ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށް އެ ޕާޓީ އަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ކުރިއާލައި ހުއްދަ ނަގައިގެން ނޫނީ ވަކި ސަރަހައްދުތަކަކަށް އެއްވެ އުޅުން މަނާކުރާ ގާނޫނު އުވާލަން މަޖިލީހަށް ހުށަހަޅުއްވައި، ބިލަށް ބަހުސް ކުރައްވަމުން މެންބަރު މީކާއީލް ވިދާޅުވީ އެ ގާނޫނު އުވާލަން ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ބިލު އެތައް ދުވަހެއް ވަންދެން މަޖިލީހުގައި ބޭއްވުމަކީ ހެދުނު ގޯހެއް ކަމަށެވެ.
ސިޔާސީ ޕާޓީތަކުން އަދި ސިޔާސީންނަށް ހެދޭ ގޯސްތަކަށް އިއުތިރާފުވުމަކީ މަދުން ނޫނީ ނުވާ ކަމެއްކަން ފާހަގަކުރައްވައި މެންބަރު މީކާއީލް ވިދާޅުވީ ރައްޔިތުންގެ ހައްގުތަށް ކަށަވަރު ކުރުމަށް ޕާޓީތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ހައްގުތައް ކަށަވަރު ކޮށްދޭ ރަނގަޅު މަސައްކަތްތަކެއް ކުރުމަކީ ރައްޔިތުން އެދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މެންބަރު މީކާއީލް ވިދާޅުވީ މި ގާނޫނު ވުޖޫދުގައި އޮތުމުން ޓެކްސީ ޑްރައިވަރުން ކުރި މުޒާހަރާގައި ހައްޔަރުކުރި މީހުންނާއި، ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން ކުރި މުޒާހަރާގައި ހައްޔަރު ކުރި ދެ ޒުވާނުންގެ މައްޗަށް މި ގާނޫނުން ދައުވާ ކުރަން ނިންމާފައިވާ ކަމަށެވެ. އަދި މިމަހުގެ 18 ގެ ނިޔަލަށް އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު އެމްޑީޕީން ބޭއްވި ބޮޑު މުޒާހަރާގައި ހައްޔަރު ކުރި މީހުންނަށް ވެސް ދައުވާ ކުރަން ނިންމައި އެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ވަރަށް މަދުން ނޫނީ ނުވާ ކަމެއް ސިޔާސީ ޕާޓީތަކުން ސިޔާސީ ދާއިރާގައި އުޅުއްވާ ބޭފުޅުން ރައްޔިތުންގެ މަންދޫބުން ހެދޭ މިސްޓޭކްތައް އިއްޒަތްތެރި ރައީސް ހެދޭ ގޯސްތައް ނުކަސިޔާރުކޮށް އެޅިފައިވާ ފިޔަވަޅުތައް އެކްނޮލެޖް ކުރުން ވަރަށް ނުވާ ކަމެއް. އެހެންނަމަވެސް އިއްޒަތްތެރި ރައީސް މިއަދު އަޅުގަނޑު ހަމަ ވަރަށް ފަހުރުވެރިކަމާއެކު މި ބިލު ހުށަހަޅާއިރު އަޅުގަނޑުމެންގެ ޕާޓީއަށް ހެދިފައިވާ ގޯސްތައް އެކްނޮލެޖް ކުރާ ހާލު މި ބިލު މިހުށަހަޅަނީ.'
ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް![]()
ހޯމް މިނިސްޓްރީން އަންގާ ސަރަހައްދެއް ފިޔަވައި އެހެން އެއްވެސް ތަނަކަށް ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅުން މަނާކޮށް، ގާނޫނު ފާސްކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 17 އޯގަސްޓް 2016 ގަ އެވެ.