އެއްގަމު ދަތުރުފަތުރުގެ ބިލުގައި ލައިސަންސް ބާތިލް ކުރެވޭ ގޮތަށް ހިމަނާފައިވާ ކަންކަމުގައި ބޮޑު ކަންބޮޑުވުންތަކެއް އެބަ ހުރި ކަމަށާއި އެހެން ޤާނޫނަކާއި ޚިލާފު ވެގެން ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް ކަމަށް އެމްޑީޕީ ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.
އިހަކަށް ދުވަހު ޓެކްސީ ޑްރައިވަރުން ކުރި ހަޅުތާލަކީ އެއްވެ އުޅުމުގެ ހައްގުގެ ބޭނުން ކޮށްގެން ކުރި ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ލައިސަންސް ބާތިލް ކުރެވޭ ނަމަ އެއީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ނާޒިލް ވިދާޅުވި އެވެ. އެހެނިހެން ޤާނޫނުތަކަށް އަމަލު ނުކުރުމުން ލައިސަންސް ބާތިލްކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ނާޒިލް ވިދާޅުވި އެވެ. އެ ބިލަށް އިސްލާހު ގެނައުމަށް ކޮމިޓީ މަރުހަލާގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ނާޒިލް ވިދާޅުވި އެވެ.
"މިއަދު ލައިސެންސް ލިބުމާއި އެކު މާދަމާ ޓެކްސީ ޑްރައިވަރަކަށް ވުން އެބަ ޖެހޭ ބަދަލުކުރަން. އެ ނިޔަތުގައި މަސައްކަތް ކުރާ ނަމަ އެއީ ރަނގަޅު ކަމެއް ނޫން. އެބަ ހުރި އިސްލާހު ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން. " ނާޒިލް ވިދާޅުވި އެވެ.
ސަރުކާރުން ބުނި ގޮތުގައި މި ޤާނޫނު އެކުލަވާލާފައި ވަނީ ބައިނަލްއަގުވާމީ މިންގަނޑަށް ފެތޭގޮތަށް އިތުރު ހަމަތަކެއް ހިމެނޭގޮތަށެވެ. ކުރެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު ޝާމިން ހަބީބު ހުށަހަޅުއްވާފައިވާ އެ ބިލު މަޖިލީހަށް ބަލައިގަނެފައި ވަނީ ބުރާސްފަތި ދުވަހު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލުގައި ބޭރު ގައުމުތަކުގައި އުޅަނދު ދުއްވުމުގެ ހުއްދަ ދިނުމުގެ ބާރު ޓްރާންސްޕޯޓު މިނިސްޓްރީއަށް ދިނުމަށް ވަނީ ހުށަހަޅާފަ އެވެ. އެ ބިލުގައި އިތުރަށް ބުނެފައި ވަނީ ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވުމަށް ބޭނުންވާ ލައިސެންސް ނެގުމަށް ފަހު، އިންޓަނޭޝަނަލް ޑްރައިވިން ޕާމިޓެއް ހޯދައިގެން ދިވެހި ލައިސެންސް އޮންނަ ނަމަ ބޭރުގެ ގައުމުތަކުގައި އެއްގަމު އުޅަނދު ދުއްވޭނެ މަގު ފަހިވާނެ ކަމަށެވެ.