ޕާޓީ ބަދަލުކުރިތާ މަހެއް ނުވަނީސް ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ޖަޕާނުގެ ސަފީރަކަށް ހަމަޖައްސައި މަގާމުގެ ފަތްކޮޅު ދީފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެ އިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް، ގ. ހާފްސީ، އަޙްމަދު މަހުލޫފް ބުރާސްފަތި ދުވަހު ޢައްޔަންކުރައްވާފައިވާ ކަމަށެވެ. މަހުލޫފް ސަފީރުކަމަށް ޢައްޔަންކުރެއްވީ، މިކަމަށްޓަކައި ބުރާސްފަތި ދުވަހުގެ ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.
ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ޔޫތް މިނިސްޓަރުކަމުގައި ހުންނެވި އަދި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި މަހުލޫފު ޕީއެންސީ އަށް ސޮއިކުރީ ޕީއެންސީ އިން ބޭއްވި ބޮޑު އެއްވުމުގައި މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ.
އޭގެ ކުރިން ދައުލަތުގެ މަގާމެއްގައި ޚިދުމަތްކުރަން ކަމަށް ވިދާޅުވެ، އޭނާ ވަނީ އެމްޑީޕީން ވަކިވެފަ އެވެ. އެ ނިންމުމާ ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވި އެވެ. ޕާޓީއަށް ވަފާތެރިކަން ނެތް ކަމަށާއި، ސިޔާސީ މަންފާއަށް ޓަކައި ޕާޓީ ބަދަލުކުރައްވާ ކަމަށް ވެސް ގިނަ ބަޔަކު ވަނީ ތުހުމަތުކޮށްފަ އެވެ.
މަހުލޫފް އެންމެ ފުރަތަމަ ސިޔާސީ މައިދާނުން ފެނުނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިންނެވެ. މިހާރުގެ ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރި ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް ގަލޮޅު ދެކުނު ދާއިރާއިން މަހުލޫފް އިންތިހާބުވީ ވެސް ޑީއާރުޕީގެ ޓިކެޓުގަ އެވެ.
ޑީއާރުޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން 2011 ގައި އުފެއްދި ޕީޕީއެމްއާ މަހުލޫފް ގުޅުނެވެ. އެ ޕާޓީގައި އޭނާ ވަނީ މުހިންމު މަގާމުތަކެއް ފުރުއްވާފަ އެވެ. ނަމަވެސް އޭނާ ޕީޕީއެމް އާ ދުރަށް ޖެހުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެމެދު ހިޔާލުތަފާތުވުން އުފެދުމުންނެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އޭނާ ދިޔައީ އެމްޑީޕީއާއެކު މަސައްކަތް ކުރައްވަމުންނެވެ.
މަހުލޫފް އެމްޑީޕީ އަށް ސޮއިކުރެއްވީ 2018 ގެ ރިޔާސީ އިންތިހާބަށްފަހު އިންތިގާލީ މަރުހަލާގަ އެވެ. އެމްޑީޕީގެ ސަރުކާރުގައި އޭނާ ވަނީ ޔޫތު މިނިސްޓަރުކަމުގެ މަގާމު ފުރުއްވާފަ އެވެ. އެމްޑީޕީގެ ސަރުކާރު ނިމުމަށް ފަހު އެ ޕާޓީގެ ހަރަކާތްތަކާ ދުރުގައި ހުންނެވުމަށް ފަހު ދެން މަހުލޫފް ސޮއިކުރީ ޕީއެންސީ އަށެވެ. ރައީސް މުއިއްޒުގެ ޕީއެންސީ އަކީ މަހުލޫފް ގުޅުނު ހަތަރުވަނަ ސިޔާސީ ޕާޓީ އެވެ.