Advertisement
ކ. މާލެ
|
7 ނޮވެންބަރ 2025 | ހުކުރު 19:11
ބަންޑުން ޖަހާލި ކޮޅުވެއްޓި ކައިރީގައި ބާޖެއް ހަރަކާތްތެރިވަނީ
ބަންޑުން ޖަހާލި ކޮޅުވެއްޓި ކައިރީގައި ބާޖެއް ހަރަކާތްތެރިވަނީ
ޙުސައިން މަޚްތޫމް
ޓްރާންސްޕޯޓް މިނިސްޓްރީ
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ
ކޮޅުވެއްޓި، ޓަގް ބޯޓު އަދި ބާޖުފަހަރު އޮޕަރޭޓް ކުރުމުގައި ގަވާއިދުތަކާ އެއްގޮތަށް އަމަލު ނުކުރުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތަކެއް ހިނގާފައިވޭ

ކޮޅުވެއްޓި އާ ޓަގް ބޯޓު އަދި ބާޖުފަހަރު އޮޕަރޭޓް ކުރަމުން ދަނީ އެކަމުގެ ގާބިލުކަން ނެތް ކެޕްޓަނުން ކަން ފާހަގަވެފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީ އިން ބުނެފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ އަދި އޮޕަރޭޓްކުރާ ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ ކޮޅުވެއްޓިތަކާ ޓަގް ބޯޓު އަދި ބާޖު ފަހަރު އޮޕަރޭޓް ކުރުމުގައި ކަނޑައަޅާފައިވާ ގަވާއިދުތަކާ އެއްގޮތަށް އަމަލު ނުކުރުމުގެ ސަބަބުން ނުރައްކާތެރި ގިނަ ހާދިސާތަކެއް ހިނގާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން މިނިސްޓްރީ އިން ބެލި ބެލުމުން މި އުޅަނދުފަހަރު އޮޕަރޭޓް ކުރަނީ ކަމަށް ގާބިލު ކަންނެތް ކެޕްޓަނުން ކަން ފާހަގަ ކުރެވިފައި ވާ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުފަހަރުގެ ތެރެއިން 100 ގްރޮސް ޓަނުން ފެށިގެން ބޮޑެތި އުޅަނދު ފަހަރުގެ ކެޕްޓަނުންގެ ގޮތުގައި ތިބެވޭނީ ސެޓްފިކެޓް އޮފް ކޮމްޕިޓެންސީ 3000 ގްރޮސް ޓަންގެ ކެޕްޓަނުންނަށް އެކަނި ކަން ގާނޫނުގައި ބަޔާން ކުރާ ކަމަށް ވެސް މިނިސްޓްރީ އިން ފާހަގަކޮށްފައި ވެއެވެ.

ގާނޫނުގައި ބުނަނީ ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ 24 މީޓަރަށް ވުރެ ދިގު ނުވަތަ 100 ގްރޮސް ޓަނޭޖާ ހަމައަށް ހުންނަ އުޅަނދުފަހަރުގެ ކެޕްޓަނުންގެ ގޮތުގައި ތިބެވޭނީ ނިޔަމި ކަމުގެ ސަނަދު އޮތް އެ އުޅަނދެއްގެ ގްރޮސް ޓަނޭޖާއި އެކަށިގެންވާ ކެޕޭސިޓީގެ ޓަނޭޖު އެންޑޯޒްމަންޓް ލިބިފައިވާ ކެޕްޓަނުންނަށް އެކަނި ކަމަށެވެ.

މިކަން ފާހަގަކޮށް ޓްރާންސްޕޯޓް މިނިސްޓްރީ އިން ބުނީ ކަނޑުގެ ސަރަހައްދުގައި ދުއްވާ އަދި އޮޕަރޭޓު ކުރާ މިފަދަ އުޅަނދުފަހަރުގައި އެކަމަށް ބޭނުންވާ ސެޓްފިކެޓާ ގާބިލުކަން ހުރި ކެޕްޓަނުން އެ އުޅަނދުފަހަރު ދުއްވައި އަދި އޮޕަރޭޓް ކުރުމަށް އިއުލާނު ކުރާ ކަމަށެވެ. އަދި މިފަދަ އުޅަނދުފަހަރު ބަރުކުރުމުގައި ސްޓެބިލިޓީ ނުގެއްލޭނެގޮތަށް ބަރުކުރުމާއެކު މުދާ ރަނގަޅަށް ލޭޝް ކޮށްގެން ދަތުރަށް ފެށުމަށް ސަމާލުކަން ދިނުމަށް އަންގާ ކަމަށެވެ.

މި ހިނގާ ނޮވެމްބަރު މަހުގެ ދެ ވަނަ ދުވަހު އެމްޕީއެލް ބަނދަރު ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލާ ހިނގި ހާދިސާގައި ވެސް އެމްޕީއެލް ދެ މުވައްޒަފުން ވަނީ ނިޔާވެފައެވެ. އަދި އެ ހާދިސާއާ ގުޅިގެން ހަ މީހަކަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާ ވެސް ދީފައިވެ އެވެ.

ކޮޅު ވެއްޓި ބަންޑުން ޖަހާލި ވަގުތު އޭގައި 14 މީހުން ތިބި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މި ހާސިދާ ހިނގި އިރު ކޮޅުވެއްޓީގައި ތިބި އެއްވެސް މީހަކު ލައިފްޖެކެޓް އަޅާފައި ނެތެވެ. އަދި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ނުވާ އިރު، ސޭފްޓީ ޗެކް ނަހަދާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

މި ހާދިސާއާއި ގުޅޭގޮތުން އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން، އެ ކުންފުނީގެ ކަމާ ބެހޭ ޑިޕާޓްމަންޓްތަކުން އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަމަށެވެ. އަދި ތަހުގީގުން އެނގޭ މައުލޫމާތަށް ރިއާޔަތްކޮށް، އިތުރު މައުލޫމާތު އާންމުކުރާނެ ކަމަށެވެ.

ފާއިތުވި އޮކްޓޫބަރު މަހުގައި ވެސް މިފަދަ ހާދިސާއެއް ހިނގާފައި ވެއެވެ.

- ކޮމެންޓް