ގެ ކަންބޮޑުވުންތައް ހިއްސާކުރުމުން އެކަމާއި މެދު ރުޅިގަދަވެ މިނިސްޓަރ އިހުސާން ވަނީ އޮފިސަރުންނާ ބައްދަލުކޮށްފަ އެވެ.

އިތުބާރު ހުރި މަސްދަރަކުން ރާއްޖެ އެމްވީ އަށް ކިޔާދިން ގޮތުގައި އިހުސާން ޕްރިޒަންސް އޮފިސަރުންނާއި ބައްދަލުކުރީ ނިމިދިޔަ ހަފްތާ ގެ ތެރޭގަ އެވެ. މި ނޫހަށް އެނގިފައިވާ ގޮތުގައި ފަސްޓް ކްލާހުން މަތީ ގެ ހުރިހާ ޕްރިޒަންސް އޮފިސަރުންނަށް މި ބައްދަލުވުމަށް ކިޔާފައި ވެ އެވެ.

ވަރަށް ކޯފާ އިސްކުރައްވާ އިހުސާން ވިދާޅުވީ، ކަމެއް ވާ އިރަށް މީޑިއާތަކަށް މައުލޫމާތު ދޭން ނުޖެހޭ ކަމަށެވެ. އެ ބައްދަލުވުމުގައި ކަންބޮޑުވުން ފާޅުކޮށް ވާހަކަދެއްކުމަކީ ކުށްވެރިވާ ކަމެއް ކަމަށް ސިފަކުރައްވާ އިހުސާން ވާހަކަދެއްކެވި އެވެ. އިހުސާން ވަނީ މިފަދަ ކަންކަން ހިނގާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެ އޮފިސަރުންނަށް އިންޒާރު ދީފައި ކަމަށް ވެސް މި ނޫހާ ވާހަކަދެއްކި މީހާ ވަނީ ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ބުނެފަ އެވެ. އެނގިފައިވާ ގޮތުގައި މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު އާއި ކޮމިޝަނަރ ގެ އިތުރުން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީ ވެސް ބައިވެރިވެވަޑައިގަތެވެ.

"ތިއީ ޔުނިފޯރމް އެޅި ބޮޑީ އެކޭ ބުނި. އެއަށް ވުރެ ޑިސިޕްލިން ވާން ޖެހޭނެ ކަމަށް ބުނި. ވަރަށް ބޮޑަށް ބަވާގޮތަށް ވާހަކަ ދެއްކީ. ކޮމިޝަނަރާއި، ޑީސީޕީ ވެސް ތިބި. އެއްވެސް ވާހަކަ އެއް ދިފާއުގައި ދައްކާފައިވޭ." އޭނާ ވަނީ ބުނެފަ އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި މިނިސްޓަރ އިހުސާން ކޯފާ އިސްކުރައްވާ ޕްރިޒަންސް އޮފިސަރުންނާއި ބައްދަލުކޮށް ދެއްކެވި ވާހަކަތަކަށް ފަހު ބައްދަލުވުން ބޭއްވި ތަން ދޫކުރައްވާ އަވަސް އަވަހަށް ވަޑައިގަންނަވަން މަސައްކަތް ކުރުމުން ޕްރިޒަންސް އޮފިސަރުން ގެ ތެރެއިން އިސް ބައެއް މީހުން ވަނީ އެކަމާއި މެދު ނުރުހުން ފާޅުކޮށްފަ އެވެ.

"ޝަކުވާ އަޑު އަހަން ބޭނުން ނުވާ ނަމަ ނައުމަށް އެ އޮފިސަރުން އެދުނީ. އެ ޝަކުވާ އަޑު އަހަން ވަގުތު ހޯދައިގެން އައުމަށް ވެސް އެދިފައިވޭ. ތަންކޮޅެއް ސީނިއާ މީހަކު އަޑު ނާހާތީ ކަންބޮޑުވުން ފާޅުކުރި." މި ނޫހަށް މައުލޫމާތު ދިން މީހާ ކިޔާދިނެވެ.

މި ގޮތަށް ނުރުހުން ފާޅުކޮށް ބައެއް މުވައްޒަފުން ވާހަކަދެއްކުމުން އޮފިސަރުން ގެ ކަންބޮޑުވުންތައް މިނިސްޓަރ އިހުސާން ވަނީ އައްސަވާފަ އެވެ. އަދި މި ހަފްތާ ގެ ހޯމަ ދުވަހު އެ ޝަކުވާތަކަށް ޖަވާބު ދެއްވާނެ ކަމަށާއި ބައްދަލުކުރާނެ ކަމަށް ވިދާޅުވި ނަމަވެސް އިޖާބަ ދީފަ އެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި ޕްރިޒަންސް އޮފިސަރުން މީޑިއާތަކަށް މައުލޫމާތު ދީފައި ވަނީ ކަންބޮޑުވުންތައް ކޮމިޝަނަރު ހުންނަ ގްރޫޕެއްގައި ހިއްސާކުރުމުން ވެސް ކުރިއެރުމެއް ނުލިބުމުންނެވެ. އެޕޯލޯއިން އިމާރާތްކުރާ ޓަވަރުތަކުގައި ކަރެކްޝަނަލް ސާވިސް ގެ މުވައްޒަފުންނަށް 100 ހައުސިން ޔުނިޓު ހިމެނުމަށް ކުރީ ގެ ސަރުކާރުން ވަނީ ނިންމާފަ އެވެ.

މިކަމާއި މެދު ހޯމް މިނިސްޓްރީން މައުލޫމާތު ހޯދުމަށް ސިޓީ އެއް ފޮނުވާފައި ވާނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވަނީ ބައެއް މުވައްޒަފުން ގާތުގައި ވިދާޅުވެފަ އެވެ. ނަމަވެސް އެތަންތަން ނުނިމޭތީ އެތަންތަނުން ބޯހިޔާވަހިކަން ލިބޭނެކަން ނުވަތަ ނޫންކަން ކަށަވަރު ނުވާތީ އެ ފްލެޓް ލިބޭނެކަން ނުވަތަ ނޫންކަން ސާފު ނުވާ ކަމަށް ސީޕީ ވިދާޅުވެފައިވާ ކަމަށް މުވައްޒަފުން ދަނީ ބުނަމުންނެވެ.

- ކޮމެންޓް