ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި ބޮޑު ޖަލްސާ ގައި ރާއްޖޭގެ އެންމެ ބޮޑެތި ވަގުން އެއްތަނަކަށް އެއްކޮށްފައިވާ ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ރައީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފް ޓައުން ހޯލް ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ޔާމީން ވަނީ މިހާރުގެ ސަރުކާރުގެ އިސް ފަރާތްތަކާއި ސަރުކާރާ ގުޅުން ހުރި ފަރާތްތަކުން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ބޮޑެތި ވައްކަމުގެ މައްސަލަތަކަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ކުރައްވާފަ އެވެ.
ޔާމީން ވިދާޅުވީ ޕީއެންސީ އިން ބޭއްވި ބޮޑު ޖަލްސާއިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެތައް ވައްކަމެއް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ފެނުމަކީ އެއްވެސް ވަރަކަށް ހައިރާންވާން ޖެހޭ ކަމެއް ނޫން ކަމުގަ އެވެ. ޔާމީން ވިދާޅުވި ގޮތުން ޕީއެންސީގެ ބޮޑު ޖަލްސާ ގައި ވަނީ ރާއްޖޭގެ އެންމެ ބޮޑެތި ވަގުން އެއްތަނަކަށް އެއްކޮށްފަ އެވެ.
ޖަލްސާ ގައި އެންމެ ފުރަތަމަ ފެނިގެން ދިޔަ ހީނާ ވަލީދު އަކީ ރައީސް މުއިއްޒު އަށް 34 މިލިއަން ރުފިޔާގެ ޓީވީ ވައްކަން ކޮށްދިން މީހާ ކަމަށް ޔާމިން ފާހަގަކުރެއްވި އެވެ. ޔާމިން ވިދާޅުވީ ހީނާގެ އެހެން ވާހަކަތައް ދައްކަން ބޭނުން ނުވާ ކަމަށާއި، ކަންބޮޑުވާ ކަމަކީ ރައްޔިތުންގެ ފައިސާ މިގޮތަށް ފެން ފޮދަކާ ނުލާ ދިރުވާލުން ކަމަށެވެ.
ޕީއެންސީ ބޮޑު ޖަލްސާގައި ވަނީ ރާއްޖޭގެ އެންމެ ބޮޑެތި ވަގުން އެއްތަނަކަށް އެއްކޮށްފަ. އެރޭގެ ޖަލްސާގެ އޯޕެނިން ބެޓްސްމަން އަކަށް ފެނިގެން ދިޔައީ ހީނާ، ހީނާ އަކީ މުއިއްޒު އަށް 34 މިލިއަން ރުފިޔާގެ ޓީވީ ވައްކަން ކޮށްދިން މީހާ. ހީނާ ގެ އެހެން ވާހަކައެއް ދައްކާކަށް ނެތިން. ކަންބޮޑުވަނީ ރައްޔިތުންގެ ފައިސާ މިގޮތަށް ފެން ފޮދަކާ ނުލާ ދިރުވާލާތީ.
ކުރީގެ ރައީސް އަބްދުﷲ ޔާމިން![]()
ޖަލްސާ ގައި ދެން ވާހަކަ ދެއްކެވި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕް ލީޑަރު އިބްރާހިމް ފަލާހު އަކީ ދާދި ފަހަކާ ޖެހެންދެން އަތުގައި ފައިސާއެއް ނެތް މީހެއް ކަމަށާއި، ނަމަވެސް ކުއްލިއަކަށް ފެނުނީ އޭނާ 28 މިލިއަން ރުފިޔާއަށް ހުޅުމާލެއިން އަގުބޮޑު ބިމެއް ގަތް މަންޒަރު ކަމަށް ޔާމިން ވިދާޅުވި އެވެ.
ކުރީގެ ރައީސް ޔާމިން ވިދާޅުވީ ޕީއެންސީގެ ޖަލްސާ ގައި ޑިސްޕްލޭ ކޮށްލަން ލިބޭ މީހުންގެ ތެރޭގައި ތިބީ މުޅިން ވެސް ބޮޑެތި ވަގުން ކަމަށެވެ. އެހެންކަމުން ފަޒުލް އެ ޖަލްސާ ގައި ހުރެގެން އެއްވެސް މީހަކު ހައިރާންވާން ނުޖެހޭ ކަމަށް ޔާމީން ފާހަގަ ކުރެއްވި އެވެ.
ފަޒުލް ދުރަށް ލުމަކީ ރައީސް މުއިއްޒަށް ކެރިވަޑައިގަންނަވާނެ ކަމެއް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ. ޔާމީން ވިދާޅުވި ގޮތުގައި ސަބަބަކީ، ފަޒުލް މެން ބުނާ ގޮތުން، ތަހުގީގެއް ފަށައިފިއްޔާ ދައްކަން ހުރި ވާހަކަ މާ ގިނަ ވާނެތީ އެވެ. އަދި މުއިއްޒުގެ ރިޔާސީ އިންތިހާބަށް ބޭނުން ކުރި ހުރިހާ ލޯންޗު ތަކަކީ ވެސް ފަޒުލްގެ ލޯންޗު ތަކެއް ކަމަށް ޔާމީން ވަނީ ފާހަގަ ކުރައްވާފަ އެވެ.
ދެ އަހަރު ވެފައިވާ ޕީއެންސީ ގެ ސަރުކާރުން އެންމެ ފުޅާ ދާއިރާއެއް ގައި ކުރި ކަމަކީ ވައްކަން ކަމަށް ޔާމީން ވިދާޅުވި އެވެ. އެމަނިކުފާނު މިސާލެއްގެ ގޮތުގައި ދެއްކެވީ ހައިވާނު ބަގީޗާއަކަށް ދާއިރު އެތަނުން އެންމެ ނުރައްކާތެރި ހައިވާނުން ނުފެނުން އެއީ މައްސަލައެއް ކަމަށެވެ. ހައިވާނު ބަގީޗާއެއް ވިއްޔާ އެތަނުގައި ހުރިހާ ހައިވާނުން ވެސް ތިބެން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ހައިރާން ވާކަށް ނުޖެހޭ މިކަހަލަ ބަޔަކު ޑިސްޕްލޭގަ ތިބީމަ. އަޅުގަނޑުމެން ކުޑަކުދިން ގޮވައިގެން ދަނީ ޒޫ އަށް. ހައިވާނު ބަގީޗާ އަކަށް، ހައިވާނު ބަގީޗާ އަށް ދާއިރު އެންމެ ނުލަފާ ހައިވާނުން ނުފެނުނީމަ އެެއީ މައްސަލަ އެއް. ހައިވާނު ބަގީޗާ އެއް ވިއްޔާ ހުރިހާ ހައިވާނުން ތިބެން ޖެހޭނެ ނޫންތޯ އެއް ތަނެއްގަ.
ކުރީގެ ރައީސް އަބްދުﷲ ޔާމިން![]()
ހަމަ މި ބީދައިން، ރައީސް މުއިއްޒުގެ ސަރުކާރުން ބާއްވާ ބޮޑެތި ޖަލްސާތަކުގައި އެންމެ އިސްކޮށް އުޅުއްވާނީ ބޮޑެތި ވަގުން ކަމަށް ޔާމިން ވިދާޅުވި އެވެ.
އެންސްޕާ ގެ ވެރިޔަކަށް ހީނާ ވަލީދު ހުރެގެން، އެންސްޕާގެ ފައިސާ އިން އެތައް މިލިއަން ރުފިޔާ އެއް ހަރަދު ކޮށްގެން ޓީވީ ޗެނަލެއް ހެދުމާއި، އެޗްޑީސީގެ ވެރިޔަކަށް ފަޒުލް ހުރެގެން ހިންގި ކަމަށް ތުހުމަތު ކުރެވުނު ބޮޑެތި ވައްކަންތަކަކީ މި ސަރުކާރަށް ދެ އަހަރު ވީ އިރު ތަހުގީގު ކުރަން ނުކެރުނު އެންމެ ފާހަގަކޮށްލެވޭ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމުގައި ގިނަ ރައްޔިތުން ފާހަގަކުރެ އެވެ.