ވެރިކަން ކުރާ ޕާޓީ، ޕީއެންސީން ހުކުރު ދުވަހުގެ ރޭ މާލޭގައި ބާއްވާ ޖަލްސާ އަށް ބޮޑެތި ހަރަދުތަކެއްކޮށް ރާއްޖާގެ އެކި ހިސާބުތަކުން މީހުން ގެންދަނީ ބޮޑު މަންޒަރު ދައްކަން ކަމަށާއި މިއީ ބޮޑު އިސްރާފު އެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއް ރަހުމާން (އައްދު)، މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
އަބްދުއް ރަހުމާން (އައްދު) ވިދާޅުވީ އެއާބަސް ޗާޓަރުކޮށް، ޓިކެޓް ދީ، ކަނޑު ދަތުރުކުރާ އެތަށް އުޅަނދެއް ކުއްޔަށް ނަގާ، ޕޮކެޓްމަނީ ކެއުމާއި އެކޮމޮޑޭޝަން ދީ، ޖަލްސާއަށް ރާއްޖޭގެ ހުރިހާ ރަށަކުން މީހުން ގެނެސް ބޮޑު މަންޒަރު ދެއްކުމަށް 50 މިލިއަން ރުފިޔާ ހަރަދު ހިނގާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެމްބަރު އައްދު ވިދާޅުވީ 2026 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައި ބިޔަ ބޮޑު ބަޖެޓްގައި ހަރަދު ކުޑަކުރާނެ އެއްވެސް ގޮތެއް ބުނެދެވިފައި ނުވާ ކަމަށެވެ. އަދި މިސަރުކާރުން ބޮޑު މަންޒަރު ދައްކަން ބޮޑެތި ހަރަދުތައް ކޮށްގެން ކުރަން މިއުޅެނީ ކީއްކަމެއްވެސް ނޭނގޭ ކަމަށާއި، މިއަށްވުރެ ރައްޔިތުންނަށް ފާއިދާ ހުރި ކަމެއް ކުރުން މާ ބުއްދިވެރި ކަމަށް ވިދާޅުވި އެވެ.
ސުވާލަކީ ފޫނެތް ބަޖެޓް ފައިބަނީ މަތިންތޯ؟ މިކަމުން ހާސިލްކުރަން އުޅެނީ ކޮން ކަމެއްތޯ؟
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއް ރަހުމާން (އައްދު)![]()
އަދި މިކަމަށް އަންލިމިޓެޑް ބަޖެޓް އޮތް ވާހަކަ ވެސް އިވުނު ކަމަށާއި ބޮޑު މަންޒަރު ދައްކަން ފޫނެތް ބަޖެޓް އޮތް ކަމަށް ވިދާޅުވެ މެމްބަރު ވަނީ ފާޑު ކިޔާފަ އެވެ.
އައްދު އިތުރަށް ވިދާޅުވީ، އޭނާ އަށް ފެންނަ މަންޒަރަކީ އިސްރާފު ކުރާއިރު ރައްޔިތުން ވަޒީރު އަލީ އާރިފު ވިދާޅުވެގެން މަސްނެތް ގަރުދިޔަ ކައިގެން ބޭސް ސިޓީއަށާއި ބޭސް ފަރުވާއަށް ސަލާންޖަހަން ތިބިތަން ކަމުގައެވެ.
ސަރުކާރު ހިންގާ ޕީއެންސީ އިން ހުކުރު ދުވަހުގެ ރޭ މާލޭގެ އާޓިފިޝަލް ބީޗު ގައި ބާއްވާ ޖަލްސާ އަށް މީހުން ގިނަ ކުރަން ރާއްޖޭގެ އެކި އެއަރޕޯޓްތަކުން އެތައް ޗާޓަރު ފްލައިޓެއް އޮޕަރޭޓް ކޮށްފައި ވާއިރު، ގައުމީ އެއާލައިން، މޯލްޑިވިއަން ގައި މިވަގުތު އޮތް އެންމެ ބޮޑު މަތިންދާ ބޯޓު ބުރާސްފަތި ދުވަހު ފުރަތަމަ އައްޑޫ ސިޓީ ގަމަށް ކުރި ދަތުރު ވެސް ވެގެން ދިޔައީ ޖަލްސާ އަށް މީހުން ބަލައި ކުރި ދަތުރަށެވެ. މިއީ 264 މީހުންގެ ޖާގަ އޮތް ބޯޓެއް ކަމަށް މައުލޫމާތު ލިބިއެވެ. އޭގެ އިތުރުން ފެނަށް ޖެހިފައި އޮތް ފުވައްމުލަކު ސިޓީއަށް ބޯފެން ގެންދިޔުމަށް މޯލްޑިވިއަނުން އެ ރަށަށް ޗާޓަރުކޮށްގެން އަޅަމުންދާ ފްލައިޓުތަކުގައި ވެސް މާލެ އަށް ގެންނަނީ ޖަލްސާ އަށް އަންނަ މީހުން ކަމަށް އަޑު ފެތުރިފައި ވެއެވެ. އެއަރޕޯޓަށް އަންނަ މީހުން އުފުލުމަށް އެމްޓީސީސީގެ ބޮޑެތި ބަސްތައް ދަނީ ބޭނުން ކުރަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަލްސާ އަށް އަންނަ މީހުންނަށް ހިލޭ ދެކޮޅު ޓިކެޓް ދިނުމުގެ އިތުރުން، މާލޭގައި ތިބުމުގެ ޚަރަދާއި ޕޮކެޓް މަނީވެސް ހަމަޖައްސައިދެނީ ޕީއެންސީ ގެ ފަރާތުންނެވެ.