Advertisement
ކ. މާލެ
|
25 ނޮވެންބަރ 2025 | އަންގާރަ 19:26
އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް
އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް
ރާއްޖެއެމްވީ
އެމްޑީޕީ
އެމްޑީޕީގެ ސިޓީއެއް ބީއެމްއެލްއަށް - ޢައިރުޤާނޫނީ މުޢާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިވުން ހުއްޓާލާ
ސަރުކާރުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ގެނައި ބަދަލުތަކަކީ ގާނޫނާ ޚިލާފަށް ބީލަމަށް ނުލައި ބޭނުންވާ ފަރާތްތަކަށް ޕްރޮޖެކްޓް ހަވާލުކުރެވޭގޮތަށް ގެނައި ބަދަލުތަކެއް
206 ޕްރޮޖެކްޓް ހަވާލުކުރި އިރު ކޮންސްޓްރަކްޝަން ތަޖުރިބާ ނެތް ފަރާތްތަކަށް ގެރެންޓީއެއް ނެތި ހަވާލުކޮށްފައިވާއިރު ބީއެމްއެލް އަށް ފައިނޭންސް ދޫކުރުމަކީ އުސޫލާ ޚިލާފު ކަމެއް

ޢައިރުޤާނޫނީ މުޢާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިވުން ހުއްޓާލުމަށާއި، 206 ޕްރޮޖެކްޓެއް ފައިނޭންސިންގ ހަމަޖެއްސުމުގެ މައްސަލައިގައި އެމްޑީޕީގެ ދެން އަންނަ ސަރުކާރެއްގައި އެ މައްސަލަ ބަލާނެކަމަށް ވިދާޅުވެ އެމްޑީޕީގެ ފަރާތުން އެ ޕާޓީ ގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ސިޓީ އެއް ފޮނުވައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޗެއާޕަރސަން އަހުމަދު އަލީ ހަބީބަށް އެޑްރެސް ކޮށް މައުރޫފް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު ގައި ބަޔާންކުރާ މައިގަނޑު އުސޫލަކީ، ހަމަހަމަކަމާއި، އިންސާފުވެރިކަމާއި ވާދަވެރިކަމާއެކު ކުރިއަށްގެންދެވޭ ބީލަމުގެ އުސޫލުން މުދަލާއި ހިދުމަތާއި ތަކެތި ދައުލަތަށް ހޯދުމެވެ. އަދި އެ ގާނޫނުގައި ބާރު ދީފައިނުވާކަމެއް، ސަރުކާރުގެ ވުޒާރާއަކުން ގަވާއިދެއް ހަދައިގެން ނުކުރެވޭނެ އެވެ.

އެހެންނަމަވެސް، ސަރުކާރުން ނިޒާމީ ގޮތެއްގައި ކޮރަޕްޝަން ހިންގުމަށް ޖާގަ ހޯދުމުގެ ގޮތުން، އިއުލާންކުރުމެއްނެތި އަދި ބިޑްކުރުމުގެ އެއްވެސް އިޖުރާއަތެއް ފުރިހަމަކުރުމަކާ ނުލައި، ސަރުކާރުން ބޭނުން ފަރާތަކަށް ޕްރޮޖެޓްތައް ހަވާލުކުރެވޭގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް މި ވަނީ ބަދަލުތަކެއް ގެނެސްފައިވާ ކަމަށް މައުރޫފު ގެ ސިޓީގައި ވިދާޅުވެފައިވެ އެވެ. އަދި އެ ބަދަލުތަކަކީ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާ ޚިލާފަށް ސަރުކާރުން ގެނައި ބަދަލުތަކެއް ކަމަށް ވިދާޅުވެފައިވެ އެވެ.

މައުރޫފް ވިދާޅުވީ ސަރުކާރުގެ ޕްރޮޖެކްޓްތައް ބީލަމަށް ނުލައި، ހާމަކަމެއް، ވާދަ ކުރުމުގެ ފުރުސަތެއް ނެތި، ކެބިނެޓުން ބޭނުންވާ ބަޔަކަށް ބޭނުން އަގެއްގައި ދެވޭނެ ގޮތަށް ގަވާއިދު ބަދަލުކުރުމަށްފަހު، 53 ކުންފުންޏަކާ 206 ޕްރޮޖެކްޓް ހަވާލުކުރުމަށް، މި މަހުގެ 6 ވަނަ ދުވަހު އެގްރީމަންޓް ތަކެއްގައި ސޮއިކޮށް، އެ ޕްރޮޖެކްޓްތަކަށް ފައިނޭންސް ހަމަޖައްސާނީ ބޭންކް އޮފް މޯލްޑިވްސްއިން ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށެވެ.

އަދި ބީއެމްއެލް އިން ފައިނޭންސް ހަމަޖައްސާނެކަމަށް ސަރުކާރުން ހާމަކޮށްފައިވީ ނަމަވެސް، އެ ޕްރޮޖެކްޓްތައް ހަވާލުކުރެވުނު ކުންފުނިތަކާއި، އަދި އެކަން ކުރުމަށް ރާވައިފައި އޮތްގޮތަށް ބެލުމުން، ބޭންކުގެ އުސޫލުތަކާ އެއްގޮތަށް އެކަން ނުކުރެވޭނެކަން މައުރޫފް ވަނީ ފާހަގަކުރައްވާފަ އެވެ.

އެގޮތުން، ފުރަތަމަ ކަމަކީ، ބޭންކުން ފައިނޭންސް ހަމަޖައްސާނެ ޕްރޮޖެކްޓްތަކާއި ކުންފުނިތައް ކަނޑައަޅާނީ، ބޭންކުގެ އުސޫލުތަކާއި އެމްްއެމްއޭ ގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ބޭންކުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެކަން ކުރެވިދާނެކަމަށް އަދި ބޭންކަށް އެންމެ ރަނގަޅުކަމެއްކަމަށް ނިންމުމަށްފަހު އެވެ. އަދި 206 ޕްރޮޖެކްޓްތަކުގެ އަގުތަކާއި އެ ޕްރޮޖެކްޓްތައް ހަވާލުކުރާނެ ފަރާތްތަށް ސަރުކާރުން ކަނޑައެޅުމަށްފަހު، އެ ފަރާތްތަކަށް ފައިސާ ދޫކުރުން ބޭންކަށް ލާޒިމުވާގޮތަށް ސަރުކާރުން ނިންމައިފައިވީ ނަމަވެސް، އެއީ ބޭންކުގެ މައްޗަށް ލާޒިމުކަމެއް ނޫން ކަމަށް މައުރޫފް ވިދާޅުވި އެވެ.

ދެވަނަ ކަމަކީ، މީގެ ކުރިން ކޮންސްޓްރަކްޝަންގެ އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކުންފުނިތަކަށް ބޮޑެތި ކޮންސްޓްރަކްޝަން ޕްރޮޖެކްޓްތައް ހަވާލުކޮށްފައިވުން ކަން މައުރޫފް ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން، ޕްރޮޖެކްޓްތައް ހަވާލުކުރި ކުންފުނިތައް ކަނޑައަޅައިފައިވަނީ ފަންނީ ގާބިލުކަމަށް އަދި ތަޖުރިބާއަށް ބެލުމެއްނެތި ކަމަށާއި، މިއީ މި ޕްރްޖެކްޓްތަކުގެ މަސައްކަތް ކާމިޔާބުކަމާއެކު އެ ކުންފުނިތަކަށް ނިންމިދާނެތޯ ސުވާލު އުފެދޭ ކަމެއް ކަމަށް މައުރޫފް ވިދާޅުވެފައިވެ އެވެ. މި ކުންފުނިތަކަށް ބޭންކުން ފައިނޭންސް ދޫކޮށްފިނަމަ، އެ ކަމުގެ ސަބަބުން މާލީ ގޮތުން ބޮޑު ގެއްލުމެއް ބޭންކަށް ލިބުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް މައުރޫފް ވިދާޅުވި އެވެ.

މީގެ އިތުރުން، އާއްމުކޮށް ސަރުކާރުގެ މި ފަދަ ޕްރޮޖެކްޓްތަކުގައި ޢަމަލުކުރާ އުސޫލާ ހިލާފަށް، ޕްރޮޖެކްޓްތައް ހަވާލުކުރުމަށް އެގްރީމަންޓް ތަކުގައި ސޮއިކުރި އިރު، ކޮންޓްރެކްޓަރުންގެ ފަރާތުން އެއްވެސް ގެރެންޓީއެއް ބަހައްޓަން ލާޒިމުކޮށްފައި ނުވާތީ، ބޭންކް ގެރެންޓީ ނުވަތަ ޕަރފޮމަންސް ގެރެންޓީ ނުވަތަ އިންޝުއަރަންސް ގެރެންޓީއެއް ބަހައްޓައިފައި ނުވާ ކަން މައުރޫފް ފާހަގަކުރެއްވި އެވެ. އެހެންކަމުން، އެޑްވާންސް ފައިސާ ދޫކުރާ ފަހުން މަސައްކަތް ނުކުރި ނަމަވެސް، އެ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅެއް ނެތް ކަމަށާއި، އެއްވެސް ގެރެންޓީއެއް ބެހެއްޓުމަކައި ނުލައި، މި ކުންފުނިތަކަށް ފައިނޭންސް ދޫކުރުމަކީ، ބޭންކުގައި ހުރި ފައިސާ، ސީދާ %100 ރިސްކު ހިމެނޭ މުއާމަލާތަކަށް ދޫކޮށްލުންކަމުގައިވާތީ، އެކަން ވެގެންދާނީ ބޭންކުން އުސޫލުތަކާ ހިލާފަށް ކުރާ ކަމެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މިފަދަ އިރެގިއުލައިރިޓީޒް ފާހަގަކުރެވިފައިވަނިކޮށް، އެއްވެސް ސެކިއުރިޓީއަކާ ނުލައި، ކުންފުނިތަކަށް ފައިނޭންސް ދޫކުރުމަކީ ބޭންކުތަކުން ޢަމަލުކުރަންޖެހޭ ޤާނޫނާއި، ބީއެމްއެލް ގެ ކޯޕަރޭޓް ފައިނޭންސިންގ އުސޫލުތަކާއި އަދި ބޭންކު ތަކުން ޢަމަލު ކުރަންޖެހޭ އެންމެ އަސާސީ އުސޫލުތަކާ ވެސް ހިލާފުކަމެއް ކަމަށް މައުރޫފް ވިދާޅުވި އެވެ. މިއީ، ދިވެހިރައްޔިތުންގެ ފައިސާ ރައްކާކުރާ އެންމެ ބޮޑު ބޭންކުން ޢަމަލުކޮށްގެންވާނެ ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން މިފަދަ ޣައިރު ގާނޫނީ މުއާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިނުވުމަށް ނަސޭހަތްތެރިވެ، އެކަންކަން ހުއްޓައިލުމަށް ވަނީ އެދިފަ އެވެ. އަދި، ދެން އުފެދޭ ސަރުކާރުގައި، މި މައްސަލަތައް އަވަހަށް ބަލައި، މި ކަންކަމުގައި ޝާމިލުވާ އެންމެނާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް މައުރޫފް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.

- ކޮމެންޓް