Advertisement
ކ. މާލެ
|
26 ނޮވެންބަރ 2025 | ބުދަ 13:11
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މައްޗަންގޯޅި ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މައްޗަންގޯޅި ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
ބިން ހިއްކުން
ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުން އަންނަ މަހު ނިމޭއިރު، ގިރާވަރު ފަޅުގެ މަޝްރޫއު މަރޗު މަހުގެ ތެރޭގައި ނިމޭނެ: ރައީސް މުއިއްޒު
ބިން ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ދާނެ
2024 ވަނަ އަހަރުގެ ތެރޭގައި ހުޅުމާލެ ފޭސް-3 އެއްކޮށް ހިއްކާ ނިމޭނެ ކަމަށް އޭރު ސަރުކާރުން ހާމަ ކޮށްފައިވޭ
ކުރީ ސަރުކާރުގައި ގިރާވަރު ފަޅުން 160 ހެކްޓަރު ބިން ހިއްކަން ނިންމައި، ބާރު ސްޕީޑް ގައި މަސައްކަތް ކުރިއަށް ގެންދިޔަ

ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަޝްރޫއު އަންނަ މަހުގެ ނިޔަލަށް އެއްކޮށް ހިއްކާ ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ މައްޗަންގޯޅި ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ހުޅުމާލެ-ފޭސް ތިނެއްގެ މަސައްކަތް ފެށިފައިވާ ކަމަށާއި، އަންގާރަ ދުވަހު އިތުރު ޑްރެޖަރެއް އައިސްފައިވާ ކަމަށެވެ. މިހާރު ދެ ޑްރެޖަރަކާ އެކު ބިން ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ޑިސެންބަރު މަސް ނިމޭއިރު ހުޅުމާލެ-ފޭސް 3 އެއްކޮށް ހިއްކާ ނިމެނޭނެ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ހުޅުމާލެ ފޭސް-3 ގެ މަސައްކަތް ނިމުމާއެކު، ޖެނުއަރީ މަހުގެ ކުރީކޮޅު ގިރާވަރު ފަޅުގެ ހިއްކުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށާއި، މި މަޝްރޫއު ވެސް މާޗް މަސް ތެރޭގައި އެއްކޮށް ހިންކާ ނިމޭނެ ކަމަށެވެ.

ދެން އެ ދެ ޑްރެޖަރު ނޮން ސްޓޮޕްކޮށް މަސައްކަތްތަކެއް ކުރިއަށް ގެންގޮސް މިއަންނަ މަހުގެ ނިޔަލަށް ފޭސް-3 ފުލް ސްކޯޕް އެއްކޮށް ހިއްކާ ނިންމާނެ. ހިއްކާ ނިންމާއިރުގައި ގިރާވަރުފަޅު ހިއްކުމަށްޓަކައި މިހާރު އީއައިއޭ ދެން އެހުންނަ މަސައްކަތްތައް ހިނގަނީ. ދެން އެތަނަށް ބޭނުންވާ އިތުރު އިކުޕްމަންޓްތައް ގެނައުމާ ހުރިހާ ކަމެއް ހިނގަނީ. މިހާރު މިގެނެވުނު ދެ ޑްރެޖަރު ފޭސް-3 ހިއްކާ ނިމެންވާއިރު ގިރާވަރުފަޅުގެ ހިއްކަން ބޭނުންވާ ސަރަހައްދު ފާހަގަކުރާ އިން. ބަންޑު ވޯލް ޖަހަން ޖެހޭ އިން. އެ ވަކި ކުރުމުގެ މަސައްކަތް ނޫނީ ބަންޑު ވޯލް ޖެހުމުގެ މަސައްކަތް ގެންދާނީ އީއައިއޭ ފާސްވީމަ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ހުޅުމާލެ ފޭސް 3 އަދި ގިރާވަރު ފަޅު މަޝްރޫއު އެއްކޮށް ހިއްކާ ނިންމާނެ ކަަމަށް މި ސަރުކާރުން އެކިއެކި ތާރީޚުތައް މީގެ ކުރިން ވެސް ދީފައިވެ އެވެ. ނަމަވެސް ރައީސް މުއިއްޒު ސަރުކާރުގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ހުއްޓިފައިވާއިރު، މާލެ ސަރަހައްދުން ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އައި ހުރިހާ މަޝްރޫއެއް ވަނީ ހުއްޓިފަ އެވެ.

2024 ވަނަ އަހަރުގެ ތެރޭގައި ހުޅުމާލެ ފޭސް-3 އެއްކޮށް ހިއްކާ ނިމޭނެ ކަމަށް އޭރު ސަރުކާރުން ހާމަ ކޮށްފައިވެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ހުޅުމާލޭ ފޭސް 3 އަކުން 63 ހެކްޓަރުގެ ބިން ހިއްކަން ނިންމާ އަމަލީ މަސައްކަތް ފެށި 23 ސެޕްޓެންބަރު 2023 ގަ އެވެ. މި މަޝްރޫއުއަކީ މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ފެށި "ބިންވެރިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލެއިން ދޫކުރުމަށް ކަނޑައެޅި ބައެއް ގޯތިތައް ދިނުމަށް ހިއްކާ ސަރަހައްދެކެވެ.

މީގެ އިތުރުން ކުރީ ސަރުކާރުގައި ގިރާވަރު ފަޅުން 160 ހެކްޓަރު ބިން ހިއްކަން ނިންމައި، ބާރު ސްޕީޑް ގައި މަސައްކަތް ކުރިއަށް ގެންދިޔަ އެވެ. ބޮޑު ބައެއްގެ މަސައްކަތް ނިންމި ނަމަވެސް މި ސަރުކާރާއެކު މަސައްކަތް ހުއްޓިގެން ދިޔަ އެވެ. އަދި މި ސަރުކާރު ވަނީ ގިރާވަރު ފަޅުން އިތުރު 50 ހެކްޓަރުގެ ބިން ހިއްކަން ނިންމައި، 18 އޭޕްރީލް 2024 ގައި މި މަސައްކަތް 5 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލު ކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވެ އެވެ.

ނަމަވެސް މި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް ނުދެ އެވެ.

- ކޮމެންޓް