ދިވެހިރާއްޖޭގެ ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި، ރާއްޖޭގައި މިޔަރު ހިފުމަށާއި މިޔަރުގެ މަސްވެރި ކަމަށް ފުރުސަތު ނުދިނުމަށް ގޮވާލައި މެންބަރު އައްބާސް ވަނީ މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމަށް ސަރުކާރުތަކުން ކޮށްފައިވާ މަސައްކަތްތަކާ މެދު ސުވާލު އުފައްދަވާފަ އެވެ.
މެންބަރު އައްބާސް ވިދާޅުވީ، ރާއްޖެ އެއްކޮށް އޮތީ ފަތުރުވެރި ކަމަށް ބަރޯސާވެފައި ކަމަށާއި، ކޮވިޑް-19އާ ގުޅިގެން 7 މަސް ދުވަހަށް މައި ދޮރާށި ބަންދު ކުރުމާ ގުޅިގެން ބޭރުގެ ގައުމުތަކުން ދަރަނި ނަގަން ޖެހުނު ކަމަށެވެ. ރައްޔިތުން ތިބީ ވާނެ ގޮތަކާމެދު ކަންބޮޑުވެ، ގޭގައި ބަންދުވެފައި ކަމަށް މެންބަރު އައްބާސް ވިދާޅުވި އެވެ. އެ ހާލަތަށްވުރެ މިއަދުގެ ހާލަތު ދަށްކަން ފާހަގަކުރައްވައި މެންބަރު އައްބާސް ވިދާޅުވީ، ފަތުރުވެރިކަމުން ބިލިއަނުން ބިލިއަނުން ޑޮލަރު ވަންނަ ކަމަށާއި، ދަރަނި ދައްކަނީ އެ ފައިސާއިން ކަމަށެވެ. އެއީ މަސްވެރިކަމާއި ދަނޑުވެރިކަމުން ލިބޭ ފައިސާއިން ދައްކާ އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
މެންބަރު އައްބާސް ވިދާޅުވީ މިއަދު ރިސޯޓުގެ އޯނަރުންނާއި، އިންވެސްޓަރުން ނަގަމުން ދަނީ ބޮޑެތި ރިސްކުތަކެއް ކަމަށާއި، 400 ނުވަތަ 500 މިލިއަނުން އިންވެސްޓް ކުރަމުން ދަނީ އުންމީދެއް ގައި ކަމަށެވެ.
ރާއްޖޭގައި މިޔަރު ހިފުމަށާއި މިޔަރުގެ މަސްވެރި ކަމަށް ހުއްދަ ދިނުމުން ކަނޑުތަކާ ފަޅުތަކުން ހަމައެކަނި ގެންދާނީ ކަށި މިޔަރު ނޫން ކަމަށާއި، ހުރިހާ ވައްތަރެއްގެ މިޔަރު ބާނައި ބޭރު ކުރާނެ ކަމަށެވެ. މި ވަގުތަށް ގެއްލުން ނުލިބުނު ނަމަވެސް ދުރު މުސްތަގުބަލަށް ވިސްނާއިރު، އިޔާދަ ނުކުރެވޭ މިންވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށާއި، މިޔަރުގެ ހުރިހާ ޕޮއެންޓުތަކެއް ހަލާކުވާނެ ކަމަށް މެންބަރު އައްބާސް ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާރު ވެސް ތަރައްގީގެ ނަމުގައި ހިއްކާ ފަޅުތަކުގެ ސަބަބުން އިޔާދަ ނުކުރެވޭ މިންވަރަށް ގެއްލުން ވަމުންދާ ކަމަށެވެ.
މީގެ އިތުރުން މެންބަރު އައްބާސް ވިދާޅުވީ، ދައުލަތް ހިނގަނީ ސަރުކާރުގެ މޮޅު ކަމުން ނޫން ކަމަށާއި، ދައުލަތް ހިނގަނީ ރާއްޖެ އަށް އިންވެސްޓް ކުރާ އިންވެސްޓަރުންގެ ސަބަބުން ކަމަށެވެ. ޒުވާނުންގެ ބޮޑު އާބާދީ އެއް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާއިރު، ޑޮލަރު ވެސް ދައުރު ކުރަމުންދަނީ ރިސޯޓުތަކުން ކަމަށެވެ. ސަރުކާރުން ދައުރުކުރާ ޑޮލަރެއް ގައުމުން ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު ވިސްނާލަންވީ އަޅުގަނޑުމެންގެ ފަތުރުވެރިކަން މިއީ އަޅުގަނޑުމެންގެ މައި ބަދަ. އަޅުގަނޑުމެންގެ ރިސޯޓުތައް ހިންގާ ހުރިހާ އޯނަރުންނަކީ މިގައުމުގެ ރައްޔިތުންނަށް ބޭނުންވާނެ އެންމެ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ ފޯރުކޮށް ދިނުމަށް މެދުވެރިވެފައި ތިބި މީހުން. އެއައިރެއްގައި އޮންނަ ސަރުކާރެއްގެ މޮޅު ކަމަކުން ނޫން ދައުލަތް ހިނގަނީ. ރާއްޖެއަށް އިންވެސްޓު ކޮށްފައި ތިއްބެވި އިންވެސްޓަރުންގެ މޮޅު ކަމުން ގައުމު މި ހިނގަނީ. އެ ހަގީގަތް ބަދަލު ނުކުރެވޭނެ.
ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް![]()
ދައުލަތް މި ހިނގަނީ އޭރަކު އޮންނަ ސަރުކާރެއްގެ މޮޅުކަމަކުންނެއް ނޫން. ރާއްޖެއަށް އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން ގައުމު ހިނގަނީ: އައްބާސް | #Majlis20 pic.twitter.com/tkuPSY5Bv7
— RaajjeTV (@Raajje_tv) November 5, 2025
މެންބަރު އައްބާސް ވިދާޅުވީ ދުރު މުސްތަގުބަލަށް ވިސްނައިގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި، ކަނޑުގެ ދިރުމާއި، ފަރުގެ ދިރުން ހިމާޔަތް ކުރަން ޖެހޭ ކަމަށެވެ. މިހާރު ވެސް ރާއްޖޭގެ ކޮންސެޕްޓަށް ބޭރުގެ ގައުމުތަކުގައި ރިސޯޓުތައް ތަރައްގީ ކުރަމުންދާ ކަމަށާއި، އިތުރަށް ވިސްނަން ޖެހޭ ކަމަށް މެންބަރު އައްބާސް ވިދާޅުވި އެވެ. އަދި މިހާރު ވެސް އަރަބި މިޑިލް އީސްޓް އަދި ޖަޕާން މާކެޓު ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.